Support Us

އިންޑިއާގެ ގުކޭޝް ޑޮއްމަރަޖޫ (ވ) އިއްޔެ ޗެމްޕިއަންކަން ހޯދި މެޗުގައި ކުޅެނީ

ދުނިޔޭގެ އެންމެ ހަގު ރާޒުވާ ޗެމްޕިއަނަކަށް އިންޑިއާ ޒުވާނެއް

ދުނިޔޭގެ އެންމެ ހަގު ރާޒުވާ ޗެމްޕިއަނަކަށް އުމުރުން 18 އަހަރުގެ އިންޑިއާގެ ގުކޭޝް ޑޮއްމަރަޖޫ ވެއްޖެއެވެ.

ގުކޭޝްއަށް މި މަގާމުގައި ލިބުނީ ސިންގަޕޫރުގައި ބޭއްވި 14 ގޭމް ސެޓަކުން ދުނިޔޭ ޗެމްޕިއަންކަން ދިފާއުކުރަމުން އައި ޗައިނާގެ އުމުރުން 32 އަހަރުގެ ޑިންގް ލިރެން އިއްޔެ ބަލިކޮށްފައެވެ.

އިނާމެއްގެ ގޮތުގައި ގުކޭޝްއަށް 2.5 މިލިއަން ޑޮލަރު (38.5 މިލިއަން ރުފިޔާ) ލިބުނެވެ.

ގުކޭޝްއަށް މި މުބާރާތުގައި ބެއިވެރިވެވުނީ ދުނިޔޭގެ ރާޒުވާއާ ބެހޭ ޖަމިއްޔާ އެފް.އައި.ޑީ.އީ.އިން އެޕްރިލް މަހު ބޭއްވި މުބާރާތް ކާމިޔާބުކުރުމުންނެވެ.

ރަޝިއާގެ އެނަތޮލީ ކާޕޮވާ 1985 ގައި ބަލިކުރުމުން ރަޝިއާގެ ގެރީ ކަސްޕަރަފް ވީ އެއިރުގެ އެންމެ ހަގު ޗެމްޕިއަނަށެވެ. ގެރީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އަހަރު އޭނާގެ އުމުރަށްވީ ވަރަށްވުރެ ގުކޭޝް ހަތަރު އަހަރު ހަގެވެ.

އިންޑިއާގެ ގުކޭޝް ޑޮއްމަރަޖޫއާ ދެކޮޅަށް ޗައިނާގެ ޑިންގް ލިރެން ފައިނަލު ގޭމްތަކުގައި ކުޅެނީ

ގުކޭޝް ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ މުޅިއެކު 7.5 މާކްސް ހޯދައިގެންނެވެ. ޑިންގަށް ލިބުނީ 6.5 މާކްސްއެވެ.

ދުލެއް ނުދީ ޔަގީންކަމާއެކު ކުޅެމުން އައި ގުކޭޝް ބުނީ އޭނާ ބޭނުންވީ ކޮންމެ ގޭމެއްގައި ވެސް ކުރިއަށް ޖެހޭނެ އެންމެ ބޮޑަކަށް ޖެހި ހަމަލާތައް އޮއްސަމުން ދިޔުމަށް ކަމަށެވެ.

"އަހަރެންގެ ރޭވުން ކާމިޔާބުވާން ނެގީ ހަމަ އެންމެ ގޭމެއް،" ގުކޭޝް ބުންޏެވެ.

ރަޝިއާގެ އިއަން ނިޕޮންނަޝީ މިދިޔަ އަހަރު ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޑިންގް އޭގެ ފަހުން ދިޔައީ ނާކާމިޔާބީއާ ދިމާއަށެވެ. ނަމަވެސް މި ފަހަރު 12 ވަނަ ގޭމްގައި މޮޅުވުމުން ބައެއް މީހުންނަށް ހީވީ ގުކޭޝް ބަލިކޮށްލެވޭނެ ކަމަށެވެ.

ދުނިޔޭގެ ޗެމްޕިއަންކަން 2013 ގައި ހޯދި ނޯވޭގެ މެގްނަސް ކާލްސަން އޭނާގެ މަގާމު އަމިއްލައަށް ދޫކޮށްލީ 2022 ގައެވެ.

"ދުނިޔޭގެ ޗެމްޕިއަނަށްވުމުގެ މާނައަކީ އަހަރެންނަކީ ދުނިޔޭގައި އެންމެ މޮޅަށް ރާޒުވާ ކުޅޭ މީހާއެއް ނޫން. މެގްނަސް ވެސް އެހެރީ. އެ ކަމުން ހިތްވަރު ލިބުނު،" ގުކޭޝް ބުންޏެވެ.

ގުކޭޝްއަކީ ދުނިޔޭގެ ރާޒުވާ ޗެމްޕިއަނަށްވި އިންޑިއާގެ ދެވަނަ ރައްޔިތެވެ. އިންޑިއާގެ ވިސްވަނަތަން އާނަންދު ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރަށް ހޯދައިފައެވެ.

ޗެމްޕިއަންކަން ލިބުމުން ހިތްތިރިކޮށް، ގުކޭޝް ޑިންގަށް ތައުރީފުކުރިއެވެ.

"ޑިންގް ކުޅެމުން އައީ ހަގީގީ ޗެމްޕިއަނެއް ފަދައިން،" އޭނާ ބުންޏެވެ.

ގުކޭޝްއަށް މަރުހަބާ ދަންނަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ ވިދާޅުވީ "ގުކޭޝް ހޯދީ ތާރީހީ ކާމިޔާބެއް ކަމަށާއި އޭނާ ދެއްކީ ލާމަސީލު މިސާލެއް" ކަމަށެވެ.

"ގުކޭޝްގެ ދެވަނައެއް ނުވާ ހުނަރާއި ބުރަ މަސައްކަތާއި ދެ ގޮތެއް ނުވާ ހިތްވަރުން އޭނާއަށް ކާމިޔާބު ލިބުނީ،" ގުކޭޝް ޓެގްކުރައްވައި މޯދީ އެކްސްގައި ވިދާޅުވިއެވެ.

"ގުކޭޝްގެ މި ކާމިޔާބީ ރާޒުވާގެ ތާރީހުގައި ލިޔެވިގެންދާނެ އަދި ބޮޑެތި ހުވަފެން ހަގީގަތަށް ހެދުމަށާއި ކަންކަމުގައި މޮޅުވުމަށް ޒުވާން ސިކުނޑިތަކަށް ހިތްވަރަކަށްވާނެ،" މޯދީ އިތުރަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *