ޔޫކްރެއިން ހަނގުރާމަ ވަގުތުން ހުއްޓައިލަން ޖެހޭ ކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޔޫކްރެއިން އަދި ރަޝިއާއާއެކު ވާހަކަ ދައްކަވައިގެން ދެ ފަރާތަށް ފައިދާވާނެ ގޮތަށް ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް ތަފުސީލެއް ނުދެއްވައެވެ.
"ޔޫކްރެއިން ބޭނުންވޭ ޑީލްއެއް ހަދަން. ހަނގުރާމަ ވަގުތުން ހުއްޓައިލަން ޖެހޭ. އަދި ސުލްހައިގެ މަޝްވަރާތައް ފަށަން ޖެހޭ،" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވިއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ އާއި ޓްރަމްޕްވަނީ މި ހަފުތާގައި ފްރާންސްގައި ބައްދަލުކުރައްވައިފައެވެ. އެއީ ފްރާންސްގެ ތާރީހީ ނޮޓްރަ-ޑާމް ނަސޯރާ ފައްޅި މީގެ ފަސް އަހަރު ކުރިން އެނދުމަށް ފަހު އަލުން ހުޅުވި ރަސްމިއްޔާތުގައެވެ. މިއީ މި ދިޔަ މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބަށް ފަހު ޓްރަމްޕް އާއި ޒެލެންސްކީ ސީދާސީދާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ޒެލެންސްކީ ވިދާޅުވީ ހަނގުރައިމައިގައި މިހާތަނަށް ޔޫކްރެއިންގެ 43،000 ސިފައިން މަރުވެފައިވާ ކަމަށާއި 370،000 ސިފައިން ޒަހަމްވެފައިވާ ކަމަށެވެ.
ފްރާންސްގައި ޓްރަމްޕް އާއި ޒެލެންސްކީއާދެމެދު ބޭއްވެވި ބައްދަލުކުރެއްވުން އެއް ގަޑިއިރަށް ދެމިގެންދިޔައެވެ. ބައްދަލުކުރެއްވުމުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވެސް ބައިވެރިވެވަޑައިގަތެވެ. ނަމަވެސް ތިން ބޭފުޅުން ވާހަކަ ދެއްކެވީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ހާމައެއް ނުކުރައްވައެވެ. ޔޫކްރެއިނުންނާއި ފްރާންސުން ބުނީ "މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުކުތް"ކަމަށެވެ.
ޔޫކްރެއިން ހަނގުރާމަ ހުއްޓައިލުމަށް ޓްރަމްޕް ގޮވައިލެއްވުމުން ޒެލެންސްކީ ވިދާޅުވީ "ސުލްހައަކީ ހަމައެކަނި ކަރުދާސްކޮޅެއްގައި އޮންނަ އެއްޗެއް ނޫން" ކަމަށާއި އެ ކަމަށް "ގެރެންޓީތަކެއް ވެސް ލިބެން ޖެހޭ" ކަމަށެވެ.
"ރަޝިއާއާއެކު ހަރުދަނާ ގޮތެއްގައި ސުލްހަ ގާއިމުކުރާ ވާހަކަ ދައްކާއިރު، އަހަރެމެން އެންމެ ފުރަތަމަ ވާހަކަ ދައްކަންޖެހޭނީ ސުލްހައަށް ޔަގީންކަން ލިބޭނީ ކިހިނެތްތޯ. އެހެން އެންމެނަށްވުރެ ވެސް ބޮޑަށް ޔޫކްރެއިން ރައްޔިތުން ސުލްހަ ބޭނުންވޭ،" އެކްސްގައި ޒެލެންސްކީ ލިއުއްވިއެވެ.
"ކުޑަ ކަރުދާސްކޮޅަކާއި އޭގައި މަދު އަދަދެއްގެ ސޮއިތަކެއް އޮތުމަކުން ހަނގުރާމައެއް ނުނިމޭނެ. ގެރެންޓީއެއް ނެތި ހަމަލާ ބަދަލުކުރުން ހުއްޓައިލިޔަސް އަލުން ހުޅުފަޅާފާނެ. މީގެ ކުރިން ވެސް (ރަޝިއާގެ ރައީސް ވްލަޑިމިއަ) ޕުޓިން ކަންތައް ކުރެއްވީ އެހެން. ޔޫކްރެއިން ރައްޔިތުންނަށް މި ފަހަރު ގެއްލުމެއް ނުލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި ސުލްހައަށް ޔަގީންކަން ދޭން ޖެހޭ. އަދި ރަޝިއާއިން ޔޫކްރެއިން ހިފުމަށްކުރާ ހަނގުރާމަ ދާނެ ގޮތަކަށް ދާން ދޫކޮށްލައިގެން ތިބެގެން ނުވާނެ،" ޒެލެންސްކީ ވިދާޅުވިއެވެ.
"އަހަރެން ޕުޓިން ވަރަށް ރަނގަޅަށް ދަންނަން. މިއީ އޭނާގެ ފަރާތުން ރަނގަޅު ނިންމުމެއް ނިންމަވަންވީ ވަގުތު. ޗައިނާއަށް ވެސް އެހީވެވިދާނެ. ދުނިޔެ އޮތީ ވާގޮތެއް ބަލަން އިންތިޒާރުކޮށްގެން،" ޓްރަމްޕް ވިދާޅުވިއެވެ.
ޔޫކްރެއިން ހަނގުރާމަ ހުއްޓައިލަން ޓްރަމްޕް ގޮވައިލެއްވުމާ ގުޅިގެން ރަޝިއާއިން މިހާރުވަނީ ސުލްހަ ގާއިމުކުރާނެ ޝަރުތުތަކުގެ ލިސްޓެއް ހުށަހަޅައިފައެވެ.
"ސުލްހައިގެ ވާހަކަތަކަށް ރަޝިއާއިން މަރުހަބާކިޔަން. ނަމަވެސް ރަޝިއާ ސިފައިން ޔޫކްރެއިންގައި މި ވަގުތު ތިބި ހިސާބުތަކާއި 2022 ގައި ތުރްކިޔެގައި ވީ އެއްބަސްވުމަށް ޔޫކްރެއިނުން އިހުތިރާމްކުރަންޖެހޭނެ،" ޕުޓިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޯފް ބުންޏެވެ.
ރަޝިއާއިން އަބަދުވެސް ބުނަމުން އަންނަނީ ތުރްކިޔެގައި ގާއިމުކުރި އެއްބަސްވުން ޔޫކްރެއިނުން ބަލައިގަންނަން ޖެހޭނީ އެއީ ކުރިމަގުގައި ރަޝިއާއާއެކު ސުލްހަވުމަށް އަޅާ ބިންގާގެ ގޮތުގައި ކަމަށް ޕެސްކޯފް ބުންޏެވެ.
"ޕުޓިންގެ ނިންމެވުން ރަޝިއާގެ ހާރިޖިއްޔާއަށް ޖޫން މަހު ވަނީ އަންގަވައިފައި. ސުލްހައިގެ މަޝްވަރާތަކަށް އެއްބަސްނުވަނީ ޔޫކްރެއިނުން،" ޕެސްކޯފް ބުންޏެވެ.
ޕުޓިން ވިދާޅުވެފައިވަނީ ޔޫކްރެއިނުން ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ ޖަމާއަތް ނޭޓޯއާ ބައިވެރިވެގެން ނުވާނެ ކަމަށާއި ސުލްހަ ގާއިމުކުރަންޖެހޭނީ ރަޝިއާއިން ހިފައިފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް ރަޝިއާއަށް އެއްކޮށް ދޭ ގޮތަށް ކަމަށެވެ.
"ހާއްސަ އެންގުމެއްގެ ދަށުން ރަޝިއާގެ ލީޑަރުންނާ މުއާމަލާތްކުރުން ޒެލެންސްކީވަނީ މަނާކުރައްވައިފައި. ސުލްހައިގެ ވާހަކަ ކުރިއަށްގެންދެވޭނީ މި ނިންމެވުން ބަދަލުކުރެއްވުމުން،" ޕެސްކޯފް ބުންޏެވެ.



advertisment