އިސްރާއީލާއި ލުބްނާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓައިލައި އެއްބަސްވުމުގައި މިއަދުގެ ވަގުތެއްގައި ސޮއިކުރާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް ލުބްނާންގެ ހާރިޖީ ވަޒީރު އަބްދުﷲ ރަޝީދު ބޫ ހަބީބު ބުނެފިއެވެ.
ނަމަވެސް ހިޒްބުﷲއާއެކު ސުލްހަވުމަށް އެމެރިކާއިން ތައްޔާރުކޮށްފައިވާ އެއްބަސްވުން އިސްރާއީލުގެ ކެބިނެޓުގައި މަޝްވަރާކުރަން ކުޑަތަންވެފައިވަނިކޮށް ލުބްނާނަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދޭން ވަނީ ފަށައިފިއެވެ.
"ވެރިރަށް ބައިރޫތުގައި ހުރި ހިޒްބުﷲގެ ތަންތަނަށް ފުޅާ ދާއިރާއެއްގައި ހަމަލާ ދޭން ފަށައިފިން،" އިސްރާއީލުގެ ވައިގެ ސިފައިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބައިރޫތުގެ 20 ސަރަހައްދަކުން ރައްޔިތުން ނުކުތުމަށް އިސްރާއީލުން މިހާރު ވަނީ އިންޒާރު ދީފައެވެ.
"ބައިރޫތުގެ ހަ ތަނަކަށް ހަމަލާ ދީފިން. އެއީ ހިޒްބުﷲއިން ހަރަކާތެރިވާ ތަންތަން،" އިސްރާއީލުން ބުންޏެވެ.
އެ ތަނުން އެއް ހަމަލާގެ ސަބަބުން ގެދޮރު ނެތިފައިވާ މީހުން ހިމާޔަތް ހޯދައިގެން ތިބި ހަތަރު ބުރީގެ އިމާރާތެއް ހަލާކުވިކަމަށް ލުބްނާންގެ ނެޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކުރިއެވެ.
"ސުލްހަ ގާއިމުކުރުމުގެ ކުރިން އަސްކަރީ ގޮތުން ބޭނުންވާ ހުރިހާ ނަތީޖާތަކެއް ނެރެން އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރުމަކީ ކުރިން ވެސް ހިނގައިފައިވާ ކަންކަން،" އިސްރާއީލުގެ ނޫހެއް ކަމަށްވާ ޖެރުސަލަމް ޕޯސްޓްގެ ކުރީގެ އެޑިޓަރު އެވީ މޭޔާ ބުންޏެވެ.
އިސްރާއީލާއި ލުބްނާނާ ދެމެދު ގާއިމުކުރާ ސުލްހައިގެ މުއާހަދާގެ ދަށުން ލިތާނީ ކޯރުގެ އުތުރަށް ހިޒްބުﷲގެ ހަނގުރާމަވެރިން ގެންދަންޖެހެއެވެ. އެއީ ލުބްނާންގެ އެތެރޭގައި އިސްރާއީލު ސިފައިންނާއި ހިޒްބުﷲ ހަނގުރާމަވެރިން ނުތިބޭ ހުސް ސަރަހައްދެއް ގާއިމުކުރުމަށެވެ. މި ހުސް ސަރަހައްދު ދެން ބަލަހައްޓަން ހަމަޖެހިފައިވަނީ ލުބްނާންގެ ސިފައިންނާއި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންނެވެ.
ހަނގުރާމަ ހުއްޓައިލުމަށް ގާއިމުކުރާ ސުލްހައިގެ މުއާހަދާގެ ދަށުން ހިޒްބުﷲގެ ނުރައްކާ ނައްތައިލަން ފުރުސަތު ލިބޭނެކަމަށް އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސާ ރޮއިޓާސްއަށް ބުންޏެވެ.
"އިސްރާއީލުގެ އުތުރުގެ ސަރަހައްދުތައް ދޫކޮށް ދިޔަ އިސްރާއީލު ރައްޔިތުން އެނބުރި އިސްރާއީލުގެ އުތުރު ސަރަހައްދުގައި ހުރި އެ މީހުންގެ ގެދޮރަށް އެނބުރި އައުމަށް އެއިރުން ފުރުސަތު ލިބޭނެ،" އޭނާ ބުންޏެވެ.
ހަމަލާ ބަދަލުކުރުން ހުއްޓައިލައި އެއްބަސްވުމެއް ގާއިމުކުރިއަސް އިސްރާއީލަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް އަމަލުކުރުންމަތީ ދެމިހުންނާނެކަމަށް އިސްރާއީލުގެ އާ ދިފާއީ ވަޒީރު އިސްރާއީލް ކެޓްޒް އިސްރާއީލުގެ މީޑިއާއަށް ބުންޏެވެ.
"ލުބްނާންގެ ދެކުނު ސަރަހައްދަށް ފޮނުވަން 5،000 ސިފައިން ތައްޔާރަށް އެބަތިބި،" ހަބީބު ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ޣައްޒާ ހަނގުރައިމައިގައި ފަލަސްތީނަށް ތާއީދު އޮތްކަން އަންގައި ހިޒްބުﷲއިން އިސްރާއީލަށް ދޭން ފެށި ހަމަލާތަކަށް ރައްދު ދެމުން އިސްރާއީލުން މިހާތަނަށް ވަނީ ލުބްނާންގެ 3،000 އެއްހާ މީހުން ޝަހީދުކޮށްލައިފައެވެ. ޣައްޒާގައި ވަނީ 44،000 އެއްހާ މީހުން ޝަހީދުކޮށްލައިފައެވެ.



advertisment