ހިމާޔަތްކުރެވިފައިވާ "ކެމްޕް ރިޑްލީ ސީ ޓާޓްލް" ބާވަތުގެ ވެލައެއް ނެދަލެންޑްސްގެ އައްސޭރިން ފެނުމުން، 5،000 މޭލު ދުރުގައިވާ އެ ސޮރުގެ ވަޒަންކަމަށްވާ މެކްސިކޯ ކަނޑަށް އަނބުރާ ގެންގޮސްދީފިއެވެ.
މިއީ ދުނިޔޭގެ އެންމެ ކުޑަ ބާވަތުގެ ވެލައެވެ. ބޮޑު ވަނީ 32 އިންޗިއަށެވެ. ބަރުދަނުގައި ހުންނަނީ 45 ކިލޯއެވެ. ދުނިޔެއިން ނެތިގެން ހިނގައިދާނެ މަހުލޫގުންގެ ލިސްޓަށް ލައިފައިވަނީ 1970 ގައިކަމަށް އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ޕާކްތަކާއި ދިރޭ މަހުލޫގުންނާ ބެހޭ އިދާރާ ޓެކްސަސް ޕާކްސް އެންޑް ވައިލްޑްލައިފް ޑިޕާޓްމަންޓުން ބުންޏެވެ.
ވެލާ ފެނުނީ މަސްވެރިކަންކުރާ އުޅަނދެއްގެ ދަލެއްގައި އޮޅިފައިވަނިކޮށެވެ.
އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ހިއުސްޓަން ހައިވާނު ބަގީޗާއިން ބުނީ ވެލައަށް އެހާ ދުރަށް ދެވިފައިވަނީ އެޓްލާންޓިކް ކަނޑުގެ އޮއިވަރު ހުރި ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.
ވެލާ އަނބުރާ މެކްސިކޯ ކަނޑަށް ގެންދިއުމުގެ މަސައްކަތާ ހަވާލުވީ އެމެރިކާގެ މަހާއި އެހެނިހެން މަހުލޫގުން ހިމާޔަތްކުރާ ޔޫ.އެސް ނެޝަނަލް ފިޝް އެންޑް ވައިލްޑްލައިފް ސާވިސްއިންނެވެ.
"ވެލާ ފުރަތަމަ ގެންދިޔައީ ނެދަލެންޑްސްގެ ރޮޓަޑޭމް ޒުލަށް. އެ ތަނުން އެ ސޮރަށް ފަރުވާ ދީފައި ހިއުސްޓަން ޒުލަށް ގެނައީ. މިއީ އެ ސޮރު އެއް އަހަރު ވަންދެން ތަހައްމަލުކުރަން ޖެހުނު ވޭނެއް،" ހިއުސްޓަން ޒުލުން ބުންޏެވެ.



advertisment