ސޫރިއާގެ ޖޫލާން އުސްބިންތަކުގެ ކައިރީގައި އިސްރާއީލު ސިފައިން ހަންދަގުތަކެއް ކޮންނަމުންދާކަމަށް އދ.އިން ތުހުމަތުކޮށްފިއެވެ.
ޔޫ.އެން ޑިސްއެންގޭޖްމެންޓް އޮބްޒާވާ ފޯސް (ޔޫ.އެން.ޑީ.އޯ.އެފް)އިން އިއްޔެ ބުނީ 1974 ގައި ސޫރިއާ އާއި އިސްރާއީލުން ސުލްހަވެ، ޖޫލާން ކައިރީގައި އެއްވެސް އަސްކަރީ ހަރަކާތެއް ނުހިންގާނެކަމަށް ދެ ގައުމުންވެފައިވާ 50 އަހަރުގެ މުއާހަދާއާ އިސްރާއީލުން ހިލާފުވެފައިވާކަމަށެވެ.
"ޕްލެނެޓް ލެބްސް އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސެޓެލައިޓް ފޮޓޯތަކުން ދެއްކި ގޮތުގައި އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް)އިން ހަންދަގު ކޮންނަން ފެށީ ޖުލައި މަހު. ފުޅާ މިނުގައި 40 ފޫޓު ހުރި މި ހަންދަގުތަކުގެ މިހާރުގެ ދިގުމިނަކީ ފަސް މޭލު،" ޔޫ.އެން.ޑީ.އޯ.އެފް.އިން ބުންޏެވެ.
އެ އިދާރާއިން ބުނީ މި މަހު ފަހެއްގައި ޕްލެނެޓް ލެބްސްއިން ނެގި ސެޓެލައިޓު ފޮޓޯތަކުން ފެންނަނީ އެކްސްކަވޭޓަރާއި އެހެނިހެން ވެހިކަލް ބޭނުންކޮށްގެން ސޫރިއާގެ ޖުބާތާ އަލް ޚަޝަބް ކައިރީގައި އަދިވެސް ހަންދަގު ކޮނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
އެ އިދާރާއިން ބުނީ ހަންދަގު ކޮންނަން ފެށީ އަސްކަރީ ވެހިކަލާއި ސިފައިންގެ ރައްކާތެރިކަން ދީގެން ކަމަށެވެ.
"ޓޭންކްތައް ވެސް އެ ސަރަހައްދަށް ވަނީ ފޮނުވައިފައި،" އެ އިދާރާއިން ބުންޏެވެ.
ސޫރިއާއިން މި ކަމާ އިހުތިޖާޖުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
"އިސްރާއީލުން ހަންދަގު ކޮނުމުގެ މަޝްރޫއު ކުރިއަށްގެންދާ ނަމަ މެދުއިރުމަތީގެ މަޝްރަހު އިތުރަށް ހޫނުވަމުންދާނެ،" އެ އިދާރާއިން ބުންޏެވެ.
ސޫރިއާ އާއި އިސްރާއީލު މިހާރު ހަމަލާ ބަދަލު ނުކުރިއަސް ދެ ގައުމު އަދިވެސް ތިބީ ރަސްމީ ސިފައިގައި ހަނގުރާމަ އިއުލާންކޮށްގެންނެވެ. ނަމަވެސް 1973 ގައި ސޫރިއާ އާއި މިސްރު ގުޅިގެން އިސްރާއީލަށް ދިން ހަމަލާތައް ހުއްޓައިލީ އދ. މެދުވެރިވެގެން 1974 ގައި ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެ ގޮތުން ސޫރިއާ އާއި އިސްރާއީލުގެ ދެމެދުގައި ސުލްހަ ބެލެހެއްޓުމަށް އދ.އިން ވަނީ އިސްރާއީލުން ހިފި ސޫރިއާގެ ޖޫލާން އުސްބިންތަކުގައި ސުލްހަ ބަލަހައްޓާ ސިފައިންގެ ފައުޖެއް ބައިތިއްބައިފައެވެ.
އިސްރާއީލުން ޖޫލާން އުސްބިންތައް ސޫރިއާގެ އަތުން ހިފީ 1967 ގައި ކުރި "ހަ ދުވަހުގެ ހަނގުރާމަ"އިގެ ނަމުން ނަން ދެވުނު ހަނގުރާމައިގައެވެ. ޖޫލާނަކީ އިސްރާއީލުގެ ބިމެއްގެ ގޮތުގައި އިސްރާއީލުން ރަސްމީ ގޮތުން އިއުލާންކުރީ 1981 ގައެވެ. ޖޫލާންގެ ބޮޑު މިނަކީ 500 އަކަ މޭލެވެ. އެ ތަނުގައި 20،000 އަރަބިންނާއި 25،000 ޔަހޫދީން އުޅެއެވެ.



advertisment