Support Us

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ގެ ޕްރޮސެކިއުޓަރު ކަރީމް ހާން

ނަތަންޔާހޫ، ގެލަންޓް އަދި ޒައިފު ހައްޔަރުކުރަން އަމުރު ނެރެފި

އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އާއި އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ޔޮއަވް ގެލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޒައިފު ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަގުވަމީ ޖިނާއީ ކޯޓުން މިއަދު ނެރެފިއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)އިން މި އަމުރު ނެރުނީ އެ ކޯޓުގެ ޕްރޮސެކިއުޓަރު ކަރީމު ހާން މި ކަމަށް އެދުނުތާ ހަ މަސް ފަހުންނެވެ.

ނެދަލެންޑްސްގެ ހޭގްގައި ހުންނަ، ގައުމުތަކުން ގުޅިގެން އުފައްދައިފައިވާ މި ކޯޓުން މި ތިން މީހުންގެ މައްޗަށް ކުރަނީ މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި ޣައްޒާ ހަނގުރައިމައިގައި ހަނގުރައިމައިގެ ޖަރީމާތަކާއި ލާއިންސާނީ ކުށްތައްކޮށްފައިވާކަމުގެ ތުހުމަތެވެ.

ތިން ފަނޑިޔާރުންގެ ޕެނަލަކުން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ މައްޗަށް މި ކޯޓުން ބާރު ނުހިންގޭނެކަމަށް އިސްރާއީލުން ބުނި ނަމަވެސް އެ ކަމާ ދެކޮޅުކަމަށެވެ.

ކޯޓުން ބުނީ މި އަމުރު ކުރިން ސިއްރުކޮށްފައި ބޭއްވި ނަމަވެސް މިއަދު މި ކަން ހާމަކުރަން ނިންމީ މި ތިން މީހުންނާ ދެކޮޅަށްކުރާ ދައުވާގައިވާ ކަންތައްތައް އަދިވެސް މި ތިން މީހުން ކުރަމުންދާތީ ކަމަށެވެ. އެ ގޮތުން އިސްރާއީލުން ޣައްޒާއަށް އަދިވެސް ހަމަލާދެމުންދާ ކަމަށާއި ހަމާސްއިން ރަހީނުކުރި ޔަހޫދީން އަދިވެސް ދޫކޮށްނުލާތީކަމަށެވެ.

"ގެއްލުން ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކަށް މި އަމުރު ނެރުނުކަން އެބަ އެނގެންޖެހޭ. އެހެންވެގެން މި އަމުރު ސިއްރުނުކޮށް ހާމަކުރަން ނިންމީ،" އައި.ސީ.ސީން ބުންޏެވެ.

ރޯމް މުއާހަދާގެ ދަށުން މި ކޯޓު އުފައްދަން ނިންމި 124 ގައުމަށް ދެން ވާޖިބު ވާނީ މި ތިން މީހުން ހައްޔަރުކޮށްފައި މި ކޯޓާ ހަވާލުކުރުމަށެވެ. މުއާހަދާގެ 63 ވަނަ މާއްދާގައި ބުނާ ގޮތުން ކޯޓަށް ހާޒިރުނުކޮށް އެއްވެސް މީހެއްގެ ޝަރީއަތް ނުހިންގޭނެއެވެ.

މި ކޯޓަކީ އޭގެ އަމިއްލަ ބާރެއް ނެތް ތަނެކެވެ. މިހެންވެ ކޯޓުން ބަރޯސާ ވަނީ ރޯމް މުއާހަދާގައި ބައިވެރިވި ގައުމުތައް، ހެޔޮހިތުން، ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމަށެވެ.

ނަތަންޔާހޫ، ގެލަންޓް، ޒައިފު އަދި ހަމާސްގެ ލީޑަރުންކަމަށްވާ ޔަހްޔާ ސިންވާރު އާއި އިސްމާއީލު ހަނިއްޔާ ހައްޔަރުކުރުމުގެ އަމުރެއް ނެރެދޭން މެއި މަހުގެ 20 ވަނަ ދުވަހު ކަރީމް ވަނީ ހުށަހަޅައިފައެވެ.

ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ހަނިއްޔާ ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އިރާންގައި ހުއްޓައި ޝަހީދުކޮށްލައިފައެވެ. އޮގަސްޓް މަހު އިސްރާއީލުން ބުނީ ޒައިފު ޝަހީދުކޮށްލި ކަމަށެވެ. ނަމަވެސް ހަމާސްއިން އެ ކަން ދޮގުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ހަނިއްޔާ ހައްޔަރުކުރުމަށް އެދުނު އެދުން ކަރީމް އަނބުރާ ގެންދިޔައެވެ. ސިންވާރު ވަނީ ޣައްޒާގައި ޝަހީދުކޮށްލައިފައިކަން ހަމާސްއިން ކަށަވަރުކޮށްދިނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *