Support Us

އެމެރިކާގެ މަންދޫބު އޭމަސް ހޮކްސްޓައިން (ވ) ލުބްނާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހު ބައްރީއާ ބައްދަލުކުރަނީ

ހިޒްބުﷲއާއެކު ސުލްހަވުމަށް އުސޫލެއްގެ ގޮތުން އެއްބަސް: ނަތަންޔާހޫ

ހިޒްބުﷲއާއެކު ސުލްހަ ގާއިމުކުރަން އުސޫލެއްގެ ގޮތުން އެއްބަސްކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނެފިއެވެ.

އެއްބަސްވުމުގެ ދެލިކޮޕީ މިއަދު ލުބްނާން ސަރުކާރަށް ހުށަހަޅަން ހަމަޖައްސައިފައިވިޔަސް އޭގެ ބައެއް މާއްދާތަކާމެދު މުޅިއަކުން އަދި ހިތްހަމަނުޖެހޭކަމަށް އިސްރާއީލުގެ އޮފިޝަލުންގެ ގާތުގައި ނަތަންޔާހޫ ރޭގައި ބުންޏެވެ.

ބައެއް ތަފުސީލުތަކާމެދު އަދިވެސް އަންނަނީ މަޝްވަރާކުރަމުން ކަމަށާއި ހުރިހާ މާއްދާއަކާމެދު ހިތްހަމަޖެހުމުން ނޫނީ އެއްބަސްވުމުގައި ސޮއި ނުކުރާނެ ކަމަށް ނަތަންޔާހޫ ބުންޏެވެ.

ލުބްނާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް އިސްރާއީލުގެ ކެބިނެޓުން ވެސް އެއްބަސްވާންޖެހެއެވެ. ކެބިނެޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

"ހިޒްބުﷲއާ ހަމަލާތައް އަދިވެސް ބަދަލުކުރަމުންދާތީ ކިރިޔާ ވެސް ކަތި ފިޔަވަޅެއް އެޅިއްޖެ ނަމަ ސުލްހައިގެ ވާހަކަތައް ހުއްޓިދާނެ،" އޮފިޝަލަކު ބުންޏެވެ.

އިސްރާއީލާއި ލުބްނާނާ ދެމެދު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް ގާއިމުކުރުން ވަނީ ގާތުގައިކަމަށް އެމެރިކާގެ މަންދޫބު އޭމަސް ހޮކްސްޓައިން މި ދިޔަ މަހު ލުބްނާންގެ ވެރިރަށް ބައިރޫތުގައި ހުރެގެން ބުންޏެވެ.

"ނަމަވެސް އެ ކަން އޮތީ ދެ ބައިމީހުންގެ އަތްމަތީގައި،" އޭނާ ބުންޏެވެ.

އޭމަސް ވަނީ ލުބްނާންގެ ބޮޑު ވަޒީރު ނަޖީބު މީގާތީ އާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހު ބައްރީއާ ބައްދަލުކޮށްފައެވެ. ނަބީހަކީ ހިޒްބުﷲއާ ވާހަކަދެއްކުމުގައި މެދުވެރިއެއްގެ ރޯލުކުޅޭ ފަރާތެވެ.

"ސުލްހައިގެ ވާހަކަތައް ކުރިއަށްދަނީ ބިނާކުރަނިވި ގޮތަކަށް. މަޝްވަރާތައް ވަރަށް ރަނގަޅު އަދި އެދެވޭ ގޮތަކަށް ކުރިއަށްދަނީ،" ނަބީހު ބުންޏެވެ.

އޭމަސް ބުނެފައިވަނީ އިސްރާއީލާ ހިޒްބުﷲއާ ދެމެދު ސުލްހަ ގާއިމުކުރުމަށް "ރަނގަޅު ފުރުސަތެއް މިހާރު ލިބިފައިވާ" ކަމަށާއި އެ ކަމަށް "ކުޑަދޮރެއް މިހާރު ވަނީ ހުޅުވިފައި" ކަމަށެވެ.

މި ދިޔަ ހަފުތާގެ ބުދަ ދުވަހު އޭމަސް އިސްރާއީލަށް ދިޔައީ ސުލްހައިގެ ވާހަކަތައް ރަނގަޅު ނަތީޖާއަކާއެކު ނިންމައިލުމަށެވެ.

އެމެރިކާއިން ހުށަހަޅައިފައިވަނީ އިސްރާއީލާ ހިޒްބުﷲއާ ދެމެދު ހަމަލާ ބަދަލުކުރުން ދެ މަސް ދުވަހުގެ މުއްދަތަކަށް ހުއްޓައިލައި، އޭގެ ދަށުން ދާއިމީ ސުލްހައަކާ ދިމާއަށް މިސްރާބު ޖެހުމަށެވެ.

އޭމަސްގެ ދަތުރާ ގުޅިގެން ނަޖީބު ވިދާޅުވެފައިވަނީ ސުލްހައިގެ އެއްބަސްވުމުގެ ދެލިކޮޕީގައިވާ ގިނަ މައްސަލަތައް ވަނީ ހައްލުކުރެވިފައިކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ޣައްޒާ ހަނގުރާމަ ފެށުމާއެކު ހިޒްބުﷲއާއި އިސްރާއީލުން ބަދަލުކުރަން ފެށި ހަމަލާތައް ސެޕްޓެމްބަރުގައި ވަނީ ވަރުގަދަކޮށްފައެވެ. އިސްރާއީލުން މިހާރު ވަނީ އެއްގަމު މަގުން ލުބްނާނަށް ވަދެފައެވެ. ހިޒްބުﷲގެ ފައުންޑަރު ހަސަން ނަސްރުﷲގެ އިތުރުން އެ ޖަމާއަތުގެ އެތައް ލީޑަރުންނެއް ޝަހީދުކޮށްލައިފައެވެ. ހިޒްބުﷲ މެންބަރުންގެ ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލައިގެން އެތައް ބަޔަކު ޝަހީދުކޮށްލައި އަދި ޒަހަމްކޮށްލިއެވެ. އިސްރާއީލާއި ލުބްނާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް ލުބްނާންގެ 3،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *