ދުނިޔޭގެ ހަނގުރާމައެއް ފެށުން ގާތްކަމަށް ޕޮލަންޑުން މިއަދު ބުނެފިއެވެ.
"މިއީ ސީރިއަސްކަމެއް. ސަބަބަކީ ޔޫކްރެއިން ހަނގުރާމަ މި ވަނީ ނުރައްކާތެރި ހަރުފަތަކަށް ގޮސްފައި،" ޕޮލަންޑްގެ ބޮޑު ވަޒީރު ޑޮނަލްޑް ޓަސްކް ވިދާޅުވިއެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިން ވިދާޅުވީ އިއްޔެ ޔޫކްރެއިނަށް ހަމަލާދިނީ ރަޝިއާއިން ތައްޔާރުކޮށްފައިވާ އާ ވައްތަރެއްގެ ދުރު ރާސްތާ މިސައިލަކުން ކަމަށެވެ.
"މިއީ އެމެރިކާއިން ޔޫކްރެއިނަށް ދިން ދުރު ރާސްތާ މިސައިލުން ޔޫކްރެއިނުން ރަޝިއާއަށް ހަމަލާ ދިނުމުން އަހަރެމެން ދިން ހަމަލާއެއް،" ޕުޓިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ހަމަލާ ދިނީ ހުޅަނގުގެ ގައުމުތަކަށް އިންޒާރެއްގެ ގޮތުން ކަމަށެވެ.
"ވިސްނައިނުލައި ރަޝިއާއަށް ދޭ މި ފަދަ ހަމަލާތަކަށް އަހަރެމެން ޖަވާބު ދޭނަން،" ޕުޓިން ވިދާޅުވިއެވެ.
ހުޅަނގުގެ ގައުމުތައް ބައިވެރިވާ އަސްކަރީ ޖަމާއަތް ނޭޓޯއިން ބުނީ ރަޝިއާއިން ދުރު ރާސްތާ މިސައިލް ބޭނުންކުރުމަކުން ނޭޓޯގެ އުސޫލުތަކަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.
ޔޫކްރެއިނުން ބުނީ ދުރު ރާސްތާ މިސައިލުން ރަޝިއާއިން ހަމަލާ ދިނުމަކީ ރަޝިއާ ސުލްހައަށް ނޭދޭކަމުގެ ނިޝާނެއްކަމަށެވެ.
"ސާފުކޮށް މި އެނގުނީ ރަޝިއާއިން މި ހަނގުރާމަ އަދިވެސް ހޫނުކުރަންކަން ބޭނުންވަނީ،" ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަ ޒެލެންސްކީ ވިދާޅުވިއެވެ.
އިނގިރޭސި ވިލާތާއި ފްރާންސުން ބުނީ ޔޫކްރެއިން ދިފާއުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.
ޕުޓިން ވިދާޅުވީ ރަޝިއާއަށް ދުރު ރާސްތާ މިސައިލުން ހަމަލާ ދޭން ޔޫކްރެއިނަށް ހިތްވަރާއި ހުއްދަ ދިން ގައުމުތަކުގެ އަސްކަރީ މަރުކަޒުތަކަށް ރަޝިއާއިން ދުރު ރާސްތާގެ މިސައިލުން ހަމަލާ ދީފާނެކަމަށެވެ.
ރަޝިއާއާ ދެކޮޅަށް ދުރު ރާސްތާ މިސައިލުން ހަމަލާ ދޭން އެމެރިކާއިން ޔޫކްރެއިނަށް ހުއްދަ ދިނީ މި ދިޔަ އާދީއްތަ ދުވަހެވެ. އޭގެ ދެ ދުވަސް ފަހުން ޔޫކްރެއިނުން ރަޝިއާއަށް ދުރު ރާސްތާގެ ހަ މިސައިލުން ހަމަލާ ދިނެވެ. ނަމަވެސް މި ހަމަލާތަކުން އެއްވެސް މީހަކު މަރު ނުވާކަމަށާއި ޒަހަމް ނުވާކަމަށް ރަޝިއާއިން ބުންޏެވެ.



advertisment