ބަނގުލަދޭޝްގައި ޓެރަރިސްޓް ހަމަލާތަކެއް ދިނުން ކައިރިކަމަށް އިނގިރޭސި ވިލާތުގެ ހާރިޖިއްޔާއިން ބުނެފިއެވެ.
ފޮރިން، ކޮމަންވެލްތު އެންޑް ޑެވެލޮޕްމެންޓް އޮފީސް (އެފް.ސީ.ޑީ.އޯ)އިން ނެރުނު ޓްރެވެލް އެޑްވައިސަރީގައި ބުނީ ކޮންމެހެން ކުރަން މަޖުބޫރު ނޫން ދަތުރެއް އިނގިރޭސި ރައްޔިތުން ނުކުރުމަށް މި ދަނޑިވަޅުގައި އިލްތިމާސްކުރާ ކަމަށެވެ.
"މީހުން އެއްވެ އުޅޭ ސަރަހައްދުތަކާއި ދީނީ ތަންތަނާއި ސިޔާސީ ހަރަކާތްތައް ހިންގާ ތަންތަނަށް ދިއުމަކީ ބިދޭސީންނަށް އޮތް ނުރައްކަލެއް. އިސްލާމް ދީނާ ހިލާފު ހިޔާލުތަކާއި ލައިފްސްޓައިލް ގެންގުޅޭ މީހުންނަށް ނުރައްކާ އެބައޮތް،" އެޑްވައިސަރީގައި ބުނެފައިވެއެވެ.
ހާރިޖިއްޔާއިން ބުނީ އަމިއްލައަށް ތައްޔާރުކުރާ "އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް" (އައި.އީ.ޑީ) މީގެ ކުރިންވެސް ބޮޑެތި ސަހަރުތަކުގައި ގޮއްވާލައިފައިވާކަމަށެވެ.
"އަޣުލަބިއްޔަތު ނެތް ދީނީ މުޖުތަމައުތަކާއި ފުލުހުންނާއި ސަލާމަތީ ބާރުތަކަށް ޓެރަރިސްޓް ހަމަލާ ދިނުމުގެ ބިރު އެބައޮތް،" އެޑްވައިސަރީގައި ބުނެފައިވެއެވެ.
މި ފަދަ ހަމާލަތަކެއް ދީފާނެތީ ބަނގުލަދޭޝްގެ ރަސްމީ އިދާރާތަކުން ސަލާމަތީ ފިޔަވަޅުތައް އިތުރުކޮށްފާނެކަމަށާއި މީހުންނަށް ދަތުރުކުރެވޭ ތަންތަންވެސް މަދުކޮށްފާނެކަމަށް ބެލެވޭކަމަށް އެޑްވައިސަރީގައި ބުނެފައިވެއެވެ.
"ކުރިން އިންޒާރެއް ނުދީވެސް ކުއްލިއަކަށް މި ކަހަލަ ފިޔަވަޅުތަކެއް ބަނގުލަދޭޝް ސަރުކާރުން އަޅައިފާނެ. އެއީ ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު ހުއްޓުވަން،" އެޑްވައިސަރީގައި ބުނެފައިވެއެވެ.
އެފް.ސީ.ޑީ.އޯ.އިން ބުނީ ބަނގުލަދޭޝްގެ ސިޔާސީ މަސްރަހު ހަލަބޮލިކަމަށެވެ. އަދި ފާހަގުކުރީ އިހުތިޖާޖުކުރުމާއި ހަޅުތާލުކުރުމުގެ ހަރަކާތްތައްވެސް އަނިޔާވެރިކަމާ ހިސާބަށް ދިއުން އެކަށީގެންވާކަމަށެވެ.
"ސަލާމަތީ ބާރުތަކާ ކުރިމަތިލުމާއި އަލިފާންޖެހުމާއި މުދަލަށް ގެއްލުންދިނުމާއި ތަންތަން ސުންނާފަތިކުރުމާއި ދަތުރުފަތުރުގެ ނިޒާމަށް ދޭ ހަމަލާތަކުގައި މީގެ ކުރިން މީހުން މަރުވެފައި އެބަހުރި،" އެޑްވައިސަރީގައި ބުނެފައިވެއެވެ.
ހާރިޖިއްޔާއިން މި ދިން ނަސޭހަތް ގަބޫލުކުރުމަކީ މަޖުބޫރުކަމެއް ނޫނަސް މި ފަދަ އެޑްވައިސަރީތަކަށް ތަބާނުވާ ދަތުރުވެރިންނާއި ޓޫރިސްޓުންނަށް އިންޝުއަރެންސް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.



advertisment