Support Us

މަރުވި ފިލިޕީން ބާޒު ފިޔޮއް އަދި ފިލިޕީން ބާޒެއް ރާމާމަކުނެއް އަތުލައިގަންނަނީ

ދުނިޔޭގައި ފިލިޕީން ބާޒުގެ އެންމެ 392 ޖޯޑު، ފިޔޮކެއް މަރުވުމުން ހިތާމަ

ދުނިޔޭގެ ޖަންގަލިތަކުގައި މިހާރު އެންމެ 392 ޖޯޑު އުޅޭ "ފިލިޕީން" ބާޒުގެ ފިޔޮކެއް މަރުވުމުން މަހުލޫގުން ސަލާމަތްކުރާ ޖަމާއަތްތަކަށް ފުން ހިތާމައެއް ލިބިއްޖެއެވެ.

"އާޓިފިޝަލް އިންސެމިނޭޝަން" ނުވަތަ ސުނާއީ ގޮތުން ދަރިފަނި އަޅުވައިގެން އުފެއްދި ބިހުން ވިހޭ ފިޔޮއް މަރުވީ 17 ދުވަހު ދިރިހުރެފައެވެ.

"މިއީ ދުނިޔޭގައި އުޅޭ އެންމެ ބޮޑެތި ބާޒުގެ ވައްތަރެއް. އަދި ނެތިގެންހިނގައިދާނެކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް މަހުލޫގު. މިއީ މި ބާވަތުގެ ބާޒުގެ އަދަދު އިތުރުކުރުމަށް އެޅުނު އިތުރު ހުރަހެއް،" ދޫނި ހިމާޔަތްކުރާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތަކުން ބުންޏެވެ.

ފިލިޕީން ބާޒަކީ ފިލިޕީންސްގެ ގައުމީ ދޫންޏެވެ. މި ދޫނީގެ އަދަދު މަދުވެގެންދިޔައީ އެ ސޮރުމެން އުޅޭ މާހައުލުތައް ނެތިގެންދިއުމާއި ބަލައިލުމެއް ނެތި ޝިކާރަކުރާތީއެވެ.

"ތިރީސް ނަންބަރު ފިޔޮ"ކުގެ ނަން ދީފައިވާ ފިޔޮއް މި ދިޔަ މަހު ވިހެއުމުން މި ބާވަތުގެ ބާޒު ރައްކާތެރިކުރެވެން ފެށީ ކަމަށް ހިތަށް އަރާ، އެތައް ބަޔަކަށް އުފާވެރިކަން ލިބުނެވެ.

"ހިތް ހަލާކު ވާފަދަ ގޮތަކަށް މި ފިޔޮއް މަރުވުމުން އެނގެނީ ފިޔޮއް ބޮޑެތިކުރުމުގައި ހުރި ނާޒުކުކަން. އަދި ދުނިޔެއިން ނެތެމުންދާ މަހުލޫގުން ނުރައްކަލަށް ހުށަހެޅިފައިވާ މިންވަރު،" ފިލިޕީން ބާޒު ފައުންޑޭޝަނުން ބުންޏެވެ.

މި ފިޔޮކަކީ މި ފައުންޑޭޝަންގެ އާ މަރުކަޒުގައި ވިހޭ ފުރަތަމަ ފިޔޮކެވެ.

ފިޔޮއް މަރުވީ "ޔޯކް ސެކް ރިޓެންޝަން" ކިޔާ ހާލަތެއް ދިމާވުމުންނެވެ. މިހެންވަނީ ބިހުގެ ތޮށިގަނޑު ތެރެއިން ބެކްޓީރިއާ ވަނުމުންނެވެ. ނުވަތަ ވިހެއުމަށް ފަހު ފިޔޮކަށް ބެކްޓީރިއާގެ އަސަރު ފޯރުމުންނެވެ. މިއީ ކުކުޅު ވިއްސުމުގައި ވެސް ދިމާވާ ކަމެކެވެ.

ފިލިޕީން ބާޒުގެ ދެ ފިޔަ ދެމެދުގައި ހަތް ފޫޓުގެ ދިގުމިން ހުރެއެވެ. މިއީ ވިއްސަން ވަރަށް އުނދަގޫ ބާވަތެއްގެ ބާޒެކެވެ. ސަބަބަކީ އެ ސޮރު ނުރުހޭ ފިރިހެން ބާޒެއް ގާތްވެއްޖެ ނަމަ އެ ބާޒު މަރައިލައިތީއެވެ.

"ހައިވާނު ބަގީޗާތަކުގައި މިހާތަނަށް ވިހައިފައިވަނީ އެންމެ 30 ފިލިޕީން ބާޒު،" ފައުންޑޭޝަނުން ބުންޏެވެ.

އެ ތަނުން ބޭނުންވަނީ ފިލިޕީން ބާޒު ވިއްސައިފައި ޖަންގަލިތަކަށް ދޫކޮށްލުމަށެވެ. ނަމަވެސް ވޭތުވެދިޔަ 37 އަހަރުގެ ތެރޭގައި މި ކަން އެންމެ ފަހަރަކު ވެސް ކާމިޔާބެއް ނުވެއެވެ.

ޝިކާރަވެރިންގެ އުންޑަތަކުގެ އިތުރުން ހާމައަށް ހުންނަ ކަރަންޓު ނަރުތަކުގައި އިށީނުމުން ވެސް އެތައް ފިލިޕީން ބާޒު މަރުވެފައިވެއެވެ.

ކޮންމެ ޖޯޑަކަށް 4،000 ހެކްޓަރުގެ ސަރަހައްދެއް ދިރިއުޅެން ބޭނުންވެއެވެ. ސަބަބަކީ މުގޮށިމީދަލާއި ރާމާމަކުނު ފަދަ މަހުލޫގުން ޝިކާރަކޮށް އެ ތަކެތި ކެއުމަށެވެ.

ފަހުން ވިހޭ މި ފިޔޮކުގެ ބަރުދަން ނިސްބަތުން ލުއި ނަމަވެސް އުޅުން ހުރީ ރަނގަޅަށް ކަމަށް، ފައުންޑޭޝަނުން ބުންޏެވެ.

"ނަމަވެސް މިދިޔަ މަހުގެ 26 ގައި ނޭވާލުމަށް ދަތިވެ، ކިނބިހި އެޅެން ފެށުނު،" އެ ތަނުން ބުންޏެވެ.

"މިއީ ޔޯކް ސެކް ރިޓެންޝަންގެ ހާލަތެއް މި ފައުންޑޭޝަނަށް ކުރިމަތިވި ފުރަތަމަ ފަހަރު،" މަރުވި ފިޔޮކުގެ ޕޯސްޓް މޯޓަމް ހެދި ބެޔާނީ ވަންޑެންބްރޯކް ބުންޏެވެ.

ސާފުތާހިރުކަމުގެ ހުރިހާ މިންގަނޑުތަކެއް ފުރިހަމަކޮށްފައިވަނިކޮށް މިހެން ދިމާވާނެކަމަށް ހީނުކުރާ ކަމަށާއި ރަނގަޅުކުރަން ހުރި ކަންތައްތައް ރަނގަޅުކުރާނެކަމަށް އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *