އެމެރިކާއިން ހުއްދަ ދިން ތާ ދެ ދުވަސް ތެރޭގައި ޔޫކުރެއިނުން ރަޝިއާއަށް ދުރު ރާސްތާގެ މިސައިލުން ހަމަލާ ދޭން ފަށައިފިއެވެ.
ޔޫކްރެއިނުން އެމެރިކާއިން ދިން މި "އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް" (އޭ.ޓީ.އޭ.ސީ.އެމް.އެސް) މިސައިލްތައް ރަޝިއާއަށް ފޮނުވައިލީ ހަނގުރާމައަށް 1،000 ވަނަ ދުވަހަށްވީ މިއަދުއެވެ.
މި ބެލިސްޓިކް މިސައިލްތައް އެރީ ރަޝިއާގެ ބްރިޔާންސްކް ސަރަހައްދަށް ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުންޏެވެ.
ޔޫކްރެއިނުން މި ހަމަލާ ދިން ކަމާމެދު އަދި ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް އެމެރިކާއިން ހުއްދަ ދިންހާ އަވަހަށް ވަގުތު ބޭކާރު ނުކޮށްލައި ދުރު ރާސްތާގެ މިސައިލް ހަމަލާތައް ފެށީއެވެ. އެ ގޮތުން މިއަދު ވަނީ ހަ މިސައިލް ފޮނުވައިލައިފައެވެ.
ރަޝިއާއިން ބުނީ މީގެ ތެރެއިން ފަސް މިސައިލް ވައްޓައިލި ކަމަށާއި އަނެއް މިސައިލް ހަލާކުވިކަމަށެވެ. ހަލާކުވި މިސައިލްގެ ބައިބައި ވެއްޓުނީ އަސްކަރީ މަރުކަޒަކަށް ކަމަށް ރަޝިއާއިން ބުންޏެވެ.
"މި ހަމަލާތަކުގައި އެއްވެސް މީހަކު ޒަހަމެއް ނުވޭ އަދި އެއްވެސް އިމާރާތަކަށް ގެއްލުމެއް ވެސް ނުލިބޭ،" ރަޝިއާގެ ދިފާއީ ވުޒާރާއިން ބުންޏެވެ.
އެމެރިކާއިން ތައްޔާރުކޮށްފައިވާ ދުރު ރާސްތާ މިސައިލް ބޭނުންކުރުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ހުއްދައަކަށް އެދިވަޑައިގަތްތާ އަށް މަސްވީއިރު ވެސް ހުއްދަ ނުދީފައި އެމެރިކާގެ ރައީސް ޖޯ ބައިޑެން މި ހުއްދަ ދެއްވީ އާދީއްތަ ދުވަހުއެވެ.
ރަޝިއާއިން ބުނީ މިއީ އެމެރިކާއިން ސީދާ ޔޫކްރެއިން ހަނގުރައިމައިގައި ބައިވެރިވުން ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނީ މިއީ ޔޫކްރެއިން ދިފާއުވުމަށް ދިން ހުއްދައެއް ކަމަށެވެ.
"މި ކަމުގެ ސަބަބުން ހަނގުރާމަ ވަކި އިތުރަކަށް ހޫނެއް ނުވާނެ،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.
ނަމަވެސް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ބުނީ މިއީ ޔޫކްރެއިން ހަނގުރާމަ ސުލްހަވެރި ގޮތުގައި ހުއްޓަވައިލުމަށް ޓްރަމްޕް ވައުދުވެވަޑައިގަތްފައި ވަނިކޮށް ބައިޑެންގެ ރިޔާސީ ދައުރު ނިމެން ނުވަ ހަފުތާއަށް ވެފައިވަނިކޮށް ތިންވަނަ ބޮޑު ހަނގުރާމަ ފެށުން ކަހަލަ ކަމެއް ކަމަށެވެ.
ދުރު ރާސްތާގެ މިސައިލް ހަމަލާތައް ދޭން މި ފެށީ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކާއި ސަހަރުތަކަށް ދޭ މިސައިލް އަދި ޑްރޯން ހަމަލާތައް ރަޝިއާއިން ވަރުގަދަކޮށްފައި ވަނިކޮށެވެ.
"ރަޝިއާއިން ބޭނުންވަނީ އަނެއްކާވެސް ޔޫކްރެއިންގެ ކަރަންޓް ވިއުގަ ނައްތައިލަން. އެހެންވެއްޖެ ނަމަ މިއީ ތިން ވަނަ އަހަރު ގަދަ ފިނީގައި ޔޫކްރެއިން ރައްޔިތުން ހަރީފު މޫސުމުގައި ކެތްކޮށްލަންޖެހޭނެ،" ޔޫކްރެއިންގެ އޮފިޝަލަކު ބުންޏެވެ.
މިދިޔަ ރަބީއު މޫސުމުގައި ޔޫކްރެއިނުން ހިފި ރަޝިއާގެ ކޫސްކް ސަރަހައްދަށް ރަޝިއާގެ ސިފައިންނަށް އެހީވުމަށް އުތުރު ކޮރެއާއިން ވަނީ 10،000 ސިފައިން ފޮނުވައިފައެވެ.
"މިއީ ހަނގުރާމަ އިތުރަށް ހޫނުކުރަން ރަޝިއާއިން ކުރި ކަމެއް. މިއީ ޔޫރަޕްގައި ހިނގަމުންދާ ހަނގުރާމައެއްގައި އޭޝިއާގެ ސިފައިން ރަޝިއާއިން ބޭނުންކުރުން،" އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު މެޓްހިއު މިލާ ހޯމަ ދުވަހު ބުންޏެވެ.
އެމެރިކާގެ ބައެއް އަސްކަރީ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރީ މި އޭ.ޓީ.އޭ.ސީ.އެމް.އެސް މިސައިލްގެ ސްޓޮކްތައް މަދުވަމުންދާތީއެވެ.
ދުރު ރާސްތާ މިސައިލް ޔޫކްރެއިނުން ބޭނުންކުރުމުން ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިން ވަނީ ރަޝިއާގެ ނިއުކްލިއާ ހަތިޔާރާ ބެހޭ ސިޔާސަތަށް ބަދަލުތަކެއް މިއަދު ގެންނަވައިފައެވެ. އެ ގޮތުން ނިއުކްލިއާ ހަތިޔާރު ނެތް ގައުމަކުން ނިއުކްލިއާ ހަތިޔާރު ހުރި ގައުމަކާ ބައިވެރިވެގެން ރަޝިއާއަށް ހަމަލާ ދީފި ނަމަ ބަލާނީ ދެ ގައުމުން ގުޅިގެން ރަޝިއާއާ ހަނގުރާމަކުރަނީކަމަށް ޕުޓިން ނިންމެވިއެވެ.
ޔޫކްރެއިން އެއްކޮށް ހިފަން ރަޝިއާއިން ކުރަމުންދާ ދެ އަހަރާއި ބައި ވީ ހަނގުރައިމައިގައި ޕުޓިން ވަނީ އެކި ފަހަރު މަތިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރައްވަފައިނެކަމުގެ ބިރުދައްކަވައިފައެވެ.
ޔޫކްރެއިނަށް ޔޫރަޕް ސިފައިން ފޮނުވައިފައިނެކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މި އަހަރު ކުރީކޮޅު އިންޒާރު ދެއްވުމުން ޕުޓިން ވަނީ ނިއުކްލިއާ ހަތިޔާރާ ގުޅޭ ޑްރިލްތައްކެއް ވެސް ބާއްވަވައިފައެވެ.
"ހަނގުރާމަ ކާމިޔާބުކުރަން ދުރު ރާސްތާގެ މިސައިލް ބޭނުންކުރުމަކީ މުހިންމު ކަމެއް،" ޒެލެންސްކީ ވިދާޅުވިއެވެ.
ބައިޑެން މި ކަމަށް އާދީއްތަ ދުވަހު ހުއްދަ ދެއްވުމުން އެ ދުވަހު ޒެލެންސްކީ ވިދާޅުވީ "ހަމަލާ ދިނުމަކީ އަނގައިން ދޫކޮށްލާ ބަސްތަކެއް ނޫން"ކަމަށެވެ.
"ހަމަލާ ދިނުމަކީ އިއުލާންކޮށްފައިކުރާ ކަމެއް ނޫން. ފޮނުވާލާ މިސައިލްތަކުން އެކަން ހާމަވާނީ،" ޒެލެންސްކީ ވިދާޅުވިއެވެ.



advertisment