މި ދިޔަ މަހު ހަތެއްގައި ކާރު އެކްސިޑެންޓެއްގައި ޒަހަމްވި އެކުއެޑޯގެ އުމުރުން 22 އަހަރުގެ ފުޓުބޯޅަ ކުޅުންތެރިޔާ މާކޯ އެންގޫލޯ މަރުވެއްޖެއެވެ.
ބޮލަށާއި ފުއްޕާމެއަށް ލިބުނު ގެއްލުންތަކަށް ފަރުވާ ދިނުމަށް، މިޑްފީލްޑަށް ކުޅޭ މާކޯ އޮތީ އައި.ސީ.ޔޫގައެވެ. އޭނާ ވަނީ އެތައް ސާޖަރީއެއް ހަދައިފައިކަމަށް އެކުއެޑޯގެ މީޑިއާތަކުން ބުންޏެވެ.
ބައިނަލްއަގުވާމީ ޓީމަށް ވެސް ކުޅޭ މާކޯ ހޯމަ ދުވަހު މަރުވިކަން އިއުލާންކުރަމުން އެކުއެޑޯ ފުޓްބޯލް ފެޑަރޭޝަނުން ވަނީ ތައުޒިޔާކިޔައިފައެވެ.
"އޭނާގެ ހުނަރާއި ފަރުވާތެރިކަމާއެކު ވަނީ އަހަރެމެންގެ ގައުމުގެ ކުލަތައް ކޮންމެ ފުރުސަތެއްގައި ދިފާއުކޮށްދީފައި،" އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މާކޯއަކީ ޓީމާ ގުޅިގެން ކުޅޭ ކުޅުންތެރިއެއްކަމަށާއި އޭނާއާއެކު ފުޓުބޯޅަ ދަތުރުތަކާއި ތަމްރީން ކޭމްޕްތަކާއި އަދި މެޗުތަކުގައި ބައިވެރިވި އެންމެންނަށް ފުން ހިތާމައެއް ލިބިފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.
މާކޯ ހުރީ އެކުއެޑޯގެ ކްލަބް އެލް.ޑީ.ޔޫ ކީޓޯގައެވެ. އެއީ އެމް.އެލް.އެސްގެ އެފް.ސީ ސިންސިނާޓީން ދޫކުރި ލޯނެއްގެ ދަށުންނެވެ.
ކާރު އެކްސިޑެންޓްގައި އިންޑިޕެންޑިއެންޓޭގެ ޑިފެންޑަރު ރޮބާޓޯ ކަބޭޒަސް އާއި އެ މީހުންގެ ރަހްމަތްތެރިއަކު ވެސް މަރުވިއެވެ.
ކީޓޯއަށް މާކޯ ކުޅުނު އެންމެ ފަހު މެޗު އޮތީ އެކްސިޑެންޓްވުމުގެ އެއް ދުވަސް ކުރިންނެވެ.
"މާކޯގެ މަރަކީ ފޫނުބެއްދޭނެ ހުސްކަމެއް. އަހަރެމެންގެ ހިތުގައި ބިންވަޅުނެގޭނެ ކަމެއް،" އެ ޓީމުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެފް.ސީ ސިންސިނާޓީން ބުނީ މާކޯ މަރުވުމުން ޓީމުގެ "ހިތް ހަލާކުވެއްޖެ"ކަމަށެވެ.
"އަހަރެމެންނަށް ވަނީ ފުން ހިތާމައެއް ލިބިފައި. އޭނާއަކީ ރަނގަޅު ފިރިއެއް، ބައްޕައެއް، ބޭބެއެއް، ދަރިއެއް، ރަހްމަތްތެރިއެއް އަދި ޓީމު މެންބަރެއް،" އެ ޓީމުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ޓީމުން ބުނީ މާކޯއަކީ އަބަދުވެސް އުފާވެރި މޫޑެއްގައި ހުންނަ، ހިތްހެޔޮ މިޒާޖެއްގެ މީހެއްކަމަށެވެ.
"ވަންނަ ކޮންމެ ތަނެއް އަލިކޮށްލާ. އަހަރެމެންގެ މުޅި ޓީމުން ހިތާމަކުރަން. އޭނާގެ އާއިލާއަށް ހެޔޮ ދުއާކުރަން. އޭނާއަކީ ޓީމުގެ އާއިލާގެ މުހިންމު މެންބަރެއް. އޭނާ ނެތްތަން ހުސްކަމަށް ދައްކާނެ،" ޓީމުގެ ބަޔާނުގައި ބުންޏެވެ.
މާކޯ ވަނީ ބައިނަލްއަގުވާމީ މެޗުތަކެއް ވެސް އެކުއެޑޯ ޓީމަށް ކުޅެފައެވެ. އެއީ އިރާގާއި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗުތަކެކެވެ.



advertisment