ޖަލަށް ލައިފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ދޫކޮށްލުމަށް ގޮވައިލަން މުޅި ގައުމުގައި ބާއްވަން ހަމަޖައްސައިފައިވާ މުޒާހަރާގެ ބައިވެރިން ވެރިރަށަށް ނާދެވޭނެ ގޮތަށް އިސްލާމްއާބާދު ފުރަބަންދުކޮށްފިއެވެ.
ސަލާމަތީ ގޮތުން ނާޒުކު ސަރަހައްދުތަކުން މޮބައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތް ވެސް ވަނީ ކަނޑައިލައިފައެވެ. އިސްލާމްއާބާދަށް ވަދެވޭ ހަލިމަގުތައް ވެސް ވަނީ ބަންދުކޮށްފައެވެ. އިދިކޮޅު ޕާކިސްތާން ތަހްރީކީ އިންސާފު (ޕީ.ޓީ.އައި) ޕާޓީއަށް ތާއީދުކުރާ މީހުން ވެރިރަށަށް ވަނަނުދިނުމަށެވެ.
އިސްލާމްއާބާދުގެ މައި މަގުތައް ވެސް ވަނީ ކާގޯ ކޮންޓޭނަރު ބޭނުންކޮށްގެން ބަންދުކޮށްފައެވެ. ރަޔޮޓް ގިއަރުގައި ފުލުހުންނާއި ސިފައިން ވަނީ މަގުމައްޗަށް ނެރެފައެވެ. ގާނޫނު ހަދާ މަޖިލީހާ ހިސާބަށް މުޒާހަރާގެ ބައިވެރިން ގޮސްފާނެތީއެވެ.
"އެއްވެއުޅުން ގާނޫނުގެ ދަށުން ވަނީ މަނާކޮށްފައި،" ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޕީ.ޓީ.އައި.އިން އެދޭ ކަންތައްތަކުގެ ތެރޭގައި އިމްރާންގެ އިތުރުން އެ ޕާޓީގެ ހުރިހާ ލީޑަރުން ދޫކޮށްލުން ހިމެނެއެވެ. ބޮޑު ވަޒީރު ޝަހްބާޒު ޝަރީފުގެ ސަރުކާރު އިސްތިއުފާ ދިނުމަށް ވެސް އެދިފައިވެއެވެ. އެ ޕާޓީން ބުނީ ޝަހުބާޒު ވެރިކަމަށް ވަޑައިގަތީ މި އަހަރު ކުރީކޮޅު ބޭއްވި އިންތިހާބު އޮޅުވައިލައިގެންކަމަށެވެ.
"އަހަރެމެންގެ ހުރިހާ ހުށަހެޅުމެއް ސަރުކާރުން ގަބޫލުކުރަންދެން މުޒާހަރާކުރުމަށް އިމްރާން އެދިވަޑައިގަތްފައިވަނީ،" ހައިބަރު ޕަހްތުންކުވާ ޕްރޮވިންސްގެ ޗީފް މިނިސްޓަރު އަދި އިމްރާންގެ ގާތް އެހީތެރިއެއްކަމަށްވާ އަލީ އަމީން ގަންދަޕޫރު ވީޑިއޯ މެސެޖެއްގައި އިއްޔެ ބުންޏެވެ.
މުޒާހަރާކުރާ މީހުންގެ ބޮޑު ގްރޫޕެއް އިސްލާމްއާބާދަށް ވެއްދުމުގައި ކުރީ ސަފުގައި ހުންނާނީ އަލީ ކަމަށްބެލެވެއެވެ. ސަހަރުގެ "ރެޑް ޒޯން" ނުވަތަ "ރަތް ސަރަހައްދު"ކަމަށްވާ "ޑީ ޗައުކް"އަށް ވަންނަ ހިސާބަށް ރައްޔިތުން ޖަމާވުމަށް އޭނާ ވަނީ ގޮވައިލައިފައެވެ. އިސްލާމްއާބާދުގެ ރެޑް ޒޯނަކީ ޕާލަމަންޓާއި ރަސްމީ އިދާރާތަކާއި އެމްބަސީތަކާއި ބޭރުގެ މުއައްސަސާތަކުގެ އިދާރާތައް ހުންނަ ސަރަހައްދެވެ.
މުޒާހަރާގެ ބައެއް ބައިވެރިން މިހާރު ވެސް ވަނީ ހައްޔަރުކޮށްފައިކަމަށް އަލް ޖަޒީރާއިން ރިޕޯޓްކުރިއެވެ.
އިމްރާނަށް ތާއީދުކުރާ މީހުން އިސްލާމްއާބާދަށް އެކި ގޮތްގޮތުން ވަދެވޭތޯ އެބަ މަސައްކަތްކުރެއެވެ. އެ ގޮތުން ބްރިޖްތައް ބަންދުކޮށްފައިވާތީ ޑިންގީގައި ބައެއް މީހުން ވަނީ ކޯރެއް ހުރަސްކޮށްފައެވެ.
"ގިނަ އަދަދެއްގެ މީހުން މުޒާހަރާގައި ބައިވެރިވާނެކަމަށް ބެލެވޭ. ސަލާމަތީ ބާރުތަކުން އެ މީހުންނާ ދޭތެރޭ ކަންތައްކުރާނެ ގޮތް އެއީ ސުވާލެއް،" އަލް ޖަޒީރާއިން ރިޕޯޓްކުރިއެވެ.
އިސްލާމްއާބާދު ފިޔަވާ އެހެން ސަރަހައްދުތަކުގައި މުވާސަލާތީ ހިދުމަތް ދޭކަމަށް ރަސްމީ އިދާރާތަކުން އެކްސްގައި ރޭގައި ބުންޏެވެ.
މުޒާހަރާ ފެށުމުގެ ކުރިން ވަޓްސްއެޕްގެ ހިދުމަތް ވަނީ ހަނިކޮށްފައެވެ. ސޯޝަލް މީޑިއާއާއި ވީ.ޕީ.އެން ހިދުމަތަށް ވެސް ވަނީ ހުރަސްއަޅައިފައެވެ.
އިމްރާނަށް ތާއީދުކުރުމުގެ ގޮތުން މިދިޔަ މަހު ބޭއްވި މުޒާހަރާތައް ހުއްޓުވައިލުމަށް އިސްލާމްއާބާދާއި ރާވަލްޕިންޑިން މޮބައިލް ފޯނުގެ ހިދުމަތް ކަނޑައިލިއެވެ. މި ކަމުގެ ސަބަބުން މުވާސަލާތީ ހިދުމަތްތަކަށް ބުރޫ އަރައި ބޭންކުތަކާއި ޓެކްސީ އާއި ކާބޯތަކެތި ޑެލިވަރީގެ ހިދުމަތް ވެސް ހުއްޓުމަކަށް އައެވެ.
އިމްރާން ދޫކޮށްލުމަށް ގޮވައިލުމަށާއި އެ ކަމާ ގުޅޭ ޕްރޮގްރާމްތަކުގެ މައުލޫމާތު ފެތުރުމަށް އޭނާއަށް ތާއީދުކުރާ މީހުން ވަޓްސްއެޕް ފަދަ މެސެޖުކުރާ ހިދުމަތްތައް ބޭނުންކުރެއެވެ.
އިމްރާން ވެރިކަމުން ދުރުކުރީ 2022 ގައި ޕާލަމަންޓުން އޭނާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. ދައުލަތާ ދެކޮޅަށް ތެދުވުމާއި ޓެރަރިޒަމް ހިންގުމުގެ ދައުވާކޮށްފައި އޭނާ ޖަލަށްލިއެވެ. ގިނަ ކޭސްތައް އޭނާގެ ކޮޅަށް ނިމިފައި ވިޔަސް އަދި ކަފާލާތުގެ ދަށުން މިނިވަންވެފައި ހުއްޓަސް އިމްރާން އަދިވެސް ޖަލުން ދޫކޮށެއްނުލައެވެ. އެއީ އޭނާ އަލުން ވެރިކަމަށް ވަޑައިގަތުމަށް ހުރަސްއެޅުމަށްކަމަށް ޕީ.ޓީ.އައި.އިން ބުންޏެވެ. އިމްރާނާއި އޭނާގެ ޕާޓީން ހުރިހާ ދައުވާއަކާ ދެކޮޅު ހަދަމުން ބުނީ އޭނާއާ ދެކޮޅަށްކުރާ ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައިކުރާ ދައުވާތަކެއްކަމަށެވެ.
ކްރިކެޓް ކުޅުއްވުމަށް ފަހު ސިޔާސީ މައިދާނަށް ވަޑައިގަތް އިމްރާން ގިނަ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލެވެ. މި ދިޔަ އަހަރުގެ މެއި މަހު ކުޑަ ދުވަސްކޮޅަކަށް އޭނާ ޖަލަށްލުމުން މުޅި ގައުމުގައި ޕީ.ޓީ.އައި.އިން މުޒާހަރާތައް ބޭއްވިއެވެ. އެ މުޒާހަރާތައް ހޫނުވެ ދައުލަތާއި އަސްކަރީ އިމާރާތްތަކަށް ހަމަލާދިނެވެ. ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ހައްޔަރުކުރިއެވެ. ނަމަވެސް އަސްކަރީ ޝަރީއަތް ހިންގީ ގާތްގަނޑަކަށް 100 މީހުންނާ ދެކޮޅަށެވެ.



advertisment