Support Us

ރަޝިއާއިން ހާނެސް އަޅުވައިފައިވާ "ހުވަލްޑިމިއާ" ނަމަކަށް ކިޔާ "ބެލޫގާ" ބާވަތުގެ ބޮޑުމަސް

ޖާސޫސީ ބޮޑުމަސް ތަމްރީންކުރީ ރަޝިއާއިން: ޔޫކްރެއިން

މިދިޔަ ސެޕްޓެމްބަރު މަހު ނޯވޭގެ އައްސޭރިފަށުން ފެނުނު މަރުވެފައި އޮތް "ބެލޫގާ" ބާވަތުގެ ބޮޑުމަސް ޖާސޫސީ މަހުލޫގެއްގެ ގޮތުގައި ތަމްރީންކޮށްފައިވަނީ ރަޝިއާއިން ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ނޯވޭގެ އައްސޭރިފަށުން 2019 ގައި ފުރަތަމަ ފެނުނު "ހުވަލްޑިމިއާ"ގެ ނަން ދީފައިވާ ބޮޑުމަސް ތަމްރީންކޮށްފައިވަނީ ރަޝިއާއިން ކަމަށް "100 ޕަސެންޓް ޔަގީން"ކަމަށް ޔޫކްރެއިންގެ ސައިންސްވެރިޔާ ޑރ. އޮލްގާ ޝްޕަކް ބުންޏެވެ.

"ފަހަރެއްގައި ނުވެދާނެ ސީދާ ޖާސޫސުކުރަން ތަމްރީންކޮށްފައިވާ ކަމަށް، ނަމަވެސް ރަޝިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ދިފާއުކުރަން ތަމްރީންކޮށްފައިވާކަން ކަށަވަރު،" އޭނާ ބުންޏެވެ.

އޮލްގާ ވަނީ 1990 ގެ އަހަރުތަކުން ފެށިގެން ރަޝިއާގައި ހުރެގެން ކަނޑުގައި އުޅޭ "މެމަލް"އާ ބެހޭ ދިރާސާތައްކޮށްފައެވެ. މެމަލްއަކީ ގާތުން ކިރު ދޭ ބާވަތުގެ މަހުލޫގުންނެވެ.

ހާނެސްގައި ލިޔެފައިވަނީ ރަޝިއާގެ ސެއިންޓް ޕީޓަސްބާގް ސަހަރުގެ ނަން

އޮލްގާ އެނބުރި ޔޫކްރެއިނަށް އައީ 2022 ގައެވެ.

ހުވަލްޑިމިއާ ތަމްރީންކޮށްފައިވަނީ ރަޝިއާއިންކަމާމެދު ރަޝިއާ ސަރުކާރުން އެއްޗެކޭ ނުބުނެއެވެ. ނަމަވެސް ހުވަލްޑިމިއާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ހާނެސްއެއްގައި "އިކުއިޕްމެންޓް ސެއިންޓް ޕީޓަސްބާގް" ލިޔެފައިވެއެވެ. މާނައީ ރަޝިއާގެ ސެއިންޓް ޕީޓަސްބާގް ސަހަރުގެ އާލާތެއްކަމެވެ.

އޮލްގާ ބުނީ ރަޝިއާގައި މި ބޮޑުމަހަށް ދީފައިވާ ނަމަކީ "އަންޑްރުހާ" ކަމަށެވެ.

ކަނޑުގައި އުޅޭ މެމަލް އަސްކަރީ ބޭނުންތަކަށް ރަޝިއާއިން ތަމްރީންކުރާކަން ތާރީހުން އެނގެއެވެ.

ޔޫކްރެއިންގެ ސައިންސްވެރިޔާ ޑރ. އޮލްގާ ޝްޕަކް

"މި ބޮޑުމަސް ރަޝިއާއިން ހިފައިފައިވަނީ 2013 ގައި. އެ ސޮރު ތަމްރީންކޮށްފައިވަނީ އާކްޓިކް ކަނޑުގައި. ރަޝިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒުން އެ ސޮރު ފިލީ،" އޮލްގާ ބުންޏެވެ.

މި ބޮޑުމަސް ރަޝިއާއިން ތަމްރީންކޮށްފައިވާކަން އެނގެނީ މަސްވެރިންނާ ގާތްވުމުގައި ޖެހިލުންވުމެއް ނުވާކަމާއި އުޅަނދުފަހަރުގައި ބީހުމާއި އަދި މޮބައިލް ފޯން ފަދަ ތަކެތި އަނބުރާ ގެނެސްދިނުން ފަދަ ކަންތައްތައްކުރާތީއެވެ.

"މި ކަމުން ދޭހަވަނީ މިއީ އިންސާނުންނާ ގުޅުން ބަދަހިކުރުމަށް ތަމްރީނު ކުރެވިފައިވާ ބޮޑުމަހެއްކަން،" އޮލްގާ ބުންޏެވެ.

ހުވަލްޑިމިއާ ނޯވޭގެ އައްސޭރިފަށުގައި މަރުވެފައި އޮއްވައި ފެނުމުން ބެލިބެލުމުން އެނގުނީ އެ ސޮރުގެ އަނގައިގައި ދަނޑިބުރިއެއް ތާށިވެފައިކަމެވެ. އަދި މަރުވީ މި ސަބަބާހުރެކަމަށް ބެލެވޭކަމަށް ސައިންސްވެރިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *