Support Us

ވާހަކަ: ރުއިމެއްގެ އަޑު

(މިއީ އަވަށްޓެެރި ޤައުމެއްގައި ހިނގާފައިވާ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.)

އެއީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅެވެ. އަހަރެން އޭރު އުޅެމުން ދިޔައީ އަހަރެންގެ ހަތް އަހަރުގެ އަންހެން ދަރިފުޅާއި ފިރިމީހާއާ އެކުގައި ރަށުގައެވެ. އަހަރެންނަކީ އެންމެ އުތުރަށް އޮންނަ އަތޮޅަކަށް ނިސްބަތްވާ ރަށެއްގެ މީހެކެވެ. އެއީ މޯބައިލް ފޯނުތަކާއި ލެޕްޓޮޕްގެ އިތުރުން ޑިޝްް އެންޓަނާ ފަދަ ތަކެތި މަޑުމަޑުން އާންމުވާން ފެށި ދުވަސްވަރެވެ. އެހެން ނަމަވެސް އަހަރެމެން އަތަކު ފޯނެއް ނެތަސް ގޭގައި ޓީވީ ހުރެއެވެ. ފާހާނާއެއް ނުހުރެއެވެ. ހުންނަނީ ގިފިއްޔެކެވެ. ތަނަވަސް ބަޔަކަށް ނުވާތީ އެކަހަލަ ކަންތައްތަކުގައި މާބޮޑު މައްސަލައެއް ނުޖައްސަމެވެ. ގިނަ ވަސީލަތްތައް ނެތަސް ލިބޭ މަދު އެެތިކޮޅާއެކުވެސް އަހަރެމެން އުޅެނީ އުފަލުގައެވެ. އަހަރެމެން އުޅޭ ގެ އާންމުކޮށް ގެތައް ހުންނަ ހިސާބަށްވުރެ ކުޑަ ތަންކޮޅެއް ދުރުގައި ހުންނަކަން އެއީ ވެސް ނަސީބެކޭ ހިތަށް އަރައެވެ. އެހެން ނޫންނަމަ ލައްކަ ބައެއްގެ ހަސަދަވެރިކަމާވެސް ކުރިމަތި ލާން ޖެހުނީހެވެ. ރަށުގައި ހުރި އެންމެ ރީތި މީހާއާ އިނދެގެން މިއުޅެނީ އަހަރެންނެވެ. ޖަނާހް ހަމައެކަނި ރީތީކީއެއްވެސް ނޫނެވެ. އަންހެނަކަށް ފިރިއެއްގެ ގޮތުގައި އެވަރުގެ މީހެއް ނުލިބޭނެއެވެ. ހިތްހެޔޮވެފަ އެހާ އޯގާތެރިއެވެ. އަހަރެންގެ އާއިލާ އެންމެނަށްވެސް އެހާ ރަނގަޅެވެ. ދަރިއަށް އެހާ އަޅާލައެވެ. ހަމަ ހުރިގޮތަށް ހުރި ފިރިޖަވާހިރެކެވެ. ރަށުގެ ޒުވާން އެތައް ޖިއްސުއްލަތީފުންނެއް ޖަނާހަށް ހިތްކިޔަކިޔާ ތިއްބާ ޖަނާހްގެ ބައިވެރިޔަކަށް އަހަރެން ހެދީ، އަހަރެންނަކީ ކޮންމެހެން މާރީތި މީހަކަށް ވާތީއެއް ނޫނެވެ. ޖަނާހު ބުނާ ގޮތުގައި އޭނައަށް ކަމުދިޔައީ އަހަރެންގެ ފަރާތުން ފެންނަ ބައެއް ކަންކަމެވެ. ބައެއް އާދަތައްވެސް މެއެވެ. ޖަނާހަކީ ބާއްޖަވެރި ދިރިއުޅުމެއް ހޯދަން އަބަދުވެސް ލޯބިކުރާ މީހެކެވެ. މާބޮޑު މުއްސަނދި ކަމަކަށް އޭނާ ލޯތްބެއް ނުކުރެއެވެ. ޖަނާހް ދެކޭ ގޮތުގައި ބައިވަރު މުދަލާއި ފައިސާއަކީ މީހާ ދުނިޔެ ފޮނުއްވި މަޤްޞަދު ހަނދާން ނައްތުވާލާ މައިގަނޑު ސަބަބެވެ. އެއީ ތެދެއްކަން އަހަރެން މިއަދު ޤަބޫލު ކުރަނީ ހިތުގެ އަޑިންނެވެ. މާބޮޑު ތަނަވަސްމެއް ނެތްއިރުވެސް މުޅި ރަށުގައިވެސް އެންމެ އުފާވެރިކޮށް އުޅޭ ބަޔަކީ އަހަރެމެންނޭ ބުނުމަކީ ދޮގަކަށްވެސް ނުވާނެއެވެ.

އެހެން ނަމަވެސް، ދުނިޔެއަކީ އަބަދުވެސް އެއްގޮތަކަށް އޮންނަ ތަނަކަށް ނުވާތީ، ދުވަސް ކޮޅަކަށް ނަމަވެސް ބިރުވެރި ކަންތައްތަކެއް އަހަރެމެންގެ ދިރިއުޅުމުގައިވެސް ތަޖްރިބާކުރަން ޖެހުނެވެ. ޖެހުނީ ކާކުގެ އެސްފީނާއެއް ކަމެއްވެސް ނޭނގެއެވެ. ދިމާވި ކަމެއްގެ ސަބަބުން މުޅި އާއިލާއަށް ނުތަނަވަސްކަން ހިނދުކޮޅަކަށް ނަމަވެސް ތަޖްރިބާ ކުރަން ޖެހުނެވެ.

ހަނދުވަރު ދީފައިވާ ރޭތަކުގެ ތެރެއިން ރެއެކެވެ. މަޣްރިބު ނަމާދު ކޮށްލައިގެން އަހަރެން ދިޔައީ ބަދިގެ ފަރާތަށް ގަރުދިޔަކޮޅެއް ކައްކާށެވެ. އޭރު އެގަޑީގައި އަހަރެންގެ ދަރިފުޅު ސަލްވާ އިނީ އެއީ ދެނަމާދު ދޭތެރޭ ވަގުތު ކަމުގައިވާތީ އާދައިގެ މަތިން ޤުރުއާން ކިޔަވާށެވެ. ރަށުގައި ހުރިހާ ކުދިން އެގަޑީގަ ޤުރުއާން ބާރަށް ކިޔެވުމަކީ އާދައެކެވެ. ބަދިގެ ފަރާތުގައި ހުރިއިރު އިތުރު އެހެން އަޑެއް އިވުނުހެން ހީވިއެވެ. އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ. އެހެން ނަމަވެސް އަނެއްކާވެސް އިވުނުހެން ހީވިއެވެ. ތިންވަނަ ފަހަރަށް އަޑެއް އިވޭކަން ކަށަވަރުވީ ސަލްވާ ދެވަނަ ސޫރަތް ފެށުމަށް މަޑުކޮށްލިތަނާ ހަމަ ހިމޭންވެލީ ވަގުތުކޮޅުއެވެ. އަހަރެން އެއަޑު އަންނަ ދިމާ ކަށަވަރު ކޮށްލީމެވެ. އަޑު އަންނަނީ ބަދިގެއިން ނުކުންނަ،އިރު އަރިމަތިން ތަންކޮޅެއް ދުރުން ފެންނަން ހުންނަ ރުއްތަކާ ދިމާއިންނެވެ. އެެދިމާގައި ހަމައެކަނި ހުންނާނީ ރުއްތަކެވެ. ޒާތްތަކުގެ އެހެނިހެން ގަސްތަކާއި ފީނިތައް ހުންނަނީ އަދި ތަންކޮޅެެއް ދުރުގައެވެ.

އަހަރެން މަޑުމަޑުން އަޑު އަންނަ ދިމާއަށް ކުރިޔަށް ހިނގައިގަތީމެވެ. ގާތްވަމުންދިޔަ ވަރަކަށް އަންނަ އަޑު ކޮންމެވެސް ވަރަކަށް ސާފުވަމުން ދިޔައެވެ. އިވެނީ ވޭނީ އަޑަކުން ކުޑަކުއްޖަކު ރޯ އަޑެވެ. އަހަރެން ވަށައިގެން ބަލާލީލެމެވެ. ހަނދުވަރުގެ އަލިން ކޮންމެވެސް ވަރެއްގެ ފަނޑު އަލިކަމެެއް ދީފައި އޮތެވެ. ލޮލުކޮޅަށް ދާންދެންވެސް ފެންނަ ހިސާބަކު މީހަކު ކީއްކުރަން ހެއްޔެވެ. މީހެއްގެ ހިލަމެއްވެސް ނެތެވެ. އަހަރެން ތަންކޮޅެއް އަދި ކުރިޔަށް ހިނގައިގަތްތަނާ އަޑު ކެނޑިއްޖެއެވެ. އެހިސާބުން ކޮންމެވެސް ވަރަކަށް ބިރުގަންނަ ގޮތް ވާންފެށިއެވެ. އަހަރެން އަވަހަށް މިސްރާބު ޖެހީ ގެޔާ ދިމާއަށެވެ. އެހެންނަމަވެސް އެވާހަކައެއް އެއްވެސް މީހެއް ކައިރިޔަކު ނުދައްކަމެވެ. ހަޤީޤަތުގަ އެކަން އެއީ މާބޮޑު ކަމަކަށް ހަދަންވެސް ބޭނުން ނުވީއެވެ.

ޖެހިގެން އައިރޭ އަހަރެންގެ ކަންބޮޑުވުމާއި ބިރުގަތުން އިންތިހާއަށް ދިޔައީ އަނެއްކާޥެސް ރޭގެ ހާދިޡާ ތަކުރާރު ވުމުންނެވެ. އެކަމަކު އެރޭ އެއީ އިޝާގެވެސް ފަހެވެ. އަހަރެން ހަމަ ބަދިގެ ފަރާތުގައި ސަލްވާއަށް ކާއެއްޗެއް ތައްޔާރުކުރަން ގޮސް ހުރި ގަޑިއެކެވެ. އެރޭ އަދި ވަކިން އެއަޑު ގަދަހެންވެެސް ހީވެއެވެ. މިހާރު ބަދިގެ ތެރޭގަ ހުއްޓާވެސް ރީތިކޮށް އިވެއެވެ. ކޮންފަދަ ވޭނީ ރުއިމެއްގެ އަޑެއް ހެއްޔެވެ. އަޑުން އެއީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑުކަންވެސް އެނގެއެވެ. އަހަރެން އަވަސް ކޮށްލާފައި ކާތަކެތި ހިފައިގެން ވަނީ ގޭތެރެއަށެވެ.

"ހާދަ ފާޑަކަށް ތިހިރީ؟ ކަމަކާ ހިތްހަމަނުޖެހިފަތަ؟" އަހަރެންނަށް ކިތަންމެ ކުޑަބަދަލެއް އަޔަސް ޖަނާހަށް ފާހަގަ ވާނެއެވެ. "އިއްޔެވެސް ފާޑަކަށް ހުރީ. އެހެންވެ މިއަހާލީ."

"އަނެއްހެން ކަމެއްނުވޭ. އެކަމަކު އިއްޔެ ބަދިގެ ފަރާތުގަ ހުއްޓާ އަޑެއް އިވެން ފެށީ ރުއްތައް އެހެރަ ދިމާއިން. ކޮންމެވެސް ވަރަކަށް އެހިސާބަށް ހިނގައިގަތްތަނާ އަޑު ކެނޑިއްޖެ. އިވެނީ ކުޑަ ކުއްޖެއް ރޯއަޑު. ވޭނުން ފުރިގެންވާ އަޑެއް އެއީ. ދެންމެވެސް އަނެއްކާ ހަމަ އެއަޑު އިވުނީމަ.." އަހަރެންގެ މޫނުމަތިން ފެންނަން ހުރި ބިރުވެރިކަން ޖަނާހަށް ފެނުނެވެ. ޖަނާހް ފުންމައިގެން ތެދުވިއެވެ. "ހިނގާބަލަ ބަލާލަން. އެކަމަކު މި ހިސާބުގަނޑަކު ކުޑަކުއްޖަކު ނުވެސް އުޅޭނެއެއްނުނ އެކަނި ނުުކުމެއެއްވެސް. އެކަމުވެސް ހިނގާބަލަ ބަލާލަން" ޖަނާހު އަހަރެންގެ ކައިރީ އައުމަށް އިޝާރާތް ކޮށްލާފައި ހިނގައިގަންނަމުން ބުނެލިއެވެ.

ޖަނާހު ޓޯޗް ހިފައިގެން ކުރިޔަށް ހިނގާފަ ދިޔައިރު އަހަރެން ހުރީ ޖަނާހުގެ އަތުގަ ބާރަށް ހިފަހައްޓާލައިގެންނެވެ. އެއަޑު އަންނަ ކަމަށް ބެލެވުނު ހިސާބު ވަރަށް ރަނގަޅަށް ޗެކު ކުރިއެވެ. އެއްވެސް ނިޝާނެއް ނެތެވެ. އެހެން ނޫނަސް ރުއްތައް ގިނަ އެހިސާބަކީ ކުޑަކުއްޖަކު ކީއްކުރަން ހެއްޔެވެ؟ ބޮޑުމީހަކުވެސް އާންމުކޮށް ގޮސް އުޅޭ ހިސާބެއް ނޫނެވެ.

"ތިވާނީ ނިޝާއަށް ހަމަ ހީވި ގޮތަކަށް،" ޖަނާހު ބުނެލިއެވެ.

"އެންމެ ރެޔަކު ނަމަ ތިހެން ޤަބޫލު ކޮށްފާނަމޭ. އެކަމަކު މިރޭވެސް އިވުނީމަ އެބަ އެނގެޔޭ އެއީ ހީވި ގޮތެއް ނޫންކަން." އެއީ ހީވި ގޮތެއް ނޫންކަން އަހަރެންނަށް ހަމަ ވަރަށް ޔަޤީނެވެ.

"އޯކޭ. އަލުން އެއަޑު އިވިއްޖެއްޔާ ބުނޭ އިނގޭ. އޭރަށް ދެން އެނގިދާނެތާ،" ޖަނާހުގެ މޫނުމަތިން އަހަރެން ބުނި އެއްޗެއް ޤަބޫލު ނުކުރެވޭކަން އަހަރެންނަށް އެނގުނެވެ. އެކަމަކު ޖަނާހުގެ ރަނގަޅު ތަންކޮޅަކީ އަހަރެންނާ ދެބަސްވާ ކަންކަމުގަވެސް މާބޮޑަކަށް ހަރިޖަހާކަށް ނޫޅޭނެއެވެ. އަހަރެމެން ދެމީހުންނަކީ ބައެއް ކަންކަމުގަ ޚިޔާލު ތަފާތުވިއެއް ކަމަކު، އެއްވެސް އިރަކު ޒުވާބުކޮށް އުޅުނު ބައެއް ނޫނެވެ.

"އާނ. ޖަނާއަށްވެސް އަޑު އިވުނީމަ ދެން އެނގޭނީ،" އަހަރެންވެސް  ހަމައެކަނި ބުނެލީ އެހިސާބަށެވެ. ސަލްވާވެސް ގޭތެރޭ އެކަނި ހުރީމަ އަވަސް ކޮށްލާފައި އަހަރެމެން ދިޔައީ ގެޔަށެވެ.

އެރޭ އަނެއްކާވެސް ދަންވަރު އެ ރުއިމުގެ އަޑު އިވެން ފެށިއެވެ. މިފަހަރުގެޔާ ވަރަށް ކައިރިންނެވެ. އެވޭނުން ފުރިގެންވީ ރޯއަޑު ކިތަންމެހާވެސް ރީތިކޮށް ސާފުކޮށް އިވިވި ހުއްޓެވެ. އަހަރެން ޖަނާހު ކޮބައިތޯ ބަލާލިއިރު ގަދަ ނިދީގަ ނިދާފަ އޮތެވެ. އަހަރެން ގޮސް ވަގުތުން ޖަނާހަށް ގޮވީމެވެ. އެތައް ފަހަރަކު ގޮވީމެވެ. ޖަނާހުގެ ހޭވެރިކަމެއް ނެތެވެ. ބިރުވެރިކަން ދިޔައީ އިިތުރު ވަމުންނެވެ. އަހަރެންގެ މޭގެ ތެރޭގައި އޮތް ހިތް، ނިކަން ބާރަށް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ދެން ބަލާލެވުނީ ސަލްވާ ކޮބައިތޯއެވެ. ބޭރު ދޮރާ ދިމާއިން ސަލްވާ ހީނގަތް އަޑު އިވުނެވެ. އަހަރެން ބަލާލީމެވެ. އެނދަކު ސަލްވާއެއް ނެތެވެ. އަހަރެންގެ ހިތްމައްޗަށް ހީވީ މީހަކު ފެން އެއްޗެއް އޮއްސާލިހެންނެވެ.

"ދަރިފުޅާ ސަލްވާ..!!!.. އެތެރެޔަށް ވަދޭ" އަހަރެން އަޑުގެ ކޮޅަށް ގޮވައިގަތީމެވެ. އަނެއްކާވެސް ޖަނާހް ހޭއެރުވޭތޯ މަސައްކަތް ކުރީމެވެ. ޖަނާހް ގަދަ ނިދީގަ އެ އޮތް ގޮތަށް އޮތެވެ. ގަނެފަ ހުރި ބިރާއެކުވެސް އަހަރެން ދުއްވަައިގަތީ ބޭރު ދޮރާ ދިމާއަށެވެ. ސަލްވާ އެއީ އަހަރެންގެ ދެލޮލުގެ ނޫރެވެ. ސަލްވާއަށްޓަކައި ކޮންމެ ފަދަ ބިރުވެރިކަމެއްވެސް އަހަރެން ގިރާކޮށްފާނަމެވެ. ދުވެފައި ބޭރަށް ނުކުތްއިރު ސަލްވާ ކޮންމެވެސް ދިމާއަށް ބަލަހައްޓައިގެން ހިނިއައިސްފަ ހުއްޓެވެ. އެދިމާއަށް އަހަރެން ބަލާލިއިރު ފެންނަން ހުރީ ކަޅު ހިޔަންޏެކެވެ. އިސްކޮޅުން ކުރުކަން އެނގެއެވެ. އުޑަކު ބިމަކު ނުޖެހެއެވެ. ދެލޯ އެއްކޮށް ހުރީ ހުދު ކުލައިގައެވެ. ދިގު އިސްތަށިގަނޑު ވަޔާ ވިހުރިވިހުރިލާ ހުއްޓެވެ. ސަލްވާއާއި ދިމާއަށް ރޮމުން ކަހަލަ ގޮތަކަށް ދެއަތް ދިއްކޮށްލައިގެން އައުމަށް އިޝާރާތް ކުރަމުން ދެއެވެ. ސަލްވާ އެދިމާއަށް ދާން އުޅެއެވެ. ގަނެފަ ހުރިބިރާއެކު އަހަރެން އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަތީމެވެ.

"ސަލްވާ.!!!!!!!!!!!" ސިއްސައިގެން ގޮސްފައި އަހަރެންނަށް ހޭލެވުނުތަނާ، އެނދުގެ އަނެއް ފަރާތުގައި ޖެހިގެން ނިދާފަ އޮތް ޖަނާހަށްވެސް ހޭލެވުނެވެ.

"ޖަނާހު.. ޖަނާހު! ސަލްވާ. އޭނަ އެބަހުރި ބޭރުގަ… ދޭބަލަ ނިކަން އަވަހަށް" އަހަރެން ހުރީ ނޭވާ ކުރުވެފައެވެ. ބިރުން ފިތްކަނޑައިގެންދާން ކައިރިވެފައެވެ.

"ނިޝާ.. ހަމަޖެހިބަލަ! ސަލްވާ އެއޮތީއެއްނުނ ނިދާފަ" ޖަނާހު އެހެން ބުނުމުން އަހަރެން އަނެއް ފަރާތަށް ބަލާލީމެވެ. އޭރު ސަލްވާ ހަމަ އަހަރެންނާ ޖެހިގެން ވަރަށް އަރާމުގަ ނިދާފަ އޮތެވެ. ޖަނާހު ފެންތައްޓެއް އަޅައިގެން އައިސް އަހަރެންނަށް ދިނެވެ. "ބިރުވެރި ހުވަފެނެއް ފެނުނީ ދޯ؟"

"އާނ. ހާދަ ބިރުވެރިއޭ،" އަހަރެން ފެންތަށި ހުސްކޮށްލަމުން ބުނެލީމެވެ.

"ނިޝާ މިހާރު މާބޮޑަށް ފިކުރު ބޮޑުވަނީ ކަންނޭނގެ. މިޗުއްޓީގަ މާލެދާނީ. އޭރަށް ތަންކޮޅެއް މީހާވެސް ހަމައަކަށް އެޅޭނެ" ޖަނާހު ބުނެލިއެވެ. އެހެން ބުނިތަނާ އެއްކަލަ ރުއިމުގެ އަޑު އަހަރެންނަށް އިވުނެވެ. ވަރަށް ފަނޑުކޮށެވެ. ކިރިޔަ ކިރިޔާއެވެ. އަހަރެން ބަލާލީ ޖަނާހުގެ މޫނަށެވެ. ޖަނާހުވެސް ބަލާލި ގޮތުން އޭނައަށްވެސް މިފަހަރު އަޑު އިވިއްޖެކަން އަހަރެންނަށް އެނގުނެވެ.

"ދެންމެ އިވުނު ދޯ؟" އަހަރެން އެހީމެވެ. ޖަނާހު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ޖަނާހަށްވެސް އަޑު އިވުނީމަ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއްވެސް ލިބުނެވެ. އަނެއްކާވެސް އެރުއިމުގެ އަޑު އިރުކޮޅަކަށް އިވުނެވެ. ދެން މެދުކެނޑިއްޖެއެވެ.

"މިގަޑީގަ ނުކުތުން ރަނގަޅެއް ނުވާނެ. މެންދަމު އެކެއް އެޖަހަނީ. މާދަން އާދަމްބެ ގެންނާނީ." ޖަނާހު އެެހެން ބުނެފައި އޮށޯތީ ނިދާށެވެ. އަހަރެންވެސް ބެލީ ނިދޭތޯއެވެ. އުޅެއުޅެ އެރޭ ރަނގަޅަށް ނިދޭ ގޮތެއްވެސް ނުވިއެވެ.

އޭގެ އަނެެއް ދުވަހެވެ. ޖަނާހު އައީ އާދަމްބެ ގޮވައިގެންނެވެ. އާދަމްބެއަކީ ހުވަދު އަތޮޅަށް ނިސްބަތްވާ މީހެކެވެ. މޮޅު ފަންޑިތަ ވެރިއެކެވެ. މުޅި ހުވަދު އޮތަޅުގައި ފަންޑިތަވެރިކަމަށް މަޝްހޫރު މީހެކެެވެ. ވަރަށް ފަހުން މިރަށު މީހަކާ އިނދެގެން އުޅެނީ މާލެގަ ނަމަވެސް ދޭތެރެއަކުން މިރަށަށްވެސް އާދެއެވެ. ނަސީބަކުން މިކަމެެއް މިލައިގަތީ އާދަމްބެވެސް މިރަށުގަ ހުއްޓައެވެ.

އަހަރެންނާއި ޖަނާހު އާދަމްބެއަށް މި ދެރެޔަކު މިއިވުނު އަޑުގެ ވާހަކަ ނިކަން ރަނގަޅަށް ކިޔައިދީފީމެވެ. އާދަމްބެވެސް އެހިސާބުގަނޑަށް އިތުރު ބަޔަކު ގެނެސްގެން އެކުރާ ކަމެއް ކުރިއެވެ. އެންމެ ޝައްކު ކުރެވޭ ހުރިހާ ރުއްތަކެއްގައި ޒާތެއްގެ އަކަ ތަކެއްވެސް ޖަހާ ހެދިއެވެ. މުޅި ހިސާބަށް ދުންބުރުވާ ކިޔެވެލިތަކެެއް ކިޔަވާ ހެދިއެވެ. އެއަށް ފަހު ބުންޏެވެ.

"އެހިސާބުގަ އިފުރީތައެއް އުޅުނަސް ލާހިކެއް ނޫން ދެން މަޑުވެސް ކޮށްލާކަށް. އިރާދަކުރެއްވިއްޔާ ދެން އަޑެއް ކީއްކުރަން ހިލަމެއްވެސް ނުވާނެ،" އެހެން ބުނެފައި އާދަމްބެ ދިޔައީއެވެ. އާދަމްބެގެ އެޖުމްލައިން ބޮޑު ހިތްހަމަޖެހުމެއް އަހަރެންނަށް އިހްސާސް ކުރެވުނެވެ.

އެރޭ އިޝާގެ ފަހުން އާދައިގެ މަތިން އަހަރެން ޖަނާހަށާއި ސަލްވާއަށް ކާން ހަދަން ބަދިގެ ފަރާތުގަ ހުރީ އެއްވެސް ކަންބޮޑުވުމެެއް ހާސްކަމެއްވެސް ނެތިއެވެ. ބަދިގެއިން ނުކުތް ގަޑީގަ ފަހަތުން ކަޅު ހިޔަންޏެއް ނިކަން ބާރަށް ހުރަސް ކޮށްލިހެން ހީވިއެވެ. އަހަރެން އަވަސް އަވަހަށް އެދިމާއަށް ބަލާލީމެވެ. ބޮލުން ފަށައިގެން ފަޔާ ހަމަޔަށް ދިޔައީ ހީބިހި ނަގައިގެންނެވެ. ކުޑަ ކަޅު ހިޔަންނެއް ރީތިކޮށް ދުވެފަ އެހެރަ ދަނީއެވެ. ގަނެފަ ހުރި ބިރުން ހަޅޭއްލަވައިވެސް ނުގަނެވުނެވެ. ދުވެފައި ގޭތެރެއަށް ވަނީމެވެ. ވީގޮތް ކިޔައިދިނުމުން ޖަނާހު ދުވެފައި ބޭރަށް ނުކުތެވެ. އަހަރެންނާ ސަލްވާވެސް ބޭރަށް ނުކުތީމެވެ. އޭރު އެހިޔަންޏެއް ގޮސް ރުކަށް އަރަނިކޮށް ހަމަ ރީތިކޮށް ފެނުނެވެ. ޖަނާހު އެދިމާއަށް ދުއްވައިގަތުމުން ނުދާން އަހަރެން ގޮވީމެވެ. ޖަނާހު އެރުކާ ހަމައަށް ދިޔައެވެ. އަހަރެންނާ ސަލްވާ ޓޯޗުން އަލިކޮށްގެން ފެންނަ ހިސާބުގައި މަޑުކޮށްލައިގެން ތިބީއެވެ.

އިރުކޮޅަކުން ފެނުނީ އެހިޔަންޏާ އެއްކޮށް ޖަނާހު ހިނގާފައި އަންނަ ތަނެވެ. ކައިރިވީމާ އެނގުނީ އެއީ މީހެއް ކަމެވެ. އެއީ އެރަށުގައި އުޅޭ މުއްސަނދި މީހަކު ގެންގުޅޭ ބަންގްލަދޭޝް މީހެކެވެ. އައިއިރު އޭނަ އަތުގަ ނޯކިޔާ ފޯނެއް އޮތެވެ.

"ބޭބެ ބުނި ދައްތަ ވަރަށް ބިރުން އުޅޭ ވާހަކަ. ސޮރީ އިނގޭ. އަހަރެން ފޯނު އެއީ. ތަންކޮޅެއް ކުރީ ދުވަހަކު ބޮސް ބުނީމަ ރުކަށް އަރަނީ ދޯ. ދެން އެތާ މަތީ ފޯނު ބާއްވާފަ ދަނީ އަހަރެން. ހަނދާން ނެތީ. ފަހުން ހޯދާ ހޯދާ ނުފެންނަނީ. ދެން މިރޭ ކުއްލިއަކަށް ހަނދާންވަނީމަ އަހަރެން އައިއްސަ ނަގަނީ. ސޮރީ އިނދޭ ދައްތާ." އަހަރެންނަށް ފުރަތަމަ އޭނަ އެކިޔާ ނުކިޔާއެއް ދޭހައެއްވެސް ނުވިއެވެ. ބިރުވެރިކަންވެސް ފިލީ އިރުކޮޅެއް ފަހުންނެވެ.

ވެގެން އުޅޭގޮތެއް ރޭކާލީ ދެނެވެ. އެ އިވޭ ރުއިމެއްގެ އަޑަކީ އެ ބަންގްލަދޭޝް މީހާގެ ފޯނުގެ ރިންގް ޓޯނުގެ އަޑެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
671013
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ކިޔަން އިންއިރުވެސް ހީބިހި ނަގާ… އެހާވެސް ފުރިހަމަ ވާހަަކަ.ކިޔަމުން ދިޔައިރު އިނީ ވާހަކައަށް އެކަށް ވަދެވިފަ. ނަސީބެއްނު ކަމެއް ނުވިކަން. އެހެންނޫނީ މިރޭ ނުވެސް ނިދޭނެ.

    1. ވާހަކައަކަށްވުރެ ވާހަކައެއް އަންނަނީ ރީތިވަމުން. ބައެއް ލިޔުންތެރިންނާ ހިލާފަށް ހުށަހަޅައި ދިނުމުގެ ފެންވަރު ބޮޑުތަނުންވެސް މާ ރަނގަޅު

  2. ޕްލޮޓް ޓްވިސްޓު ވަރަށް ފައްކާ. ކުރިން އެހާ ކުރުވާހަކަތައް ކިޔާ ހިތެއް ނުވޭ. އެކަމަކު މިހާރު އެބަ ކިޔާ ހިތްވޭ. މިފެންވަރުގެ ވާހަކަތައް ފެންނަލެއް ވަރަށް މަދު. ކީޕް އިޓް އަޕް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *