ސްރީ ލަންކާގެ އާއްމު އިންތިހާބުން އާ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަގެ ކޯލިޝަނަށް ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަދެބައި ގޮނޑި ކަށަވަރުވެއްޖެއެވެ.
ރަސްމީ ނަތީޖާއިން އިއްޔެ ދެއްކި ގޮތުގައި އަނޫރާގެ ނެޝަނަލް ޕީޕްލްސް ޕަވާ (އެން.ޕީ.ޕީ) އިއްތިހާދަށް ވަނީ 225 ގޮނޑީގެ ތެރެއިން 159 ގޮނޑި ލިބިފައެވެ.
ގާތްގަނޑަކަށް 62 ޕަސެންޓް ވޯޓު ލިބުނުއިރު ތަމަޅަ ނަސްލުގެ ގިނަ ބަޔަކު އުޅޭ ޖަފްނާއިން ވެސް ވަނީ މުޅިން އަލަށް މެޖޯރިޓީ ހޯދައިފައެވެ. މިއީ 1948 ގައި އިނގިރޭސީންގެ އަތްދަށުން ލަންކާ މިނިވަންވުމަށް ފަހު ކުރިން ނުދެކޭ ނަތީޖާއެކެވެ.
"އާ ދިރުމަކަށް ވޯޓު ލީ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން،" އެކްސްގައި ލިޔުއްވި ކުޑަ ބަޔާނެއްގައި އަނޫރާ ވިދާޅުވިއެވެ.
"ރައްޔިތުން ރުހޭ ގޮތަށް ނުހިނގާ ޕާލަމަންޓަކައިގެން ކުރިއަށް ދިއުމުގެ ބޭނުމެއް ނެތް،" އަނޫރާ އިތުރަށް ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އަނޫރާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަން މި ނަތީޖާގެ ސަބަބުން ފަސޭހަވާނެއެވެ. އޭގެ ތެރޭގައި އިގުތިސާދީ އަދި ދުސްތޫރީ އިސްލާހުތައް ގެނައުން ހިމެނެއެވެ.
ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އުވާލެއްވި ޕާލަމަންޓްގައި އަނޫރާގެ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭ.ވީ.ޕީ) ޕާޓީގައި ވަނީ އެންމެ ތިން ގޮނޑިއެވެ.
އުމުރުން 55 އަހަރުގެ އަނޫރާ ވިދާޅުވީ މި އިންތިހާބު ވެގެންދާނީ ލަންކާ އެހެން މަގަކަށް އަޅާ މުހިންމު އިންތިހާބަކަށް ކަމަށެވެ.
ރިޔާސީ އިންތިހާބުން ދެވަނައަށް އައި ސަޖިތު ޕްރެމަދާސަ މިހާރު ވެފައިވަނީ ގައުމުގެ އެންމެ ބޮޑު އިދިކޮޅަށެވެ.
ކުރީގެ ޕާލަމަންޓްގައި ހިމެނުނު މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަދެބައި މެންބަރުން މި ފަހަރު ވާދަނުކުރެއެވެ. އޭގެ ތެރޭގައި ގައުމުގައި ސިޔާސީ ނުފޫޒު ގަދަ ރާޖަޕަކްސަ އާއިލާގެ މެންބަރުން ވެސް ހިމެނެއެވެ.
އިންތިހާބުގައި ސީދާ ހޮވަނީ 196 މެންބަރުންނެވެ. ބާކީ ގޮނޑިތަކަކީ ވޯޓު ލިބުނު ނިސްބަތަށް ބަލައިގެން ޕާޓީތަކުން ހުށަހަޅާ ކެންޑިޑޭޓުންނަށް ދޭ ގޮނޑިތަކެވެ. މިއީ ލަންކާގެ ޕާލަމަންޓްގައި އޮންނަ ނިސްބަތުން ތަމްސީލުކުރާ ނުވަތަ "ޕްރޮޕޯޝަނަލް ރިޕްރެޒެންޓޭޝަން" ނިޒާމުގެ ދަށުން ކާމިޔާބީ ލިބޭ ޕާޓީތަކަށް ރިޒާވްކޮށްފައިވާ ގޮނޑިތަކެކެވެ.
ވޯޓު ލީ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް މި ފަހަރުގެ އިންތިހާބުގައި ވެފައިވަނީ އިގުތިސާދީ ހާލަތެވެ. އެ ގޮތުން އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ބޮޑުވުމާއި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ހިމެނެއެވެ. މިއީ 2022 ގައި ކުރިމަތިވި ސިޔާސީ ކާރިސާގައި އެއިރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާދެއްވަން ޖެހިވަޑައިގަތް ސަބަބެވެ. އޭނާއަށް ފަހު ރައީސްކަމާ ހަވާލުވެ ވަޑައިގަތީ ރަނިލް ވިކްރަމަސިންހައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ އެހީގައި ރަނިލް ވަނީ ތިން ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ)ގެ ބެއިލްއައުޓް ޕެކެޖެއް ހަމަޖައްސަވައިފައެވެ.
ނަމަވެސް އަދިވެސް ގިނަ ރައްޔިތުން އުޅެނީ އިގުތިސާދީ މައްސަލަތަކުގެ ތެރޭގައެވެ. އެ ގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފަގީރުންގެ އަދަދު ވަނީ 25 ޕަސެންޓަށް އަރައިފައެވެ. އަދި ވޯލްޑް ބޭންކުން އަންދާޒާކުރަނީ ގައުމުގެ އިގުތިސާދު މި އަހަރު ކުރިއަރާނީ އެންމެ 2.2 ޕަސެންޓުންކަމަށެވެ.
އަނޫރާގެ އިއްތިހާދަށް ޕާލަމަންޓްގެ މެޖޯރިޓީ ލިބުމުން މިހާރު ތިބީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި ބޮޑު ޕްރެޝަރެއްގައެވެ. އޭގެ ތެރޭގައި ގައުމުގެ ދަރަނިތައް އަދާކުރުމާއި ސިޔާސީ ސަގާފަތް އިސްލާހުކުރުމާއި އަދި ކުރީގެ ސަރުކާރުތަކުގައި ކޮރަޕްޝަން ހިންގި މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އަނޫރާ ވެވަޑައިގަތް ވައުދުތައް ހިމެނެއެވެ.
ލަންކާގެ އިގުތިސާދީ ހާލަތު އަދިވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. އަނޫރާގެ ސަރުކާރުން މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އަސާސީ ތަކެއްޗާއި ހިދުމަތް ދިނުމަށެވެ. މިއަދުން ފެށިގެން ގައުމު ކުރިއަށްގެންދާނެ ގޮތަކީ އޭނާގެ އާ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.



advertisment