ފްރާންސްގައި ޒިންކުން ފުރާޅު ހެދުމާއި މި މައުދަނު ބޭނުންކޮށްގެން ގަހަނާ ހެދުމުގެ މަސައްކަތް އިންސާނީ ތަރިކައެއްގެ ގޮތުގައި ރައްކާތެރިކޮށްފިއެވެ.
އދ.ގެ ސަގާފަތާއި ތަރިކަ ހިމާޔަތްކުރާ ޖަމިއްޔާ، ޔުނެސްކޯއިން ބުނީ "ފްރާންސްގެ ވެރިރަށް ޕެރިސްއަކީ މި ހުނަރުގެ އަރުޝީފެއް" ކަމަށެވެ.
ޒިންކު ބޭނުންކުރުން ފްރާންސްއިން ފެށީ 19 ވަނަ ގަރުނުގައެވެ. މިހާރު ޕެރިހުގެ ފުރާޅުތަކުގެ 80 ޕަސެންޓަކީ ޒިންކުން ތައްޔާރުކޮށްފައިވާ ފުރާޅުތަކެވެ.
"ޒިންކުން ޕެރިސްއަށް މިހާރުވަނީ ހާއްސަ އައިޑެންޓިޓީއަކާއި ސިފައެއް ގެނެސްދީފައި،" ޔުނެސްކޯއިން ބުންޏެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޕެރިސްގެ ރަށްވެހިން މިހާރު އަންނަނީ އެ މީހުންގެ ގެދޮރާއި އެހެނިހެން އިމާރާތްތަކުގެ ފުރާޅުތައް ޒިންކު ބޭނުންކޮށްގެން ހަދަމުންނެވެ. ހޫނުގަދަވުމުން ސަލާމަތްވާށެވެ. މިހެންވެ ޒިންކު ބޭނުންކޮށްގެން މަސައްކަތްކުރާ މީހުންނަށް އާމްދަނީ ލިބުމުގެ އިތުރުން އެ މީހުންގެ ހުނަރުތައް ދައްކައިލުމަށް ވެސް ވަނީ ފުރުސަތު ލިބެން ފަށައިފައެވެ.
"މިއީ ރަނގަޅު ކުރިމަގެއް އޮތް މަސައްކަތެއް،" ޕެރިސްގެ ނުވަ ވަނަ އަވަށުގެ މޭޔަރު ޑެލްފީން ބުރުކްލީ ބުންޏެވެ.
"ޔުނެސްކޯއިން މި މަސައްކަތް ބަލައިގަތުމަކީ ޕެރިސްގައި ޒިންކުން ފުރާޅު ހަދައިދޭ 6،000 އެއްހާ މަސައްކަތްތެރިންނަށް ލިބުނު ފަހުރެއް،" ޒިންކު މަސައްކަތް ހިމާޔަތްކުރުމަށް އދ.ގައި އެދުނު ފޯމު ތައްޔާރުކުރުމަށް އިސްކޮށް އުޅުނު ޖިލެ މެހްމޭ ބުންޏެވެ.
ޒިންކު މަސައްކަތްތެރިން މިހާރު އުއްމީދުކުރަނީ ޕެރިސްގެ މަލަމަތި ރީކޮށްލައިފައިވާ ޒިންކު ފުރާޅުތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބޭނެ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ޒިންކުން ގަހަނާ އާއި އަތްތެރިމަސައްކަތުގެ ސާމާނާއި ޒިންކުން އެހެނިހެން ތަކެތި ތައްޔާރުކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޒުވާނުންނަށް ހިތްވަރު ލިބޭނެ ކަމަށެވެ.
"ޕެރިސްގެ މަލަމަތީގެ ހާއްސަކަން ދެމެހެއްޓޭނީ ޒިންކު ފުރާޅުތައް ލައިގެން. ޕެރިސްގައި ޒިންކު ފުރާޅުތައް ނެތުމަކީ މި ތަނުގެ މަޝްހޫރު އައިފަލް ޓަވަރު ނެތުން ކަހަލަ ކަމެއް،" ޑެލްފީން ބުންޏެވެ.



advertisment