Support Us

އިޓަލީގެ ސާޑިނިއާ ޖަޒީރާގެ އޮއްލޮލައި ވިލެޖް

ޓްރަމްޕާ ދެކޮޅު އެމެރިކާ ރައްޔިތުންނަށް އިޓަލީން އެއް ޔޫރޯއަށް ގެއެއް

އެމެރިކާގެ ރައީސްކަމަށް އަނެއްކާވެސް ޑޮނަލްޑް ޓްރަމްޕް އިންތިހާބުވެވަޑައިގަތުމުން އެ ކަމާ ފިކުރު ބޮޑުވެފައިވާ އެމެރިކާގެ ރައްޔިތުންނަށް އިޓަލީއަށް ހިޖުރަކުރުމަށް އެއް ޔޫރޯ (16ރ.) އަށް ގެ ވިއްކާ މަޝްރޫއެއް ތައާރަފުކޮށްފިއެވެ.

އިޓަލީގެ ސާޑިނިއާ ޖަޒީރާގެ މެދުތެރޭގައިވާ އޮއްލޮލައި ވިލެޖުން އެސްޕްރެސޯ ކޮފީ ތައްޓެއްގެ އަގަށް ބާވެފައިވާ މި ގެތައް ވިއްކާ އަނެއް ސަބަބަކީ އެ ވިލެޖްގެ އާބާދީ ދަށަށް ދާތީ އެ މައްސަލަ ވެސް ހައްލުކުރުމެވެ.

"ދުނިޔޭގެ ސިޔާސީ މަޝްރަހާމެދު މާޔޫސްވެފައިތަ؟ އާ ފުރުސަތުތަކެއް ހޯދުމަށް ބެލެންސްވެފައިވާ ލައިފްސްޓައިލެއް ހޯދަނީތަ؟ އަންތަރީޒުވާ ފަދަ ސުވަރުގެއެއްކަމަށްވާ ސާޑިނިއާގައި ތިބާގެ ޔޫރަޕްގެ މަންޒިލު އިމާރާތްކުރުމަށް މި އޮތީ ވަގުތުއައިސްޖެހިފައި،" އޮއްލޮލައިގެ ފޭސްބުކްގައި ލިޔެފައިވެއެވެ.

އޮއްލޮލައި އޮންނަނީ ސާޑީނިއާގެ ހިތްގައިމު ބީޗުތަކަށް އެއް ގަޑިއިރެއްހާއިރު ކާރުގައި ދުއްވައިގެން ދެވޭހާ ކައިރީގައެވެ.

"އެމެރިކާގެ ގިނަ ރައްޔިތުންތަކެއް މިހާރު ވެސް ރިނޮވޭޓްކޮށްފި އެ މީހުން ގަތް ގެތައް،" އޮއްލޮލައިގެ ރަސްމީ އިދާރާތަކުން ބުންޏެވެ.

ރިނޮވޭޓްކުރަން ބޭނުންނުވާ މީހުންނަށް އެ ވިލެޖުން ރަނގަޅު ފެންވަރަށް ހަދައިފައިވާ ގެ ވިއްކަނީ 100،000 ޔޫރޯ (1.62 މިލިއަން ރުފިޔާ)އަށެވެ.

އޮއްލޮލައިގެ އިދާރާތަކުން ބުނީ ބިދޭސީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިމާރާތްކުރާ ކޮންޓްރެކްޓަރުން ހޯދައިދޭނެކަމަށާއި ރަސްމީ ލިޔެކިޔުންތައް ފުރިހަމަކުރުން ވެސް އަވަސްކޮށްދޭނެކަމަށެވެ.

އެއް ޔޫރޯއަށް ވިއްކާ މި ބާވެފައިވާ ގެތަކުގެ ހާލަތު އަދި މުޅިއަކުން ސާފެއް ނުވެއެވެ. ނަމަވެސް އޮއްލޮލައިގެ ފޭސްބުކްގައި ބުނެފައިވަނީ މި ތަންތަނުގެ ފޮޓޯތައް ވަރަށް އަވަހަށް ހިއްސާކުރާނެކަމަށެވެ.

"މި މަޝްރޫއު ފެށީ އެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބުކުރެއްވުމާ ގުޅިގެން އެމެރިކާގެ ކުރިމަގާމެދު ކަންބޮޑުވެފައިވާ އެމެރިކާ ރައްޔިތުންނަށް އަމާޒުކޮށްގެން. މި މަޝްރޫއުގައި ވިއްކާ ގެތައް ބޮޑަށް އަމާޒުކުރާނީ އެމެރިކާ ރައްޔިތުންނަށް. މި ތާނގައި ވަޒަންވެރިވުމަށް އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް ހުރަހެއް ނާޅާނަން. ނަމަވެސް އެމެރިކާ ރައްޔިތުންނަށް ހުރިހާ ކަމެއް އަވަސްކޮށްދޭނަން. މި ވިލެޖް އަލުން ދިރުވައިދޭނެކަމަށް ފެންނަނީ ބޮޑަށް އެމެރިކާ ރައްޔިތުން،" އޮއްލޮލައިގެ މޭޔަރު ފްރެންޗެސްކޯ ކޮލަމްބްޔޫ ސީ.އެން.އެން.އަށް ބުންޏެވެ.

މި މަޝްރޫއާ ބެހޭ މައުލޫމާތު ހޯދުމަށް 40،000 މީހުން އޮއްލޮލައިގެ ވެބްސައިޓު މެދުވެރިކޮށް ރިކުއެސްޓް ފޮނުވައިފައިވާކަމަށް ފްރެންޗެސްކޯ ބުންޏެވެ.

އޮއްލޮލައިން ވަނީ މި ފަދަ މަޝްރޫއެއް 2018 ގައި ވެސް ހިންގައިފައެވެ. އެ ފަހަރު މަޝްރޫއު ހިންގީ ވިލެޖްގެ އާބާދީ 50 އަހަރުގެ ތެރޭގައި 2،250 އިން 1،300 އަށް ދަށަށް ދިޔައިމައެވެ. ސަބަބަކީ ޒުވާނުން ބޮޑެތި ޓައުންތަކާއި ސިޓީތަކަށް ހިޖުރަކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *