Support Us

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ)އިން ސޫރިޔާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސްޓެފާން ސަކަލިއަން

13 އަހަރު ތެރޭ 35،000 މީހުން ސޫރިޔާގައި ގެއްލުވައިލި

ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ސޫރިޔާގައި 35،000 މީހުން ގެއްލުވައިލައިފައިވާ ކަމަށް ބައިނަލްއަގުވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެޒެންޓުން ބުނެފިއެވެ.

"މި މުއްދަތުގެ ތެރޭގައި އާއިލާތަކަށް އެ އާއިލާތަކުން ގެއްލުނު މީހުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭތޯ ކެނޑިނޭޅި މަސައްކަތްކުރިން. އެންމެ ކުރީއްސުރެ ވެސް އަދި މިހާރު ވެސް އަހަރެމެން އެންމެ އިސްކަމެއް ދެނީ މި ކަމަށް،" ވަކި ފަރާތަކަށް ނުޖެހި ދުނިޔޭގައި ސިއްހީ އެހީ ފޯރުކޮށްދޭ މި ޖަމިއްޔާ، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ)އިން ސޫރިޔާއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސްޓެފާން ސަކަލިއަން ބުންޏެވެ.

ތޭރަ އަހަރަށް ފަހު ސޫރިޔާގެ ރައީސްކަމުން މި ހަފުތާގައި ބަޝާރުލް އައްސަދު ދުރުކުރެވުމުން އޭނާގެ އަނިޔާވެރިކަން ހިންގި ޖަލުތަކުން މިހާރު ގައިދީން ވަނީ މިނިވަންވެފައެވެ. މި ކަމުގެ ސަބަބުން އެ މީހުންގެ އާއިލާތަކަށް އުއްމީދު އާވި ނަމަވެސް ހިތާމައާއި ރުޅިވެރިކަމާއި މާޔޫސްކަން ވެސް މި އާއިލާތަކަށް ވަނީ ލިބިފައި ކަމަށް ސްޓެފާން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އަންގާރަ ދުވަހު ހެދުނު ސިދްނަޔާ ޖަލަށް އަހަރެންނާއި އަހަރެންގެ ޓީމުން ފުރަތަމަ ފަހަރަށް ޒިޔާރަތްކުރިން. އެތައް ސަތޭކަ ބަޔަކު ޖަލު ބޭރުގައި މަޑުކޮށްލައިގެން ތިބި މަންޒަރު ދުށިން. ހެދުނު ހަތެއް ޖެހީއްސުރެ އެ ތަނުގައި މަޑުކޮށްލައިގެން ހުރި މުސްކުޅި އަންހެނަކާ އަހަރެން ވާހަކަ ދެއްކިން. ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ގެއްލިފައިވާ އޭނާގެ ފިރިހެން ދަރިފުޅުގެ ކިތައްމެ ކުޑަ ނަމަވެސް މައުލޫމާތުކޮޅެއް ލިބޭތޯ އޭނާ މަޑުކޮށްގެން ހުރީ،" ސްޓެފާން ބުންޏެވެ.

އޭނާގެ ޓީމަށް ފެނުނީ އެތައް ކޮޓަރިއެއްގައި ތަރުތީބެއް ނެތި އުކައިލައިފައިވާ ލިޔެކިޔުމެވެ.

"ޖަލު ބަލަހައްޓާ މީހުންނާ މި ލިޔުންތައް ހަވާލުކުރިން. މި ފަދަ ލިޔުންތަކުން ގެއްލިފައިވާ މީހުންނާ ބެހޭ މުހިންމު މައުލޫމާތު ލިބިދާނެ،" ސްޓެފާން ބުންޏެވެ.

ސޫރިޔާގެ މުއައްސަސާތަކާ އަލަށް ހަވާލުވި ފަރާތްތަކަށް އައި.ސީ.އާރް.ސީ.އިން އިލްތިމާސް ކުރަމުން އަންނަނީ ލިޔެކިޔުމާމެދު ސަމާލުވުމަށެވެ. އެ ގޮތުން ހައްޔަރުކުރާ މައުލޫމާތާއި ބަންދުކުރާ މީހުންގެ ލިސްޓުތަކާއި މަރުވެފައިވާ ގައިދީންނާއި ކޯޓާއި ހޮސްޕިޓަލް މައުލޫމާތުތަކާމެދު ސަމާލުވާން އައި.ސީ.އާރް.ސީ.އިން އެދުނެވެ.

އެ ޖަމާއަތުން މި ހަފުތާގެ ތެރޭގައިވަނީ ޖަލުން މިނިވަންވި މީހުންނަށް އެހީވާން ފަށައިފައެވެ. ގެއްލިފައިވާ މީހުން ހޯދާ އާއިލާތަކަށް ގެއްލުނު މީހުން ހޯދަން އެހީވާން ފަށައިފައެވެ. އަދި މިނިވަންވި ގައިދީން އެ މީހުންގެ އާއިލާތަކާ އަލުން ބައްދަލުވުމަށް އެހީއެއްގެ ގޮތުން ހޮޓްލައިންތައް ގާއިމުކޮށްދީފައެވެ.

އައި.ސީ.އާރް.ސީ.އިން އެހީވަމުން އަންނަ ކަންތައްތަކުގެ ތެރޭގައި ލިޔެކިޔުން ބެލެހެއްޓުމުގެ އިތުރުން ގަބުރުސްތާނުތައް ރައްކާތެރިކުރުމާއި ދިރިތިބީންގެ ޒާތީ މައުލޫމާތު ރައްކާކުރުމާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފޮރެންސިކް ތަހުލީލުތައް ކުރުން ހިމެނެއެވެ.

"ވަކި ފަރާތަކަށް ނުޖެހި ތިބެ، ގެއްލުވައިލި މީހުން ހޯދުމާއި އެ މީހުންގެ އައިޑެންޓިޓީ ދެނެގަތުމަށް މަސައްކަތްކުރަން ތައްޔާރަށް އަހަރެމެން މި ތިބީ،" ސްޓެފާން ބުންޏެވެ.

މިނިވަންވެފައިވާ ގައިދީންނާއި ގެއްލުވައިލައިފައިވާ ގައިދީންގެ އާއިލާތަކަށް ބޭނުންވާ ކުއްލި އެހީ ދެމުން އަންނަކަމަށް އޭނާ ބުންޏެވެ. އެ ގޮތުން ނަފުސާނީ ކައުންސެލިންނާއި ސިއްހީ، އިގުތިސާދީ އަދި ގާނޫނީ އެހީ ވެސް ދެމުން އަންނަ ކަމަށް ސްޓެފާން ބުންޏެވެ.

"މިސާލަކަށް، މި ހަފުތާގައި، ވެރިރަށް ދިމިޝްގްގެ ދެ ހޮސްޕިޓަލަކަށް ސިއްހީ އާލާތްތައް ފޯރުކޮށްދިނިން. އެއީ ޒަހަމްވެފައިވާ މީހުންނަށާއި މިނިވަންވެފައިވާ ގައިދީންނަށް އެހީވުމަށް،" ސްޓެފާން ބުންޏެވެ.

ސޫރިޔާ ހަނގުރާމަ ފެށުނީއްސުރެ ވެސް، ހައްޔަރުކުރާ މީހުންނަށް ޒިޔާރަތްކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ހުރިހާ މުއައްސަސާތަކަށް ގޮވައިލަމުން އައި ކަމަށް ސްޓެފާން ބުންޏެވެ.

"އިންސާނުން ތަހައްމަލު ކުރަމުންދާ އެންމެ ވޭނީ ތަޖުރިބާތައް ހުއްޓުވޭނީ އެ މީހުން ހައްޔަރީންގެ ގޮތުގައި ތިބޭއިރު އެ މީހުންގެ ހާލު ބަލައި އެ މީހުންނަށް އެހީވެވުމުން. ސޫރިޔާގައި ވެސް އަދި އެހެން ގައުމުތަކުގައި ވެސް ކަންތައްތައް އޮންނަން ޖެހޭނީ މި ގޮތަށް،" ސްޓެފާން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *