Support Us

މާކަޑޯނާ ސުޕަމާކެޓް އަދި ސްޕެއިންގައި މަގުބޫލު ކްރޮކޭ ބާވަތުގެ ހެދިކާ

އުކައިލަން ހުރި ތަނުން ހެދިކާއެއް ކައިލުމުން ވަޒީފާއިން ވަކިކުރި މީހާ ކުށްވެރިނުވާ ކަމަށް ނިންމައިފި

ސްޕެއިންގެ ސުޕަމާކެޓަކުން އުކައިލަން ނިންމައިފައިވާ "ކްރޮކޭ" ބާވަތުގެ ހެދިކާއެއް ކޭ މުވައްޒަފު ކުށްވެރިނުވާ ކަމަށް މަތީ ކޯޓަކުން ނިންމައިފިއެވެ.

މާކަޑޯނާ ނަމަކަށް ކިޔާ ސުޕަމާކެޓުން، ދުވަހުގެ ވިޔަފާރި ނިންމައި، ފިހާރަ ބަންދުކޮށްފައި، އުކައިލަން ބަހައްޓައިފައި ހުރި ބާކީ ހެދިކާތަކުގެ ތެރެއިން މުވައްޒަފު ހެދިކާއެއް ކައިލުމުން އޭނާ ވަޒީފާއިން ވަކިކުރިއެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި މަހު މުވައްޒަފު ވަޒީފާއިން ވަކި ކުރީ ގަވައިދާހިލާފަށް ކަމަށް ދަށު ކޯޓުން މެއި މަހު ނިންމައިފައިވަނިކޮށް މަތީ ކޯޓުން ވެސް އެ ނިންމުން މި ހަފުތާގައި ވަނީ ދަމަހައްޓައިފައެވެ.

ސުޕަމާކެޓުން ދަށު ކޯޓުގެ ނިންމުން އިސްތިއުނާފުކުރީ އެ ފިހާރައިން ވިއްކާ ކާބޯތަކެތި މުވައްޒަފުންނަށް ވެސް ކެވޭނީ އެ ތަކެތި ގަތުމަށް ފަހުކަމަށް ފިހާރައިގެ ގަވައިދުގައި އޮންނަ ކަމަށް ބުނެފައެވެ.

ކޯޓުން ބުނީ ދުވަހުގެ ވިޔަފާރި ނިންމައިލުމަށް ފަހު ބާކީ ހުންނަ ކާބޯތަކެތި އުކައިލުމަކީ ފިހާރައިގެ އުސޫލުކަމަށްވެފައި މީގެ ކުރިން ވެސް މުވައްޒަފުން މި ފަދަ ކާބޯތަކެތި ފިހާރަ ބަންދުވުމުން ކާ ކަމަށެވެ.

"މި މުވައްޒަފު ކައިފައިވަނީ ޖެހިގެން އަންނަ ދުވަހު ވިއްކަން ނުބަހައްޓާނެ ހެދިކާއެއް،" ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

ދަށު ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ މުވައްޒަފަށް އަލުން ވަޒީފާ ދީ، ގެއްލުނު ދުވަސްތަކުގެ މުސާރައަށްވާ 41،800 ޑޮލަރު (644،556ރ.) ދޭން ޖެހޭނެކަމަށެވެ. މީގެ އިތުރުން މުޅި ޝަރީއަތުގެ ކަންތައްތަކަށް ދިޔަ ހަރަދުތައް ފޫބެއްދުމަށްޓަކައި މުވައްޒަފަށް 633 ޑޮލަރު (9،769ރ.) ދިނުމަށް މަތީ ކޯޓުން ނިންމިއެވެ.

މުވައްޒަފު ކެއީ ކޮން ބާވަތެއްގެ ކްރޮކޭއެއް ކަމެއް ކޯޓުގެ ލިޔެކިޔުންތަކުގައި ބުނެފައެއްނުވެއެވެ. ސްޕެއިންގައި މަގުބޫލު ކްރޮކޭ ތައްޔާރުކުރަނީ ރާއްޖޭގައި ހަދާ ކަޓްލެޓްސް، ބިސް ކަޓްލެޓްސް އަދި ރޯލްސް ހުންނަ ސިފައަށެވެ. ސްޕެއިންގައި ކްރޮކޭއަށް އަޅަނީ އޫރު މަސް، ކުކުޅު، އަދި ކޮޑް ބާވަތުގެ ކަނޑުގައި އުޅޭ މަހެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *