Support Us

ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ޖަލުން ދޫކޮށްލުމަށް ގޮވައިލައި ޕާކިސްތާން ތަހްރީކޭއިންސާފު ޕާޓީން ބޭއްވި މުޒާހަރާއަކަށް އަސްކަރިއްޔާއިން ހުޝިޔާރުވެގެން

ޕާކިސްތާނު އަސްކަރީ ވެރިންގެ މަގާމުގެ މުއްދަތު އިތުރުކުރަނީ

ޕާކިސްތާނުގެ އަސްކަރީ ވެރިންގެ މަގާމުގެ މުއްދަތު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރަން ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ޕާލަމަންޓުގައި ހިމެނޭ ވެރިކަންކުރާ ކޯލިޝަންގެ މެންބަރުން އަވަސްއަރުވައިލައިގެން މި ބިލް އިއްޔެ ފާސްކުރީ އިދިކޮޅުން ވަރުގަދައަށް ދެކޮޅުހަދަމުންދަނިކޮށެވެ.

މި ގާނޫނު ތަންފީޒުކުރުމުން އަސްކަރީ ވެރިޔާ އާސިފު މުނީރު އެ މަގާމުގައި 2027 އަހަރާ ހަމައަށް ހުންނާނެއެވެ.

ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ ޕާޓީގެ މެންބަރުން އިހުތިޖާޖްކުރުމުގެ ގޮތުން ވަނީ މި ބިލްގެ ކޮޕީތައް ވީދައިލައިފައެވެ.

"މި ބިލް ފާސްކުރީ އެކަށީގެންވާ ގޮތަކަށް ބަހުސްނުކޮށް. މިއީ މި ގައުމުގެ ޑިމޮކްރެސީއަށް ދިން ހަމަލާއެއް،" އިދިކޮޅު ޕާކިސްތާން ތަހްރީކޭއިންސާފު ޕާޓީގެ މެންބަރަކު ބުންޏެވެ.

ފެބްރުއަރީ މަހުގެ އިންތިހާބަށް ފަހު ބޮޑު ވަޒީރުކަމަށް ވަޑައިގަތް ޝަހްބާޒު ޝަރީފު ބޭނުންވެވަޑައިގަންނަވަނީ އަސްކަރިއްޔާގެ ތާއީދު ހޯއްދެވުމަށްކަމަށް އިދިކޮޅުން ބުންޏެވެ.

ޕާކިސްތާނުގެ އަސްކަރީ ގާނޫނަށް ގެންނަން މި ބަދަލު ހުށަހެޅީ ދިފާއީ ވަޒީރު މުހައްމަދު އާސިފެވެ.

މި ގާނޫނު ތަންފީޒުކުރުމުން އެއްގަމު ސިފައިންނާއި ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންގެ ވެރިންގެ މަގާމަށް ފަސް އަހަރު ހަމަކޮށްލާނެއެވެ.

މި ބިލްގައިވާ ގޮތުން ޖެނެރަލް، އެއާ ޗީފް މާޝަލް އަދި އެޑްމިރަލްގެ މަގާމުގައި ތިބޭ ވެރިން ރިޓަޔާކުރާ އުމުރަކީ 64 އަހަރެވެ. ނަމަވެސް މި ޝަރުތު އެއްގަމު، ވައި އަދި ކަނޑުގެ ސިފައިންގެ ވެރިންނަށް އަމާޒެއް ނުކުރެއެވެ.

ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ވެރިޔާއަށް ވެސް މި ޝަރުތު ކުރިމައްޗެއް ނުކުރެއެވެ. އެ ގޮތުން އޭނާގެ މަގާމު އަދިވެސް އޮތީ ތިން އަހަރުގެ ގޮތުގައި ހަމަޖައްސައިފައެވެ.

"މިއަދު ޑިމޮކްރެސީ މި ވަނީ ރަސްކަމަކަށް ބަދަލުކޮށްފައި،" ޕާކިސްތާން ތަހްރީކޭއިންސާފުގެ ވެރިޔާ ޖައުހަރު އަލީ ޚާން ބުންޏެވެ.

މި ބިލު ތަންފީޒުކުރުމުން އަސްކަރިއްޔާގެ އެހެން އޮފިސަރުންގެ ވާދަވެރިކަމަށް ނޭދެވޭ އަސަރުކޮށް އެ މީހުންގެ މަސައްކަތަށް ކުރިއެރުމެއް ނުލިބޭނެކަމަށް ޕާކިސްތާން ތަހްރީކޭއިންސާފުން ބުންޏެވެ.

"މިއީ އަހަރެމެންގެ މި ލޮބުވެތި ގައުމުގެ ކުރިމަގާ ގުޅިފައިވާ މައްސަލައެއް،" ޕާލަމަންޓްގެ އިދިކޮޅު ލީޑަރު އުމަރު އައްޔޫބު ޚާން ބުންޏެވެ.

މައުލޫމާތާ ބެހޭ ވަޒީރު އަތާއުﷲ ތާރަރު ބުނީ މި ބަދަލު ގެންނަން ނިންމީ އަސްކަރިއްޔާގެ ހަމަޖެހުމަށްކަމަށެވެ.

"ސަރުކާރުގައި އޮންނަނީ ވެސް ފަސް އަހަރުގެ ދައުރެއް. އެހެންވީމާ އަސްކަރީ ވެރިންގެ މަގާމުގެ މުއްދަތު ފަސް އަހަރުކަމުގައި އޮތުމަކުން ގެއްލުމެއް ނެތް. މި ކަމުގެ ސަބަބުން މުއްސަސާތަކުގެ އެތެރޭގެ ސިޔާސަތުތައް ތަންފީޒުކުރަން ފަސޭހަވާނެ،" އޭނާ ބުންޏެވެ.

އިމްރާން ވެރިކަމުން ދުރުކުރީ 2022 ގައި ޕާލަމަންޓްގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އޯގަސްޓް މަހުން ފެށިގެން އޭނާ ހުންނެވީ ޖަލު ހުކުމެއްގައެވެ. އޭނާ ވިދާޅުވީ އޭނާ މަގާމުން ދުރުކުރަން ރޭވީ ކުރީގެ އަސްކަރީ ވެރިޔާ ގަމަރު ޖާވީދު ބަޖްވާ އޭނާއާމެދު ހިތްހަމަނުޖެހުމުންކަމަށެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއަކީ ގައުމުގައި ނުފޫޒު ގަދަ ބައެކެވެ. ޕާކިސްތާނު އުފެއްދިތާ 75 އަހަރުވީއިރު އޭގެ ދެބައިކުޅައެއްބައި މުއްދަތުގައި ގައުމުގައި ވެރިކަންކުރީ އަސްކަރިއްޔާއިންނެވެ. އެ ގޮތުން ސިޔާސީ ފަރާތްތަކުގެ މައްޗަށް ނުފޫޒު ފޯރުވިއެވެ. ތިރީސް އަހަރު ވެރިކަން ކުރިއިރު އަސްކަރީ ވެރިން ވަނީ އިންތިހާބު ކުރެވުނު ސަރުކާރުތައް ވައްޓައިލުމަށް ތިން ފަހަރަށް ބަޣާވާތްކޮށްފައެވެ.

އިމްރާން ހިމެނޭ ފަދައިން ވަރަށް ގިނަ ސިޔާސީ ފަރާތްތަކުން ފާޅުގައި ބުނެފައި ވަނީ އަސްކަރީ ވެރިން ސިޔާސީ ނިންމުންތަކަށް ނުފޫޒު ފޯރުވައި، ގައުމުގެ ސިޔާސީ ދާއިރާގައި ބޮޑު ރޯލެއް ކުޅެފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *