Support Us

އިނގިރޭސީންނާއި އެމެރިކާއިން ގުޅިގެން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒު ހުންނަނީ ޗާގޮސް ޖަޒީރާގެ ރަށެއްކަމަށްވާ ޑިއެގޯ ގާސިއާގައި

ޗާގޮސް މޮރިޝަސްއާ ހަވާލުކުރާ އެއްބަސްވުން އުވައިނުލުމަށް އެދި ޓްރަމްޕް އަރިހަށް

ރާއްޖޭގެ ދެކުނުން 310 މޭލު ދުރުގައި އޮންނަ ފޯޅަވަހި ނުވަތަ ޗާގޮސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ވިލާތުންވި އެއްބަސްވުން އުވާނުލެއްވުމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިލްތިމާސްކުރުމަށް އިނގިރޭސި ބޮޑު ވަޒީރު ކެއާ ސްޓާމާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޮނަތަން ޕަވަލް އެމެރިކާއަށް ފޮނުއްވަން ނިންމަވައިފިއެވެ.

ޕަވަލްއަކީ މި އެއްބަސްވުން އެކުލަވައިލުމުގެ އެއް އާރުކާޓީއެވެ. އޭނާއަކީ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާގެ ޗީފް އޮފް ސްޓާފްއެވެ. ޓްރަމްޕް ރިޔާސީ ހުވާކުރައްވާނީ ޖަނަވަރީ 20 ގައެވެ. އިނގިރޭސި ވިލާތުން ބޭނުންވަނީ ޗާގޮސް މުއާހަދާ އުވާނުލެއްވުމަށް މިހާރުއްސުރެ އޭނާގެ އަރިހުން އެދޭށެވެ.

ޗާގޮސް ޖަޒީރާގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއެގޯ ގާސިއާގައި އިނގިރޭސީންނާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ މަރުކަޒެއްވެއެވެ. މޮރިޝަސްއާއެކުވި އެއްބަސްވުމުގެ ދަށުން އިނގިރޭސި ވިލާތަށް ޑިއެގޯ ގާސިއާ ވަނީ 99 އަހަރަށް ލިބިފައެވެ.

ޕަވަލް މި މުއާހަދާ ގާއިމުކުރީ ދެ އަހަރު ދުވަހުގެ މަސައްކަތުންނެވެ. އެ މަސައްކަތް ފެށީ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނަކްގެ ދައުރުގައެވެ.

ޗާގޮސް އެއްބަސްވުން އެކުލަވައިލި އިނގިރޭސި އެއް އާރުކާޓީ ޖޮނަތަން ޕަވަލް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައި

ޓްރަމްޕްގެ ހިޔަނި ކެބިނެޓުގެ ހާރިޖީ ވަޒީރަކަށް ހަމަޖެއްސެވި މާކޯ ރޫބިއޯ މި ދިޔަ މަހު ބުނީ ޕަވަލްގެ މުއާހަދާއަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ. ސަބަބަކީ އެމެރިކާއާ ވާދަވެރި ޗައިނާއާ ރަހްމަތްތެރި ގައުމެއް ކަމަށްވާ މޮރިޝަސްއާ ޗާގޮސް ހަވާލުކުރާތީއެވެ.

އިނގިރޭސި ރިފޯމް ޕާޓީގެ ޕާލަމަންޓް މެންބަރު ނައިޖެލް ފެރެޖް މި މަހު ބުނީ މޮރިޝަސްއާއެކުވި އެއްބަސްވުމާ ޓްރަމްޕް ކަނޑައެޅިގެން ދެކޮޅުކަމަށެވެ.

"ޑިއެގޯ ގާސިއާއަކީ އެމެރިކާއަށް މި ދުނިޔެމަތީގައިވާ އެންމެ މުހިންމު ޖަޒީރާ ރަށްކަމަށް ޓްރަމްޕްގެ އެހީތެރިއެއް އަހަރެންގެ ގާތުގައި ބުނި،" އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ނައިޖެލް ބުނެފައިވެއެވެ.

ޕަވަލް ވަނީ މި ހަފުތާގައި މޮރިޝަސްއަށް ޒިޔާރަތްކޮށްފައެވެ. ޗާގޮސް ހަވާލުކުރާ އެއްބަސްވުން ސޮއިކުރި މޮރިޝަސް ސަރުކާރަށް ދާދި ފަހުން ބޭއްވި އިންތިހާބު ވަނީ ނާކާމިޔާބުވެފައެވެ.

މޮރިޝަސްއާ ޗާގޮސް ހަވާލުކުރުމަށް އިނގިރޭސި ވިލާތުން ނިންމުމުން އިނގިރޭސި ޕާލަމަންޓް ކުރިމަތީގައި އިނގިރޭސި ވިލާތުގައި ދިރިއުޅޭ ޗާގޮސް ރަށްވެހިން މުޒާހަރާކުރަނީ

ޕަވަލް ޓްރަމްޕަށް ޔަގީންކަން އަރުވަން ބޭނުންވާ ކަމަކީ މޮރިޝަސްއާ ހަވާލުކުރުމުން ޑިއެގޯ ގާސިއާ އޮންނާނީ އިނގިރޭސީންނާއި އެމެރިކާގެ ބާރުގެ ދަށުގައިކަމެވެ.

މޮރިޝްސްއާ ޗާގޮސް ހަވާލުކުރަން އިނގިރޭސީންވި އެއްބަސްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ތާއީދުކުރައްވައިފައެވެ.

ޓްރަމްޕްގެ ކަންބޮޑުވުންތައް ނައްތައިލުމަށްޓަކައި މޮރިޝަސްއާއެކުވި އެއްބަސްވުމުގެ ހުރިހާ ތަފުސީލުތަކެއް ޓްރަމްޕްގެ ޓީމަށް ދޭނެކަމަށް އިނގިރޭސި ވިލާތުން އުތުރު އެމެރިކާއަށް ކަނޑައަޅައިފައި ހުންނަ ވަޒީރު ސްޓީވަން ޑައުއީ މި މަހު ބުންޏެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ސަރުކާރުން މޮރިޝަސްއާއެކު 11 މަޝްވަރާ ބައްދަލުވުން ބޭއްވިއެވެ. ނަމަވެސް އިނގިރޭސި އިދިކޮޅު ކޮންޒަވެޓިވް ޕާޓީ މެންބަރުން އަދިވެސް ޗާގޮސް އެއްބަސްވުމާމެދު ނުރުހެއެވެ.

އެ ޕާޓީގެ ހިޔަނި ކެބިނެޓްގެ ހާރިޖީ ވަޒީރު ޕްރިތީ ޕަޓެލް ބުނީ މޮރިޝަސްއާއެކު ހެދި އެއްބަސްވުމަކީ އިންޑިއާ ކަނޑުގެ މުހިންމު އަސްކަރީ މަރުކަޒެއް ދޫކޮށްލުން ކަހަލަ ކަމެއްކަމަށެވެ.

"ޗާގޮސްގައި ޗައިނާއިން ވެސް އަސްކަރީ މަރުކަޒެއް ހެދުމަށް މަގުފަހިވެދާނެ،" ހިޔަނި ކެބިނެޓްގެ ދިފާއީ ވަޒީރު ޓޮމް ޓުގެންޑްހެޓް ބުންޏެވެ.

މޮރިޝަސްއިން އަބަދުވެސް ބުނަމުންއައީ ޗާގޮސް ދޫކޮށްލަންޖެހުނީ އިނގިރޭސީންގެ ކިބައިން 1968 ގައި މިނިވަންކަން ހޯދުމަށްކަމަށެވެ. ޗާގޮސްގެ އަސްލު ވަޒަންވެރިންވަނީ 1960 އާއި 1970 ގެ އަހަރުތަކުގައި ޗާގޮސްއިން ބާލައި، ސީސެޝްލްސް އާއި އިނގިރޭސި ވިލާތުގައި މަޖުބޫރުން ވަޒަންވެރިކުރުވައިފައެވެ. މި ކަން ބައެއް ފަރާތްތަކުން ސިފަކޮށްފައިވަނީ އިންސާނިއްޔަތާ ދެކޮޅަށް ހިންގައިފައިވާ ޖަރީމާއެއް ކަމަށާއި އިސްތިއުމާރުކުރުމުގެ ލަދުވެތި ހަރަކާތެއްގެ ގޮތުގައެވެ.

ބައިނަލްއަގުވާމީ ކޯޓެއްކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން މީގެ ފަސް އަހަރު ކުރިން ވަނީ ޗާގޮސް ދޫނުކޮށްލާތީ އިނގިރޭސި ވިލާތް ކުށްވެރިކޮށްފައެވެ.

މި އަހަރުގެ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުމާ ބެހޭ ގޮތުން އަލިއަޅުވައިލައިފައިވާ ސިޓީފުޅެއް އިނގިރޭސި ސަރުކާރަށް ފޮނުއްވިކަމަށެވެ.

ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޮސް ހަވާލުކުރުމާބެހޭ ވާހަކަތަކެއް އިވިވަޑައިގަތުމުން، ޗާގޮސްއަކީ އަޅުގަނޑުމެންނާ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ރަސްމީ ލިޔެކިޔުމުން އެކަންކަން ބަޔާންކޮށް، ދިވެހި ސަރުކާރުން މިހާރު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި އަނބުރާ ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރޯމާ ދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއްނެތި، އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށާއި އެކަން ކޮށްފައިވާގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކު އ.ދ.ގައި ބަހައްޓައިގެން އަދި ގާނޫނީ ވަކީލުންގެ ޓީމަކުން ވެސް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް އިން މިދިޔަ އަހަރު ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *