ސްރީ ލަންކާގައި މިއަދު ކުރިއަށްދާ އާއްމު އިންތިހާބުގެ ނަތީޖާ މާދަމާ އިއުލާންކުރެވޭނެ ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ.
ގާނޫނު ހަދާ މަޖިލީހުގައި ހިމެނެނީ 225 ގޮނޑިއެވެ. މި ސީޓުތަކަށް 8،821 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިހާބަކީ އާ ރައީސް އަނޫރާ ކުމަރަ ޑިސަނަޔަކައަށް މުހިންމު އިންތިހާބެކެވެ. ސަބަބަކީ ސެޕްޓެމްބަރު 21 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޭނާއަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިނުގަތުމުންނެވެ. މިހެންވެ، އޭނާ ވައުދުވެ ވަޑައިގަތް އިސްލާހީ ފިޔަވަޅުތައް އެޅެން އޮތީ ޕާލަމަންޓްގައި އަޣުލަބިއްޔަތު ހޯއްދަވައިގެންނެވެ.
އަނޫރާގެ ނެޝަނަލް ޕީޕްލްސް ޕަވާ (އެން.ޕީ.ޕީ)ގެ ކޯލިޝަނަށް ރިޔާސީ އިންތިހާބުގައި ލިބުނު 42 ޕަސެންޓް ވޯޓަށްވުރެ ގިނަ ވޯޓު މި ފަހަރު ހޯދަން ޖެހެއެވެ. އެއީ ޕާލަމަންޓްގެ ކޮންޓްރޯލް ހޯދަން ބޭނުންވާ 113 ގޮނޑި ކާމިޔާބުކުރުމަށެވެ.
އަނޫރާއަށް ރައީސްކަން ލިބިވަޑައިގަތީ 1948 ގައި އިނގިރޭސި ވިލާތުގެ އަތްދަށުން ގައުމު މިނިވަންވި ފަހުން ވެރިކަންކުރި ހުރިހާ ސިޔާސީ ޕާޓީއަށް ރައްޔިތުންގެ ތާއީދު ނުލިބުމުންނެވެ.
އޭނާގެ އެން.ޕީ.ޕީއަކީ ސިޔާސީ ގޮތުން ޅަ ކޯލިޝަނެކެވެ. ސަބަބަކީ އެ ކޯލިޝަން ވުޖޫދަށް އައީ 2019 ގައެވެ. މިހެންވެ މި އާއްމު އިންތިހާބުގައި އޭނާގެ ކޯލިޝަނަށް ކުރިމަތިލާން ޖެހިފައިވަނީ ހަރުކުލައިގެ ތަޖުރިބާހުރި ކެންޑިޑޭޓުންނާއެވެ.
އެން.ޕީ.ޕީގެ މައި އިދިކޮޅު ފަރާތަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ލިބިވަޑައިގަތް ސަޖިތު ޕްރެމަދާސަގެ ޔުނައިޓެޑް ޕީޕްލްސް ޕަވާ ކޯލިޝަނެވެ.
"މި އިންތިހާބުގައި އަހަރެމެންނަށް ޕާލަމަންޓްގައި އަޣުލަބިއްޔަތެއް ދިނުމަށް ގޮވައިލަން. ސަބަބަކީ އިސްލާހީ އެޖެންޑާ ތަންފީޒުކުރަން ފަސޭހަ ވާނީ ކޯލިޝަނަކާ ނުލައި،" އަނޫރާ ވިދާޅުވެފައިވެއެވެ.
މި އިންތިހާބު ކުރިއަށްދަނީ ލަންކާއަށް ކުރިމަތިވި އިގުތިސާދީ އެންމެ ބޮޑު އަނދަވަޅުން އަރައިގަންނަމުން އަންނަނިކޮށެވެ. އެ ގޮތުން 2022 ގައި ބޭރުގެ ދަރަނި ޑީފޯލްޓްވެ، ބަނގުރޫޓުވެފައިވާކަން ވަނީ އިއުލާންކޮށްފައެވެ.
ލަންކާ މިހާރު ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ ބެއިލްއައުޓް ޕްރޮގްރާމެއްގައެވެ. އަދި ބައިނަލްއަގުވާމީ ކްރެޑިޓް ދޭ ފަރާތްތަކާއެކު ދަރަނި ރިސްޓްރަކްޗާކޮށް ނިންމުން ވެސް ވަނީ ކައިރީގައެވެ.
އަނޫރާގެ ކުރިން ރައީސްކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އައި.އެމް.އެފްއާ ވީ އެއްބަސްވުން ބަދަލުކުރާނެކަމުގެ ވައުދުވެވަޑައިގަތަސް އަނޫރާ މިހާރު ވިދާޅުވަނީ ރަނިލް އެއްބަސްވެވަޑައިގަތް ގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.
ލަންކާއަށް އިގުތިސާދީ ކާރިސާއެއް ކުރިމަތިވީ އިގުތިސާދަށް ކުރީގެ ސަރުކާރުތަކުން އިހުމާލުވުމާއި ކޮވިޑް-19 ޕެންޑެމިކުން ކުރިމަތިވި ވިޔަފާރީގެ މައްސަލަތަކާއި 2019 ގައި ޓޫރިޒަމް ސިނާއަތަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ކޮވިޑް ބަލިމަޑުކަމުގެ ދުވަސްވަރު ގައުމުން ބޭރުގައި މަސައްކަތްކުރާ ލަންކާ ރައްޔިތުން ގައުމަށް ފައިސާ ފޮނުވުން މަދުވުން ވެސް ލަންކާގެ އިގުތިސާދީ މައްސަލަތަކަށް ކުރިމަތިވި ދެރައެއްކަމަށްވިއެވެ.
މައްސަލަތައް ގޯސްވުމުގެ އަނެއް ސަބަބަކީ 2019 ގައި ސަރުކާރުން ޓެކްސް ނެގުން ލުއިކޮށްލުމެވެ. މި ކަމުގެ ސަބަބަން ދައުލަތުގެ ހަޒާނާ ހުސްވާއަތަށްއެޅިއެވެ. ބޭރު ފައިސާ ހުރިވަރު ދަށްވިއެވެ. މީގެ ނަތީޖާއަކަށްވީ އިމްޕޯޓްކުރާ މުދަލަށް ދައްކާނެ ފައިސާ ނެތުމާއި ގައުމީ ފައިސާކަމަށްވާ ރުޕީގެ އަގު ވެއްޓުމެވެ.
ލަންކާގެ މި އިގުތިސާދީ ވަޅުގަނޑުގެ ސަބަބުން ސިޔާސީ ކާރިސާއެއް ވެސް ކުރިމަތިވެ، އެއިރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ 2022 ގައި މަޖުބޫރީ ހާލަތުގައި މަގާމުން އިސްތިއުފާދެއްވިއެވެ. ވިކްރަމަސިންހަ ރައީސްކަމަށް ޕާލަމަންޓުން އިންތިހާބުކުރީ އެ ކަމާ ގުޅިގެންނެވެ.
ވިކްރަމަސިންހަގެ ވެރިކަމުގެ ދަށުގައި ލަންކާގެ އިގުތިސާދު ހަމައަކަށް އެޅެން ފެށިއެވެ. އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ކޮންޓްރޯލްކުރެވެން ފެށިއެވެ. ރުޕީގެ އަގު ހަރުދަނާވާން ފެށިއެވެ. އަދި ބޭރު ފައިސާގެ ރިޒާވް އިތުރުވާން ފެށިއެވެ. ނަމަވެސް އޭނާއަށް ރިޔާސީ އިންތިހާބު ގެއްލުނީ ސަރުކާރުގެ އާމްދަނީ އިތުރުކުރަން ކަރަންޓު ބިލު އަގުބޮޑުކުރުމާއި މަސައްކަތެރިންނާއި ވިޔަފާރިވެރިންގެ އާމްދަނީން ބޮޑެތި އާ ޓެކްސްތަކެއް ނަގަން ފެށުމުންނެވެ. އެއީ އައި.އެމް.އެފް.އިން ދިން އިރުޝާދާ އެއްގޮތަށެވެ.
ޕާލަމަންޓްގެ އަޣުލަބިއްޔަތު މާދަމާ އަނޫރާއަށް ލިބިވަޑައިގެންފި ނަމަ ކުރީ ސަރުކާރުތަކުގައި ކޮރަޕްޝަން ހިންގި މީހުންނަށް ފިޔަވަޅު އަޅާނެކަމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި ދައުލަތުން ވަގަށް ނެގި އަރަނިތައް ހޯއްދަވައިދެއްވާނެކަމުގެ ވައުދަކީ ވެސް ރައްޔިތުންގެ ތާއީދު ލިބިފައިވާކަމެކެވެ.



advertisment