އިދިކޮޅު ފަރާތްތަކުން ދައުލަތާ ދެކޮޅު ހަރަކާތްތައް ހިންގާކަމަށް ތުހުމަތުކުރައްވައި ރައީސް ޔޫން ސުކް ޔިއޯލް ދެކުނު ކޮރެއާގައި މިއަދު މާޝަލް ލޯ އިއުލާންކުރައްވައިފިއެވެ.
"އަސްކަރީ ގާނޫނު ހިންގައިގެން މިނިވަން އަދި ޑިމޮކްރެޓިކް ގައުމެއްގެ ގޮތުގައި ދެކުނު ކޮރެއާ ތަރައްގީކުރާނަން،" އޭނާ ވިދާޅުވިއެވެ.
ޔޫން ވިދާޅުވީ މާޝަލް ލޯ ހިންގަން ނިންމެވި އެއް ސަބަބަކީ އުތުރު ކޮރެއާގެ ކޮމިއުނިސްޓް ސިފައިންގެ ފަރާތުން ނުރައްކާ ކުރިމަތިވުމުންކަމަށެވެ.
"ދެކުނު ކޮރެއާގެ ދައުލަތާ ދެކޮޅަށް ހިންގާ ނުތަނަވަސް އަމަލުތަކުން ރައްޔިތުންނާއި ގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް މި ނޫން ގޮތެއް ނެތް،" ޔޫން ވިދާޅުވިއެވެ.
އިދިކޮޅު ޕީޕްލް ޕަވާ ޕާޓީގެ ލީޑަރު ހާން ޑޮންގް-ހޫން ބުނީ މާޝަލް ލޯ ހިންގުމަކީ ގޯސް ފިޔަވަޅެއް ކަމަށެވެ.
"ރައްޔިތުންގެ ފަޅީގައި ހުރެގެން އަހަރެން މާޝަލް ލޯއާ ދެކޮޅަށް ވަކާލާތުކުރާނަން،" އޭނާ ބުންޏެވެ.
ޔޫން މާޝަލް ލޯ ގާއިމުކުރެއްވުމުން އެ ކަމާ ގުޅިގެން ޕާލަމަންޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ބޭނުންކަމަށް ޑިމޮކްރެޓިކް ޕާޓީން ބުންޏެވެ.
ޔޫން 2022 ގައި ވެރިކަމަށް ވަޑައިގަތަސް ގާނޫނު ހަދާ މަޖިލީހުގައި އޭނާއަށް އަޣުލަބިއްޔަތު ނެތުމުން އޭނާ ބޭނުންވެވަޑައިގަންނަވާ ކަންތައްތައް ގައުމުގައި ހިންގޭނެ ގޮތް ވަނީ ނުވެފައެވެ.
ޕީޕްލް ޕަވާ ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީގެ އަރައިރުމާ ހެދި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބިލް ވެސް ވަނީ ޕާލަމަންޓްގައި ތާށިވެފައެވެ.
"ގައުމުގެ މުހިންމު ކަންތައްތައް ހިންގަން ކަނޑައަޅައިފައިވާ ބަޖެޓުގެ ބައިތައް ޕާލަމަންޓުންވަނީ ކަނޑައިލައިފައި. މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަކުރާށައި އާއްމުން ރައްކާތެރިކުރާނެ ފައިސާއެއް ވެސް ނެތް. މި ކަމުގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމުތަކަށްވަނީ ބުރޫއަރައިފައި،" ޔޫން ވިދާޅުވިއެވެ.
މި ކަމުގެ ސަބަބުން ރައްޔިތުންގެ ކަންތައްތައް ވިއްސިވިހައިލިވެފައިވާކަމަށާއި ގައުމު ވެފައިވަނީ މަސްތުވާތަކެތީގެ ހާއްޔަކަށްކަމަށް ޔޫން ވިދާޅުވިއެވެ.
އޭނާގެ އަނބިކަނބަލުންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ތަހުގީގު ނުކުރައްވަން ނިންމެވުމުން ވެސް އިދިކޮޅު ފަރާތްތަކުންވަނީ ޔޫންއަށް ފާޑުކިޔަން ފަށައިފައެވެ.



advertisment