Support Us

ތޫފާން "ފެންގަލް"ގެ ސަބަބުން ލަންކާގައި ފެންބޮޑުވެފައި

ތޫފާނު "ފެންގަލް"ގައި ލަންކާގައި 16، އިންޑިއާގައި 3 މަރު

ތޫފާނު "ފެންގަލް"ގައި ސްރީ ލަންކާގައި 16 މީހުން މަރުވެ، އިންޑިއާގައި ތިން މީހުން މަރުވެއްޖެއެވެ.

"ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 139،000 އެއްހާ އާއިލާއަށް ވަނީ އަސަރުކޮށްފައި،" ލަންކާގެ ވެރިރަށް ކޮޅުނބުގެ ކާރިސާ ބަލަހައްޓާ މަރުކަޒުން އިއްޔެ ބުންޏެވެ.

ލަންކާގައި ހަ ކުޑަކުދިން ވަނީ މަރުވެފައެވެ. އެ ކުދިންނާއެކު ހުރި ބޮޑެތި ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ސަރުކާރުންވަނީ 2،700 މީހުންގެ ޓީމެއް ފޮނުވައިފައެވެ.

ތޫފާން "ފެންގަލް"ގެ ސަބަބުން އިންޑިއާގެ ޗެއްނާއީގެ އައްސޭރި ކައިރީގައި އުފެދިފައިވާ ބޮޑެތި ރާޅުތައް

އިންޑިއާގައި ތިން މީހުން މަރުވީ އިއްޔެއެވެ. އުމުރުން 45 އަހަރުގެ މީހަކު މަރުވީ ދެކެނުގެ ޓެމިލް ނާޑޫ ސްޓޭޓްގައި ބޯކޮށް ވާރޭ ވެހެނިކޮށް ކަރަންޓު ނަރެއް ކަނޑައިގެންގޮސް އޭނާގެ ގައި މައްޗަށް ވެއްޓި އޭނާ ކަރަންޓުގައި ޖެހުމުންނެވެ.

އިންޑިއާ ސަރުކާރުން ވަނީ މި ތިން މީހުންގެ އާއިލާއަށް ބަދަލު ދޭނެކަމަށް ބުނެފައެވެ.

ފެންގަލް ސައިކްލޯން އަދިވެސް ދަނީ ދެކުނު އިންޑިއާ ސުންނާފަތިކުރަމުންނެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ، ސްކޫލްތައް ބަންދުކުރަންޖެހި، އަދި އެތައް ސްޓޭޓެއްގައި ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އައްސޭރިފަށުގައި އޮންނަ ޕުޑުޗެރީއަށްވަނީ ސިފައިން ފޮނުވައިފައެވެ. މިވީ 30 އަހަރުގެ ތެރޭގައި ވާރޭ ނުވެހޭ ވަރަށް އެ ސްޓޭޓަށް ވަނީ ފެންގަލްގެ ސަބަބުން ވާރޭ ވެހިފައެވެ.

ހޮނިހިރު ދުވަހު ފެންގަލްގެ އަސަރު ފޯރުމާއެކު 200 އެއްހާ މީހުން ސަލާމަތްކުރުމަށް ސިފައިން ވަނީ ބޯޓުފަހަރު ބޭނުންކޮށްފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ގިނަ ފިހާރަތަކާއި ވިޔަފާރިތައްވަނީ ބަންދުކޮށްފައެވެ. އަދި ގިނަ ސަރަހައްދުތަކުންވަނީ ކަރަންޓު ކެނޑިފައެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ސްޓޭޓްތަކާއި ގައުމީ ފެންވަރުގައި އިއްޔެވަނީ މަސައްކަތް ފަށައިފައެވެ.

ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ޓެމިލް ނާޑޫއަށް ވާރޭ ވެހުނު މިންވަރު އިތުރެވެ. އެ ގޮތުން އެތައް ސަރަހައްދަކަށްވަނީ 40 ސެންޓިމީޓަރުގެ ވާރޭ ވެހިފައެވެ.

"މިއީ މި ސްޓޭޓްގައި ކުރިން ރެކޯޑު ނުކުރެވޭ މިންވަރަކަށް ވެހުނު ވާރޭ،" ޗީފް މިނިސްޓަރު އެމް.ކޭ. ސްޓާލިން ބުނިކަމަށް ސީ.އެން.ބީ.ސީ.އިން ރިޕޯޓްކުރިއެވެ.

ޓެމިލް ނާޑޫ ކައިރީގައި އޮންނަ ދެކުނު ސްޓޭޓެއްކަމަށްވާ ކެރަލާއިންވަނީ ސަބަރިމަލާއަށް ދަތުރުކުރަން މަނާކޮށްފައެވެ. އެއީ ޕަތަނަމްތިއްޓަ އަދި އިޑުއްކިގައި ފެންބޮޑުވުމުންނެވެ. މޫސުން ރަނގަޅުވުމުގެ ކުރިން ކޯރުތަކުގައި ދަތުރުނުކުރުމަށާއި އައްސޭރިފަށުގައި ފެންނުވަރާށާއި އަޒްހުތައްކަޑަވު-ޕަމްޕަ އަދި ސަތުރަމްގެ ޖަންގަލި މަގުތަކުން ވެސް ދަތުރުނުކުރަންވަނީ އިންޒާރުދީފައެވެ.

"ވާރޭ ވެހުން މިއަދު ކޮންމެވެސް ވަރަކަށް މައިތިރިވެފައިވާ ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކެއް މިއީ،" އޮފިޝަލަކު ބުންޏެވެ.

ޓެމިލް ނާޑޫ އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ. ވެރިރަށް ޗެއްނާއީ ދެކުނު ސަރަހައްދުތަކާ ގުޅުވައިދޭ ވިއްލުޕުރަމް މަގު ވަނީ ބަންދުކުރަންޖެހިފައެވެ. އެއީ ފެންބޮޑުވުމުގެ ސަބަބުންނެވެ. ވިކްރަވަންޑި-މުންޑިޔަމްޕައްކަމް ބްރިޖު އަދިވެސް އޮތީ ފެނުއަޑީގައެވެ. މި ކަމުގެ ސަބަބުން ރޭލު ދަތުރުތައްވަނީ ހުއްޓައިލަންޖެހިފައެވެ.

ޗެއްނާއީ އެއާޕޯޓު ހޮނިހިރު ދުވަހު ބަންދުކުރި ނަމަވެސް އިއްޔެވަނީ ހުޅުވައިފައެވެ.

ކައިރީގައިވާ ކުއްޑާލޯރު، ކްރިޝްނާގިރި އަދި ދަރުމަޕޫރީ ވެސް ވަނީ ހާލުގައިޖެހިފައެވެ. އެ ގޮތުން ފެންބޮޑުވެ އޮއެގައި ޖެހި އެއްގަމު އުޅަނދުތައް ކަހައިލައިގެން ދިއުމާއި މަގުތަކުގައި މިހާރު ދަތުރުކުރުމަށް ހުރަސްއެޅިފައިވެއެވެ.

ހުއްޓި ނުލައި ވާރޭ ވެހުމުން ކަންޗިޕުރަމް ޑިސްޓްރިކްޓްގެ ޑޭމްތަކުންވަނީ ފެންގަނޑު ބަންޑުންވެފައެވެ. އަދި ތެންޕެއްނައި ކޯރު ބަންޑުންވުމުން ތިރުވައްނަމަލައިއަށް ދަތުރުކުރާ މަގުތައްވަނީ ބަންދުވެފައެވެ.

ސްޓޭޓް ސަރުކާރުންވަނީ ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް 900،000 އަށްވުރެ ގިނަ ކާބޯތަކެތީގެ ޕެކެޓް ބަހައިފައެވެ. އަދި ހާލުގައި ޖެހިފައިވާ 1،000 އެއްހާ މީހުން 32 ވަގުތީ ހިޔަލަށް ގެންގޮސްފައެވެ.

ދެކުނުގެ ސްޓޭޓެއްކަމަށްވާ ކަރްނަޓަކާއިން ވަނީ މައިސޫރު، ކޮލަރު އަދި ޗިއްކަބައްލަޕޫރުގެ ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައެވެ. ކަރައިކަލްގައި ހުންނަ ތައުލީމީ މުއައްސަސާތައް ބަންދުކުރި މުއްދަތު ޕުޑުޗެރީންވަނީ އިތުރުކޮށްފައެވެ.

ފެންގަލް ތޫފާނުން ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލީ ރިޕޯޓެއް މައި ސަރުކާރަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންކަމަށް ޕުޑުޗެރީގެ ޗީފް މިނިސްޓަރު އެން. ރަންގަސާމީ ބުންޏެވެ.

"މި ސައިކްލޯންގެ އަސަރުކޮށްފައިވާ މީހުންނަށް ބޭނުންވާ އަސާސީ އެހީ ދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" ދާހިލީ ވަޒީރު އޭ. ނަމައްސިވަޔަމް ބުންޏެވެ.

އާދަޔާ ހިލާފު ބޮޑަށް ވާރޭ ވެހޭނެކަމުގެ "ރަތް ސަމާލެއް" މޫސުމާ ބެހޭ އިދާރާއިންވަނީ ކެރަލާގެ ޑިސްޓްރިކްޓްތައްކަމަށްވާ މަލައްޕުރަމް، ކޮޒްހިކޮޑޭ، ވަޔަނާޑު އަދި ކަންނޫރަށް ނެރެފައެވެ.

ތޫފާނު ފެންގަލް މިހާރުވަނީ ދަށް ޕްރެޝަރުގެ ސައިކްލޯނަކަށް ބަދަލުވެފައެވެ. ނަމަވެސް ކެރަލާ އާއި ކަރްނަޓަކާގެ އައްސޭރިފަށުގައި އަރަބި ކަނޑުގެ މަތިން މާދަމާ ގަދަވާނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *