Support Us

އެމެރިކާގެ ރައީސް ޖޯ ބައިޑެން (ކ) ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ބައްދަލުކުރައްވަނީ

ރަޝިއާއާ ދެކޮޅަށް ދުރު ރާސްތާ މިސައިލް ބޭނުންކުރަން އެމެރިކާ ހުއްދަ ދީފި

ރަޝިއާއާ ދެކޮޅަށް ދުރު ރާސްތާގެ މިސައިލް ބޭނުންކުރުމަށް ޔޫކްރެއިނަށް އެމެރިކާއިން ހުއްދަ ދީފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މި ގޮތަށް ހުއްދަ ދެއްވުމުން ރަޝިއާގެ އެތެރެއަށް އެމެރިކާއިން އުފައްދައިފައިވާ ހަތިޔާރު ފޮނުވައިލުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއަށް އެންމެ ފަހުން ހުއްދަ ލިބިވަޑައިގަތީއެވެ.

ބައިޑެން މި ގޮތަށް ހުއްދަ މި ދެއްވީ އޭނާގެ ރިޔާސީ ދައުރު ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. އަދި މި ހުއްދަ ދެއްވި ވަގުތު ދިމާވީ ރަޝިއާއިން އާދަޔާ ހިލާފު ގިނަ އަދަދަކަށް ޔޫކްރެއިނަށް މިސައިލް އާއި ޑްރޯން ހަމަލާތަކެއް ދިންތާ މަދު ގަޑިއިރެއްގެ ތެރޭގައެވެ.

ބައިޑެންގެ މި ނިންމެވުން ރަޝިއާއިން ސިފަކުރީ "އަނދައަނދާ ހުރި އަލިފާންގަނޑަކަށް ތެޔޮއެޅުން" ފަދަ ކަމެއްގެ ގޮތުގައެވެ.

ރަޝިއާގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޯފް ބުނީ ބައިޑެން މި ގޮތަށް ނިންމެވުމުން މީގެން ނެގޭ މާނައަކީ ރަޝިއާއިން ޔޫކްރެއިން ހިފަންކުރާ ހަނގުރައިމައިގައި އެމެރިކާއިން ސީދާ ބައިވެރިވުންކަމަށެވެ. މި ކަހަލަ ގޮތަކަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވެސް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މި މައްސަލައިގައި އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ޓްރަމްޕްގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ވަނީ ބައިޑެންގެ މި ނިންމެވުމަށް ފާޑުކިޔައިފައެވެ.

"ސުލްހަ ގާއިމުކޮށް، މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އަހަރެންގެ ބައްޕައަށް ފުރުސަތު ލިބުމުގެ ކުރިން ހަތިޔާރު އުފައްދާ ސިނާއީ ކުންފުނިތަކުން ބޭނުންވާ ކަހަލަ ތިން ވަނަ ބޮޑު ހަނގުރާމައެއް ފަށަން ބައިޑެން މި އުޅުއްވަނީ،" އޭނާ ބުންޏެވެ.

ރިޔާސީ ކެމްޕޭންގައި ޓްރަމްޕް ތަކުރާރުކޮށް ވައުދުވެ ވަޑައިގަތްފައިވަނީ މަޝްވަރާކުރައްވައިގެން ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަވާނެކަމަށެވެ.

ބައިޑެންގެ ނިންމެވުން މި އައީ ރަޝިއާގެ ކޫސްކް ސަރަހައްދަށް އުތުރު ކޮރެއާގެ ސިފައިން ފޮނުވައިފައިވަނިކޮށެވެ. ކޫސްކަކީ މިދިޔަ އޮގަސްޓް މަހު ޔޫކްރެއިން ސިފައިން ހިފައިފައިވާ ތަނެކެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކަށް ރަޝިއާ ސިފައިން މަޑުމަޑުން ވަންނަން ފެށުމުން ރަޝިއާއާ ދެކޮޅަށް ދުރު ރާސްތާގެ މިސައިލް ބޭނުންކުރުމުގެ ހުއްދައަށް ހުޅަނގުގެ ގައުމުތަކުގެ ކިބައިން ޒެލެންސްކީ އެދިވަޑައިގަންނަވާތާ އެތައް މަހެއް ވެއްޖެއެވެ. އެ ގޮތުން އެމެރިކާ އާއި އިނގިރޭސި ވިލާތުން މި ކަމަށް އެއްބަސްވުމަށް ޒެލެންސްކީ ވަނީ އެދިވަޑައިގެންފައެވެ.

ގާތްގަނޑަކަށް 12،000 ސިފައިން އުތުރު ކޮރެއާއިން މިހާރު ވަނީ ރަޝިއާއަށް ފޮނުވައިފައި ކަމަށް އެމެރިކާ، ޔޫކްރެއިން އަދި ދެކުނު ކޮރެއާއިން ބުންޏެވެ. އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދީފައިވާކަމަށް ވެސް ތުހުމަތުކުރެވެއެވެ.

ދުރު ރާސްތާގެ މިސައިލް އެމެރިކާއިން ޔޫކްރެއިނަށް ފޮނުވީ ސިއްރިޔާތުގައި މި ދިޔަ މާރިޗު މަހުއެވެ. ނަމަވެސް ރަޝިއާގެ އެތެރޭގެ ސަރަހައްދުތަކަށް އެ ތަކެތި ފޮނުވައިލުމަށް އެމެރިކާއިން މިހާތަނަށް ހުއްދައެއް ނުދެއެވެ. އެކަމަކު އެޕްރިލް މަހު ޔޫކްރެއިނުން ވަނީ ރަޝިއާއިން ހިފި ޔޫކްރެއިންގެ ސަރަހައްދެއް ކަމަށްވާ ކްރައިމިއާއަށް މި މިސައިލްތަކުން ހަމަލާ ދީފައެވެ.

ރަޝިއާއަށް އެމެރިކާގެ ދުރު ރާސްތާ މިސައިލްތައް ފޮނުވައިލަން ބައިޑެން ހުއްދަ މި ދެއްވީ އޭނާގެ ރިޔާސީ ދައުރު ހަމަވާން ނުވަ ހަފުތާއަށްވެފައިވަނިކޮށެވެ.

ޔޫކްރެއިން ހަނގުރާމައަށް އަވަސް ނިންމުމެއް ގެންނަވާނެކަމަށް ޓްރަމްޕް ވައުދުވެވަޑައިގަތުމުން އެމެރިކާއިން ޔޫކްރެއިނަށް ކުރިމަގުގައި ހަތިޔާރު ފޮނުވާނެތޯ މިއީ މިހާރު އުފެދިފައިވާ ސުވާލެކެވެ. ބައިޑަންގެ ވެރިކަމުގައި އެމެރިކާ ވެފައިވަނީ ޔޫކްރެއިނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *