Support Us

ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްސާނީ

ޓްރަމްޕް ހުވާކުރެއްވުމުގެ ކުރިން ޣައްޒާ ހަނގުރާމަ ހުއްޓުވިދާނެ: ގަތަރު

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަނަވަރީ 20 ގައި ހުވާކުރެއްވުމުގެ ކުރިން ޣައްޒާއަށް ސުލްހަ ގެނެވިދާނެ ކަމަށް ގަތަރުން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ޣައްޒާ ހަނގުރާމަ ހުއްޓަވައިލައްވަން ދެކެވަޑައިގަންނަވާ ގޮތުގައި ތަފާތު ކަމެއް ހުންނާނެ ކަމަށާއި ނަމަވެސް ބައިޑެން އަދި ޓްރަމްޕް ވެސް ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނެވުމުގެ އަމާޒުގައި ދެބަސްވުމެއް ނެތް ކަމަށް ފެނިވަޑައިގަތް ކަމަށް ދޫހާ ފޯރަމްގައި ވާހަކަ ދައްކަވަމުން ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްސާނީ ވިދާޅުވިއެވެ.

"މިއީ އަހަރެމެންނަށް ފަހުމްވުން ވަރަށް މުހިންމު ކަމެއް. ހަމާސް އާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ޣައްޒާގެ ސުލްހައިގެ ވާހަކަތައް އާ ބާރަކާއެކު ކުރިއަށް އެބަދޭ. ޓްރަމްޕް ހުވާ ކުރެއްވުމުގެ ކުރިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން އެކަށީގެންވޭ،" މުހައްމަދު ވިދާޅުވިއެވެ.

ދުނިޔޭގައި ސުލްހަ ދަމަހައްޓާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ ދޫހާ ފޯރަމްގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ ހަމާސް އާއި އިސްރާއީލާ ދެމެދު އެއްބަސްވާން ޖެހޭ އޮތީ މުހިންމު ދެ ކަމެއް ކަމަށެވެ.
"އެއީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނު ރައްޔިތުން ދޫކޮށްލުމުން ހަމާސްއިން ރަހީނުކޮށްފައިވާ ޔަހޫދީން ދޫކޮށްލުމާއި ހަނގުރާމަ ހުއްޓައިލަން ބޭނުންވާ ކަމުގެ އެދުމެއް ޣައްޒާ އާއި އިސްރާއީލުގައި ވޭތޯ،" މުހައްމަދު ވިދާޅުވިއެވެ.

މީގެ މަސްތަކެއް ކުރިން ސުލްހައިގެ ވާހަކަތަކުން ގަތަރު އަމިއްލައަށް ބޭރުވީ ޣައްޒާ ހަނގުރާމައިން ނާޖާއިޒު ސިޔާސީ ފައިދާތަކެއް ބައެއް ގައުމުތަކުން ނަގަމުން ދިއުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް މިހާރު އަނެއްކާވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވަނީ ޓްރަމްޕް ހުވާކުރެއްވުމުގެ ކުރިން ޣައްޒާއަށް ސުލްހަ ގެނެވޭނެ ކަމަށް. އެހެންކަމުން ސުލްހައިގެ ވާހަކަތައް އަލުން ހަމަ މަގަށް އަޅުވަން މިހާރު މި މަސައްކަތް ކުރަނީ،" މުހައްމަދު ވިދާޅުވިއެވެ.

ހަމާސް އާއި އިސްރާއީލުން ވާހަކަ ދައްކައިގެން ދެ ފަރާތަށް ފައިދާވާނެ ގޮތަށް ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ޓްރަމްޕްގެ ގާތް ބޭފުޅުން ހިތްވަރު ދެއްވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމެރިކާގެ ރިޔާސީ އިންތިހާބަށް ފަހު، ޣައްޒާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް އަލުން ހަލުއި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމުގެ އިޝާރާތެއް ވަނީ ލިބިފައި،" މުހައްމަދު ވިދާޅުވިއެވެ.

ހަމާސް އާއި އިސްރާއީލުގެ ގުޅުން މިހާރު ގާތްވެފައިވާ ކަމަށާއި ނަމަވެސް ސުލްހައިގެ ވާހަކަތައް މިހާރު ކުރިއަށްގެންދަނީ ރައްކާތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުލްހައިގެ ވާހަކަތައް ކުރިން ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް އެންމެންނަށް އެނގޭ ގޮތަށް ހުޅުވައިލައިގެން. އެ ކަމުގެ ސަބަބުން ދެ ފަރާތަށް ވެސް ކަންތައްތައް ދިޔައީ ދެރަގޮތަކަށް،" މުހައްމަދު ވިދާޅުވިއެވެ.

ހަމާސް އާއި އިސްރާއީލާ ދެމެދު ހިޔާލު ތަފާތުވާ އެންމެ ބޮޑު މައްސަލައަކީ ހަމަލާ ބަދަލުކުރުމުގެ މާނައަކީ ޣައްޒާ ހަނގުރާމަ އެއްކޮށް ހުއްޓައިލަނީތޯއެވެ. އެއީ ފަލަސްތީނުގެ ގައިދީން، ޔަހޫދީ ރަހީނުން ދޫކޮށްލުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވެންތޯއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް މިހާރު ނުގެންދެވޭނެކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ. ސަބަބަކީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން ޓްރަމްޕް ބާރުއަޅުއްވައިފައިނެތީއެވެ. ޣައްޒާގެ ކުރިމަގާމެދު ނަތަންޔާހޫ މިހާރު ހުރީ ހަމަހިމޭނުންނެވެ.

މުހައްމަދު ވިދާޅުވީ ޣައްޒާ ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރިދާނެ ކަމަށް ދުނިޔޭގެ ހުރިހާ އެންމެނަށް އިންޒާރު ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *