މިދިޔަ ބުރާސްފަތި ދުވަހު ހެނދުނުހެނދުނާ ރާއްޖެ ޓީވީން ދިވެހީންގެ ހެނދުނުގެ ސުފުރާ އަށް އޮއްސައިލި މެނޫ ހަމަ ސުމެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެ ޓީވީއެއް ބަނދުކުރަން އެމަނިކުފާނު އެންގެވި ޓީވީ، ރާއްޖެ ޓީވީ، އަށް ރައީސް ޔާމީން ދެއްވި "ވަން-ޓު-ވަން" އިންޓަވިއުއެކެވެ. ރައީސް ޔާމީން ޖަލަށް ލައި، ރިއާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭ ގޮތަށް ހެދި ޕާޓީ، އެމްޑީޕީގެ "މައުތުޕީސް" ކަމުގައިވާ ރާއްޖެ ޓީވީ އަށް އަރުއްވައި އެމަނިކުފާނު ދެއްވި އިންޓަވިއުގެ ސަބަބުން ރައީސް ޔާމީންގެ ސިޔާސީ ކްރެޑިޓް އިތުރުވުމުގެ ބަދަލުގައި ކްރެޑިޓް ދިޔައީ ދަށަށެވެ. އަމިއްލަފުޅު ޕާޓީ، ޕީއެން.އެފް އަށާއި ހުދު އެމަނިކުފާނަށް ވެސް ރައްޔިތުންގެ މާބޮޑު ތާއީދެއް މިހާރު ނެތް ކަން ދޭހަވާ ވާހަކައެއް ވެސް ވިދާޅުވެވިއްޖެއެވެ.
ރައީސް ޔާމީނުގެ ޕާޓީން ބާއްވާ ޖަގަހަ-ބައްދަލުވުންތަކަށް މީޑިއާއިން އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށް ވެސް ވިދާޅުވެވިއްޖެ އެވެ. އަދި، ޤައުމާއި ދީން ވިއްކާލި އެމްޑީޕީގެ ވެރިކަމަށް ވުރެ ވެސް ރައީސް ޑރ. މުއިއްޒުގެ ވެރިކަން ގޯސް ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކެވިއެވެ. މިއީ ދީނުގެ-މަގު މަޖައްލާގައި އިިބިލީސް އާޓީކަލެއް ލިއުން ކަހަލަ ކަމެކެވެ. ނުވަތަ ޕްލޭ-ބޯއި މަޖައްލާ އަށް ޝެއިހު ޒާކިރު ނައިކު އިންޓަވިއުއެއް ދެއްވުން ކަހަލަ ކަމެކެވެ. މިއީ ރައީސް ޔާމީން އެޅުއްވި ސިޔާސީ ބޮޑު ޅަ އެއްޗެކެވެ.
ރައްޓެހިންނާ ދިމާވުމުން ދޭތެރެއަކުން އަދިވެސް ސުވާލު ކުރެއެވެ. ކަލޭމެން ތާއީދުކޮށްގެން ގެނައި ވެރިކަމުގެ "ބަދަލު" ކިހިނެއް ހެއްޔޭއެވެ؟ އެއް ޖުމްލައިން ޖަވާބު ދޭން ފަސޭހައެއް ނޫނެވެ. ނަމަވެސް އެފަދައިން ޖަވާބު ދޭ ނަމަ ބުނެވޭނީ ހަމަ ރަނގަޅޭ އެވެ. ރައީސް އިބްރާހިމް ނާސިރުގެ އިސްތަށިފުޅުގައިވެސް ކޮރަޕްޝަނުގެ އިލްޒާމް އެޅުވުނެވެ. ރައީސް މައުމޫނުގެ އިސްތަށިފުޅުގައިވެސް ކޮރަޕްޝަނުގެ އިލްޒާމް އެޅުވުނެވެ. ރައީސް ނަޝީދާއި، ރައީސް ޔާމީނު، އަދި ރައީސް ސޯލިހުގެ އިސްތަށިފުޅުގައިވެސް ކޮރަޕްޝަނުގެ އިލްޒާމް އެޅުވުނެވެ. އަދި ރައީސް ޑރ.މުއިޒުގެ ސަރުކާރަށް ވެސް އެ އިލްޒާމް ރައްދު ކުރެއެވެ. އެހެންކަމުން ކޮރަޕްޝަން ނުހިންގާ ސަރުކާރެއް ނާދޭތާއެވެ. އެވާހަކަ ބާއްވާށެވެ. މިވެރިކަން ރަނގަޅޭ ބުނަން އަޅުގަނޑަށް ޖެހޭ ސަބަބަކީ، ރައީސް ޑރ. މުއިއްޒު އެ ނަންގަވާ ޖެހިލުން ކުޑަ، "ތަފާތު" ޕޮލިސީ ޑިސިޝަން ތަކެވެ.
ވޭޕް މަނާ ކުރުން، ދުންފަތުގެ ކޮންޓްރޯލް އިތުރަށް ހަރުކަށި ކުރުން، ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތަށް ހެދުން، ދުންފަތުން ސަލާމަތް ވެފައިވާ ޖީލެއް ބިނާ ކުރުމަށްޓަކައި ޤާނޫނުތައް ބަދަލު ކުރަން ފެށުން، ސިޔާސީ ޕާޓީތަކަށް ދޭފައިސާ ބޮޑުތަނުން މަދު ކުރަން މަސައްކަތް ކުރުން، ކުރީގެ ރައީސުންނަށް ދޭ ބިޔަ އިނާޔަތްތައް ކުޑަ ކުރަން މަސައްކަތް ކުރުން، ބަރުހެލި، އަދި ބުރަހެލި، އަދި ހަރަދު ބޮޑު ލާމަރުކަޒީ ނިޒާމް ޒިއްމާދާރު ކުރުވައި ރާއްޖެއާ ގުޅޭފަދަ ޖުމްހޫރީ ނިޒާމަކަށް އޭތި ބައްޓަން ކުރަން މަސައްކަތް ކުރުން، ސަފާރީ ތަކުން ދިވެހީންނަށް ރާ ވިއްކުން ހުއްޓުވަން މަސައްކަތް ކުރުން، ގޭންގްތައް ކޮންޓްރޯލް ކުރަން ޤާނޫނު ވަރުގަދަ ކުރުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ ހުކުމް ކުރެވޭ ގޮތަށް ޤާނޫނު ބަދަލު ކުރަން މަސައްކަތް ކުރުން، މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ކުރުން، ބޮއްސުންލާފައި އޮތް ބޮދޭސީ ވަގު ވިޔަފާރިތަކާއި ބިދޭސީ ލޭބަރުންގެ މައްސަލަަ ހައްލު ކުރަން ބޮޑުތަނުން މަސައްކަތް ކުރުން، ރިސޯޓުތަކަށް މިލިއަނުން، ނުވަތަ ބިލިއަނުން ލިބޭ ޑޮލަރުގެ ބޮޑުބައި ރާއްޖޭގައި ހިފެހެއްޓޭ ގޮތަށް ޤާނޫނުތަކާއި ޤަވާއިދުތައް ބަދަލު ކުރުން، ރާއްޖޭގެ ޖީޑީޕީ ދިހަ ބިލިއަން ޑޮލަރަށް އިތުރު ކުރަން ތާވަލްކޮށް މަސައްކަތް ކުރުން، ސީ-ޓު-އެއާރ ކާގޯގެ ހިދުމަތް ތައާރަފުކޮށް ބަންގްލަދޭޝްގެ އަންނައުނު އެކްސްޕޯޓުގެ ބޮޑުބައެއް ރާއްޖެ މެދުވެރިކޮށް އެކްސްޕޯޓު ކުރެވޭ ގޮތަށް ހަދައި އިތުރު އާމްދަނީގެ ދޮރެއް ހުޅުވުން، ރާއްޖެ އަންނަ ޖެޓުތަކަށް ހިދުމަތްދޭ ޖެޓް ހެންޑްލިންގެ ވިޔަފާރި ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރެވޭ ގޮތަށް ހަދަން މަސައްކަތް ކުރުން، ދިވެހީނަށް ހައްޖަށް ދެވޭ އަގު ބޮޑުތަނުން ކުޑަކުރަން މަސައްކަތް ކުރުން، ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅައި "ހަލާލު" ޓޫރިޒަމް ދިވެހި ރާއްޖެ އަށް ތައާރަފް ކުރަން މަސައްކަތް ފެށުން، ކުރިން އޮތް ގޮތަށް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރުން، ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރަން މަސައްކަތް ކުރުން، އަދި ކުށް ހުއްޓުވުމުގައި ފުލުހުންނާއި ޖުޑިޝަރީގެ ދެއަތް ބަނދެވިފައިވާ ގޮތަށް، ކުށްވެރީގެ "އިންސާނީ ހައްޤު" ތައް މާ ފުޅާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ކުށް ހުއްޓުވުމުގައި މުއައްސަސާތައް އިތުރަށް ބާރުވެރި ކުރުވަން ނިންމުން ފަދަ އެތައް ބަދަލެކެވެ.
މިއީ ހަޤީގަތުގައި ވެސް ގަޓު ހުރި، ޖެހިލުން ކުޑަ، ކެރޭ، ސަރުކާރެކެވެ. ރައްޔިތުންގެ ފަޅިއަށް އަރައި، ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަމުގައި، ކެރިގެން ނިންމުންތައް ނިންމައި، ޤައުމުގެ އިޖްތިމާއީ އަދި އިގްތިސޯދީ ދާއިރާގައި ކުރީގެ ސަރުކާރުތަކުން ކުރަން ނުކެރިފައި ތިބި އެތައް ކަމެއް ކެރިގެން ކުރާ ސަރުކާރެކެވެ. އިހަވަންދިއްޕޮޅުގައި ބައިނަަލްއަޤްވާމީ ބަނދަރެއް ހަދާ ވާހަކަ މައުމޫނާއި، ނަޝީދާއި، ޔާމިނާއި ސޯލިހު ވެސް ދެއްކެވި އެވެ. ނަމަވެސް އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފައްޓަވައި، އެތާގައި ބައިނަލްއަޤްވާމީ ބަނދަރެއް ހެދުމުގެ އެއްބަސްވުުމުގައި ސޮއެކުރައްވައި، ކުޑަ ގޮތަކަށް ނަމަވެސް، އެކަން ވެސް މި ފެއްޓެވީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރުންނެވެ. ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޑރ.މުއިއްޒު އެ ވިދާޅުވީ ހަމަ ތެދުފުޅެކެވެ. ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން އެމަނިކުފާނު އެ ކުރައްވަނީ ރައްޔިތުންނަށްޓަކައި ކުރައްވާ ވެރިކަމެކެވެ.
މި ސަރުކާރު އޮތީ އިންޑިއާ ފަސްޓޭ ކިޔައިގެން އިންޑިއާ އުނގަށް ވެއްޓިފައެއް ނޫނެވެ. ރައީސް ނަޝީދު ގޮތަށް ޔޫރަޕާއި އެމެރިކާ އުނގަށް ވެއްޓިފައެއް ވެސް ނޫނެވެ. ރައީސް ޔާމީނު ހެއްދެވިހެން އިންޑިއާ ރުޅިއަރުވާލާފައި ގޮސް ޗައިނާ އުނގަށް އެކަނި ވެއްޓިފައެއްވެސް ނޫނެވެ. އެމެރިކާ، ޔޫރަޕް، ޗައިނާ، އިންޑިއާ އަދި އަރަބި ޤައުމުތަކާވެސް އެހާމެ ގާތްކޮށް، ހުރިހާ ކޮޅެއްވެސް ބެލެންސް ކޮށްގެން، ރައީސް މައުމޫން ގެންގުޅުއްވި ފަދަ މެދުމިނުގެ ހާރިޖީ ސިޔާސަތަކާ އެކު، ރައްޔިތުން ފަޅީގައި ހުންނަވައިގެން، ދިވެހި ރައްޔިތުންނަށް ޓަކައި ވެރިކަމެއް ކުރަން މަސައްކަތް ކުރެއްވި ވެރިއަކު އަދި ކިރިޔާ މިފެނުނީ އެވެ.
ކޮންމެ ވެރިއަކަށް ވެސް ކޮރަޕްޝަނޭ، ނާޤާބިލް މީހުންނަށް މަޤާމް ދެނީއޭ، ސިޔާސީ މަޤާމް ގިނައޭ ކިޔައިގެން ތުހުމަތު ކުރެއެވެ. ނަމަވެސް އެ ތުހުމަތުތަކާއި އެކުވެސް، އަދި ހުރިނަމަ ހުރި މައްސަލަތަކަކާއި އެކުގައި ވެސް، ރައްޔިތުންގެ ހައްޤުގައި، ދުރުރާސްތާގެ ޕްލޭނަކާއި އެކު، ބުރަކޮށް، ކެރިގެން މިވަރަށް މަސަކަަތް ކުރައްވާ ރައީސަކު މި ދިވެހި ފަސްގަނޑު އަދި ނުދެކެއެވެ. ވެރިއަކު ބުރަކޮށް މަސައްކަތް ކުރައްވާނީ މިހާކަންހާ ވަރަށެވެ. އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު އެދުވަހު މެންދުރުފަހު ރާއްޖެ ވަޑައިގެން ހަމަ އެރޭ މާލޭގައި އޮތް ބޮޑު ހަފްލާއަކަށް ރައީސް ވަޑައިގަތެވެ. ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ބައިވެރިވެވަޑައިގަތުމަށް ފަހު ހަމަ ރޭ އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި ސައުދި އަރަބިއާ އަށް ފުރާވަޑައިގެންފިއެވެ. ދިވެހީންނަށް ލިބިފައި މިވަނީ އޭ-އައި އިންޓެލިޖެންސް އިން މަސައްކަތްކުރާ ރޮބަޓް ރައީސެއް ބާވައޭ ވެސް ހިތަށް އަރައެވެ. ކެރިގެން، ޖެހިލުންވުމެއް ނެތި، ބޮޑެތި ނިންމުންތައް ނިންމަވަމުން، މުހިއްމު ދަތުރުތައް ކުރައްވަމުން، ޤާނޫނުތައް ބަދަލުކު ކުރައްވަމުން ރައީސް ޑރ.މުއިއްޒު އެ ގެންނަވާ ހެޔޮ ބަދަލުތަކުގެ މޭވާ ރައްޔިތުންނާ ހަމައަށް އަސްލު ތިލަވާނީ އަދި އަހަރެއް ނުވަތަ ދެއަހަަރެއްހާ ދުވަސް ފަހުން ކަމަށް ވެދާނެއެވެ. އަދި އޭގެ އެންމެ ހަޤީޤީ ފޮނި މޭވާގެ ރަހަ ލިބޭނީ 2027 ވަނަ އަހަރު ކަމަށް ވެދާނެއެވެ. އެ މޭވާތައް ފައްކާވެ، ގޯނި ގޯނިން ބިންނަން ލިބޭނީ 2028 ވަނަ އަހަރު ނޮވެމްބަރ މަހު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދެވަނަ ރިއާސީ ދައުރަށް ހުވާ ކުރައްވާ ހިސާބުން ކަމަށް ވެސް ހަމަ ވެދާނެއެވެ.

One Response
ޑިސިޝަނޭ! ޑިމޮކްރަސީ ކަފުން، 50 ބިލިޔަނުން ކުރި ކަމެއް ނެތް، އަމުދުން އައްޑުއަށް