Support Us

ތަހުތަށް ވެޑުމުގެ ރަސްމިއްޔާތުގައި އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް

ޗާލްސް ތަހުތަށް ވެޑުވުމުގެ ބޮޑު ހަރަދު އެނގުމުން ރައްޔިތުން ރަތަށް

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ތަހުތަށް ވެޑުވުމަށް މަދުވެގެން 72 މިލިއަން ޕައުންޑް (1.4 ބިލިއަން ރުފިޔާ) ދައުލަތުން ހަރަދުކުރިކަން ހާމަވުމުން ރައްޔިތުން ހިތްހަމަނުޖެހިއްޖެއެވެ.

މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގެ ސެކިއުރިޓީ ބަލަހައްޓަން 21.7 މިލިއަން ޕައުންޑް (426 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެއެވެ. އަދި ސަގާފަތާއި މީޑިއާ އާއި ކުޅިވަރާ ބެހޭ ޑިޕާޓްމަންޓު (ޑީ.ސީ.އެމް.އެސް)އިން 50.3 މިލިއަން ޕައުންޑް (989 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެއެވެ.

ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފުލާ 20 މިލިއަން އިނގިރޭސި ރައްޔިތުން ބެލިއެވެ. މިއީ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ ބެލި 29 މިލިއަން މީހުންނަށްވުރެ މަދު އަދަދެކެވެ.

ޗާލްސް ތަހުތަށް ވެޑުވުމަށް ބޭއްވި ރަސްމިއްޔާތަށް ދުނިޔޭގެ ފުންނާބުއުސް އެތައް ބަޔަކު އައެވެ. އަދި ޖެހިގެން އައި ރޭ ވިންޑްސާ ގަނޑުވަރުގައި ބޭއްވި ކޮންސެޓުގައި މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވިއެވެ.

ޗާލްސް ތަހުތުގައި ވެޑުވުމަށް ބޭއްވި ހަފުލާތައް ކާމިޔާބުކަމަށް، ޑީ.ސީ.އެމް.އެސް.އިން މި ދިޔަ ހަފުތާގައި ހާމަކުރި އަހަރީ ރިޕޯޓުގައި ބުންޏެވެ.

"އިނގިރޭސި ވިލާތާއި އެހެން ގައުމުތަކުގައި ވެސް މި ހަފުލާ އެތައް މިލިއަން ބަޔަކު ބެލި. މިއީ ޖީލަކުން ފަހަރަކަށް އަންނާނެ ކަހަލަ މުނާސަބާއެއް. ހުރިހާ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ހަރުދަނާކުރަން ލިބުނު ފުރުސަތެއް. އިނގިރޭސި ވިލާތުގެ ގައުމިއްޔަތް ވަރުގަދަކޮށް، އެ ކަން ދުނިޔޭގެ އެހެން ގައުމުތަކަށް ދައްކަން ލިބުނު ހާއްސަ ފުރުސަތެއް،" ޑީ.ސީ.އެމް.އެސް.އިން ބުންޏެވެ.

އިނގިރޭސި ވިލާތުގެ ރަސްކަން ނައްތައިލުމަށް ކެމްޕޭންކުރާ ރައްޔިތުން ތަމްސީލުކުރާ ރިޕަބްލިކް ގްރޫޕުން ބުނީ ޗާލްސް ތަހުތުގައި ވެޑުވުމަށް ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކުރުމަކީ ލަދުވެތިކަމެއްކަމަށެވެ.

"އަސްލު ހަރަދު މިއަށްވުރެ ބޮޑުވާނެކަމަށް ލަފާކުރެވޭ،" ރިޕަބްލިކްގެ ސީ.އީ.އޯ ގްރެހަމް ސްމިތު ދަ ގާޑިއަންއަށް ބުންޏެވެ.

ދާހިލީ ވުޒާރާ، ޑީ.ސީ.އެމް.އެސް، ދިފާއީ ވުޒާރާ، ދަތުރުފަތުރާ ބެހޭ ކަންތައްތައް، އަލިފާން ނިއްވުމުގެ ހިދުމަތް، އަދި ލޯކަލް ކައުންސިލްތަކުގެ ހަރަދުތައް އެއްކޮށްލުމުން 100 މިލިއަން ޕައުންޑް (1.9 ބިލިއަން ރުފިޔާ) އާއި 250 މިލިއަން ޕައުންޑް (4.9 ބިލިއަން ރުފިޔާ)އާ ދެމެދުގެ އަދަދެއް ހަރަދުވާނެކަމަށް އަންދާޒާކުރެވޭކަމަށް ގްރެހަމް ބުންޏެވެ.

"އަސާސީ ހިދުމަތްތަކަށްކުރާ ހަރަދު ކުޑަކުރަމުންދާ ދަނޑިވަޅެއްގައި ޗާލްސް ތަހުތަށް ވެޑުވުމަށްކުރި މިއީ ބޮޑު ހަރަދެއް. ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވެސް ނެތް ރަސްކަލުންނާއި ރަނިން ތަހުތަށްވެޑުމުގެ ރަސްމިއްޔާތު ބާއްވަންޖެހޭނެކަމަކަށް،" ގްރެހަމް ބުންޏެވެ.

ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައާއި ކުޑަކުދިން ފަގީރުކަމަށް ހުށަހެޅިފައިވާއިރު ޗާލްސް ތަހުތުގައި ވެޑުމުގެ ހަފުލާއެއް ބޭއްވުމަކީ ބޭނުން ކަމެއް ނޫންކަމަށާއި މިއީ ބޮޑު އަދަދުން ފައިސާ ބޭކާރުކުރުންކަމަށް ގްރެހަމް ބުންޏެވެ.

"ދަރިވަރުން ސްކޫލްގައި މެންދުރުގެ ނާސްތާއަށް ހަރަދުކުރާނެ ފައިސާއެއް މިހާރު ނެތް. އެހެންކަމުން ޗާލްސް ތަހުތަށް ވެޑުވުމަށް މި ވަރުގެ ބޮޑު ހަރަދެއްކުރުމަކީ ލަދުވެތިކަމެއް،" އޭނާ ބުންޏެވެ.

އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ކަންތައްތަކަށް ކޮންމެ އަހަރަކު 500 މިލިއަން ޕައުންޑް (9.8 ބިލިއަން ރުފިޔާ) ދައުލަތުން ހަރަދުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *