Support Us

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ގާތްގަނޑަކަށް އެއްކޮށް މި ދިޔަ މަހު ވައި ތަޣައްޔަރުވެފައި

ވައި ތަޣައްޔަރުވުމުން އިންޑިއާގައި 3.8 މިލިއަން މަރު: ދިރާސާ

ވޭތުވެދިޔަ ދަހަރުގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން އިންޑިއާގައި 3.8 މިލިއަން މީހުން މަރުވެފައިވާ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

"އެތައް ސަތޭކަ ޑިސްޓްރިކްޓަކުން 2009 އާއި 2019 އާ ދެމެދު މި އަދަދަށް މީހުން މަރުވެފައިވޭ. ވައި ނުސާފުވުން ހަމައަކަށް އެޅުވުމަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ،" ދަ ލޭންސެޓުގައި ޝާއިއުކުރި ދިރާސާގައި ބުންޏެވެ.

ގައުމުގެ ވައި މިހާރު ތަޣްޔަރުވެފައިވާ މިންވަރަށްވުރެ ދަށަށް ކުރިމަގުގައި ދިޔަ ނަމަވެސް ގިނަ އަދަދެއްގެ މީހުން އަދިވެސް މަރުވަމުންދާނެކަމަށް ދަ ލޭންސެޓުން ބުންޏެވެ.

"ވައިގައި ހުރި ވިހައިގެ މާއްދާތަކުން މުޅި ގައުމުގައި ވެސް އެތައް ބަޔަކު މަރުވާނެ،" ދަ ލޭންސެޓުން ބުންޏެވެ.

ސްވިޑްންގެ ކެރޮލިންސްކާ އިންސްޓިޓިއުޓުން ބުނީ ވައިގައި ދައުރުވާ ވިހަ މައްދާތައް ފުއްޕާމެއަށާއި ލޭ ދައުރުކުރާ ނިޒާމަށް ވަންނާތީ މީހުންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ދިރާސާގައި ބަލައިލައިފައިވަނީ ވައިގެ ނުސާފުކަމާއި 655 ޑިސްޓްރިކްޓުން މީހުން މަރުވެފައިވާ އަދަދުތަކާ ގުޅުމެއްވޭތޯއެވެ.

އިންޑިއާގައި ވައި ތަޣައްޔަރުވެފައިވާ ކަމަށް ބަލަނީ ވައިގެ ކޮންމެ ކޮޑި މީޓަރަކަށް 40 މައިކްރޯގްރާމަށްވުރެ ވިހަ މާއްދާ އިތުރުވާ ނަމައެވެ.

"ވޭތުވެދިޔަ 10 އަހަރު މި މިންގަނޑަށްވުރެ މަތީގައި ވައިގެ ނުސާފުކަން ހުރީ،" ދިރާސާގައި ބުންޏެވެ.

އެ ގޮތުން ވެރިރަށް ނިއު ދިއްލީގެ ވައިގައި ކޮންމެ ކޮޑި މީޓަރަކަށް 119 މައިކްރޮގްރާމްގެ ވިހަ މައްދާ ހުއްޓެވެ.

"އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ގާޒީއާބާދުގައި ވެސް މި މިންވަރަށް ހުރި،" ދިރާސާގައި ބުންޏެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ކަނޑައަޅައިފައިވާ މިންގަނޑަކީ ވައިގެ ކޮންމެ ކޮޑި މީޓަރަކަށް ފަސް މައިކްރޯގްރާމްގެ ވިހަ މާއްދާއެވެ.

"މި މިންގަނޑުން ބަލައިފި ނަމަ، ވައި ތަޣައްޔަރުވުމުގެ ސަބަބުން އިންޑިއާގައި މި ދިޔަ ދަހަރުގައި 16.6 މިލިއަން މީހުން މަރުވެއްޖެ ކަމަށް ބެލެވިދާނެ،" ދިރާސާގައި ބުންޏެވެ.

ދިރާސާގައި ބުނެފައިވަނީ އިންޑިއާގެ މުޅި 1.4 ބިލިއަންގެ އާބާދީ އުޅެމުންދަނީ ޑަބްލިޔު.އެޗް.އޯ.ގެ މިންގަނޑަށްވުރެ ވައި ނުސާފު ހިސާބުތަކުގައި ކަމަށެވެ.

"ވޭތުވެދިޔަ 10 އަހަރު، ކޮންމެ އަހަރެއްގައިމެ، އިންޑިއާގެ ހުރިހާ ރައްޔިތުންވަނީ ނުސާފު ވަޔަށް ހުށަހެޅިފައި،" ދިރާސާގައި ބުންޏެވެ.

ދިރާސާގައި ބުނީ އިންޑިއާގައި މިހާރު ގާއިމުކޮށްފައިވާ ގަވައިދުތަކުން ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ.

"މިހާރަށްވުރެ ހަރުކަށި ގަވައިދުތަކާއި ފިޔަވަޅުތައް އަޅަންޖެހޭ. އެއީ ވައިގެ ތެރެއަށް ވިހަ މާއްދާތައް ދޫކުރުން މަދުކުރުމަށް،" ކެރޮލިންސްކާ އިންސްޓިޓިއުޓުން ބުންޏެވެ.

އެ ތަނުން ބުނީ މި ދިރާސާގެ ސަބަބުން އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ވައި ތަޣައްޔަރުވުމުގެ މައްސަލަ ހައްލުކުރަން އެކަށީގެންވާ ސިޔާސަތުތައް ތަންފީޒުކުރަން ސަރުކާރުތަކަށް ހިތްވަރު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އިންޑިއާއިންވަނީ 2017 އިން ފެށިގެން ވައިނުސާފުވުމާ ދެކޮޅަށް ޕްރޮގްރާމެއް ފަށައިފައެވެ. ނަމަވެސް ވައި ތަޣައްޔަރުވާ މިންވަރު ގައުމުގެ ގިނަ ހިސާބުތަކުގައި އަދިވެސް ދަނީ އިތުރުވަމުންނެވެ.

ދަ ލޭންސެޓުން ބުނީ އެންމެ ފަހުން މި ކުރެވުނު ދިރާސާއަކީ ވައި ތަޣައްޔަރުވުމާއި އިންޑިއާ ރައްޔިތުން މަރުވުމާ ހުރި ގުޅުމާ ގުޅޭ ގޮތުން ކުރެވުނު އެންމެ ރަނގަޅު ދިރާސާކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *