ރާއްޖޭގައި އޮންނަނީ އެހެން ޤައުމުތަކުގައި އޮންނަ ކަހަލަ "އިދިކޮޅު" ޕާޓީ އެއް ނޫނެވެ. އެއީ ސިޔާސީ ގޮތުން ވާދަވެރި ޕާޓީއެއް ނޫނެވެ. ސަރުކާރުން ކޮންމެ ކަމެއް ކުރިއަސް، އެއީ ރަނގަޅު ކަމެއް ވިއަސް، އެކަމަކާ ދެކޮޅު ހަދައި، ދެކޮޅުވެރި ޕާޓީ އެކެވެ. ސަރުކާރާ އަދާވާތްތެރި ޕާޓީއޭ ވެސް ކީދާނެއެވެ. ވަރަށް ގިނަ، ހިތްވަރު ގަދަ ބަދަލުތައް ސަރުކާރުން ގެންނަކަމުގެ ސުރުހީތައް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭ ނޫސްތަކުން ފެނުނެވެ. މިއިން ކޮންމެ ކަމަކަށް އިދިކޮޅު ޕާޓީން ހަދަނީ ހަމަ ދެކޮޅެވެ! ވޭޕް މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނު އިތުރަށް ހަރުކަށިކުރަން މި ސަރުކާރުން ނިންމުމުން އެކަން ނުކުރެވޭނެ ކަމަށް ބައެއް "ސިޔާސީ" މީހުން ކިޔައެވެ. ވޭޕްގެ ޑިއުޓީ އެ އޮއްގެން ބޮޑުކުރީ ކަމަށާއި، އެއީ ޑިއުޓީ ބޮޑުކޮށްގެން އިތުރަށް ފައިސާ ހޯދަން ޖެހި މަޅިއެއް ކަމަށް ކިޔައެވެ. ވޭޕްގެ ޑިއުޓީ ބޮޑުކުރީ ނޮވެމްބަރ މަހުގެ ފުރަތަމަ 15 ދުވަހަށް އެކަނި ކަމާއި، އެއަށް ފަހު ވޭޕްގެ ބާވަތްތައް އެއްގޮތަކަށް ވެސް އިމްޕޯޓް ނުކުރެވޭނެކަން މި "ސިޔާސީ" މީހުންނަށް ހަމަ ނޭނގެނީއެވެ. ސިޔާސީ ވާހަކަ ދައްކަނީ ވާނުވާ ނޭނގި ތިބެ، ހުރިހާ އެއްޗެއް އެނގޭ ކަމަށް ދެކިގެންނެވެ.
ވޭޕް މަނާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ޤާނޫނުތައް ބަދަލު ކުރަން ސަރުކާރުން ނިންމުމުން ރާއްޖޭގެ އެންމެ ބޮޑު "އަދާވާތްތެރި ޕާޓީ" (އެމް.ޑީ.ޕީ) އިން ބުނަނީ ސަރުކާރަށް އެކަން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ: "އަޅުގަނޑު (ރައްޔިތުންނަށް) ދޭން ބޭނުންވާ ޔަގީންކަމަކީ، އެ ގާނޫނުގައި އޮންނަ އަކުރާއި ފިއްޔާ ދިމާވާ ވަރަށް ރައީސްގެ މި ޒައާމަތުގައި ލޯ އެންފޯސްމަންޓް އެޖެންސީތަކުން އެކަން ކުރައްވާނެ. ތިޔަ ބޭފުޅުންނަށް (ރައްޔިތުންނަށް) ތަފާތު މަންޒަރެއް ފެނިގެންދާނެ" ކަމަށެވެ.
މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް ކުރެވޭ މަރުގެ ހުކުމް، ވީ އެންމެ އަވަހަކަށް ތަންފީޒުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ އިހުސާން ވިދާޅުވުުމުން ވެސް ސިޔާސީ ގޮތުން "ގެޅިގަންނަ" ޕާޓީން ޖެހީ ޖޯކެވެ. އޮކްޓޯބަރ 22 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރ ވިދާޅުވީ ގާނޫނުގައި މިހާރު އޮތް ގޮތުން މަރުގެ އަދަބު ކަނޑައެޅެނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އެކަނި ކަމަށް ވިއަސް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރުމަށްޓަކައި އެ ޤާނޫނު މިހާރު ވަނީ ޑްރާފްޓްކޮށް މަޖުލީހަށް ފޮނުވަން ތައްޔާރުކޮށްފައި ކަމަށެވެ. އަދާވާތްތެރި ޕާޓީ އަށް މިވާހަކަ ވެސް ހަޖަމެއްނުވިއެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ގޭންގު ކުށްތައް ހުއްޓުވުމަށް، ގޭންގުތަކުގެ ބާރު ކެނޑޭ ގޮތަށް އެކުލަވާލައި، ހޯމް މިނިސްޓްރީން، އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހަށް ފޮނުވާފައިވާ ބިލު، މި ދައުރުގެ ތެރޭގައި މަޖިލީހަށް ފޮނުވައި މަޖިލީހުން އެ ބިލު ފާސްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނުމުން އެކަމަށް ވެސް ރައްޔިތުންނާ އަދާވާތްތެރި ޕާޓީން ޖެހީ ހަމަ ޖޯކެވެ. ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ޑްރާފްޓްކޮށްފައިވާ މި ބިލުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ. ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތަކާއި، އެފަދަ ގުރޫޕުތަކުން ކުރާ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގާނެ ގޮތާއި، ގޭންގު ކުށްތަކުގެ އަދަބު ފަދަ ގިނަ ކަންތައްތަކެއް މި ބިލުގައި ހިމެނެއެވެ. މިއީ ގެންގްތަކުގެ ވަކި ތަކުން ދިވެހި މުޖުތަމައު، ހާއްސަކޮސް ދިވެހި ޒުވާނުން، ސަލާމަތް ވުމުގެ ފެށުން ކަމުގައި ބެލެވެއެވެ. "ގަޓު" ރައީސާއި "ގަޓު" ހޯމް މިނިސްޓަރުގެ މިފަދަ ނިންމުންތަކަށް "ސަރުކާރާ ދުޝްމަން" ޕާޓީން ޖޯކު ޖަހައި، މިއިން އެއްކަމެއް ވެސް ތަންފީޒު ނުކުރެވޭނެ ކަމުގައި ބުނާ އިރު އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ރައްޔިތުން ފަޅިއަށް އަރައި، ރައްޔިތުންގެ ހައްގުގައި މިފަދަ އެންމެ ކަމެއް ވެސް ނުކުރެއެވެ. މުޅިން ވެސް ކުރީ އެމްޑީޕީގެ ލީޑަޝިޕަށް ކަޓު ލިބޭ ގޮތަށް ޤައުމު ވިއްކުމުގެ މަސައްކަތެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސަރުކާރަކުން، ރައްޔިތުންނަށްޓަކައި މިފަދަ އުނދަގޫ، އެހެނަސް ކުރަން ޖެހޭ ކަންކަން ކުރުމުގައި މިވަރުގެ ސަރުކާރެއް އަދި ނުފެނެއެވެ. ސަރުކާރެއްގެ ކިބައިގައި ގަޓު ހުންނާނީ ދެން މިހާކަންހާ ވަރަށެވެ. އޭގެ ކުޑަ މިސާލެކެވެ. ވޭޕްކުރަން ބޭނުންކުުރާ ހުރިހާ ބާވަތެއްގެ އެއްޗެހި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން ޑިސެމްބަރ 15 އިން ފެށިގެން މަނާ ކުރަން ނިންމާފައިވާ އިރު، ސަރުކާރުން ބުނީ މި ޤާނޫނުގެ ދަށުން، ރާއްޖެ އަންނަ ފަތުރުވެރިން ވެސް ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާވާނެ ކަމަށެވެ. އަދާވާތްތެރި ޕާޓީން ދެން ތެދުވާނީ ފަތުރުވެރިޔާގެ ހައްޤުގައި، ފަތުރުވެރިޔާ އަށް ވޭޕް ލިބެން ޖެހޭނެ ކަމަށް ބުނެ އިހުތިޖާޖަށް ކަމަށް ވެދާނެއެވެ. ސަފާރީ ޔޮޓް ތަކަށް ދުވަހަކު ގެސްޓަކު ނަޔަސް ސަފާރީ ތަކަށް ރާ އަރުވައިގެން ދިވެހީންނަށް ރާވިއްކުން ފަދަ ކަންކަން ދެން ނުކުރެވޭނެ ކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން ޤާނޫނުތައް ހަރުކަށިކޮށް، ތަންފީޒު ކުރެވޭނެ ކަމުގައި ރައީސް މުއިއްޒުގެ ހޯމް މިނިސްޓަރ، އިހުސާން، ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.
ބަރަހަނާ ވެބްސައިޓުތައް ފިލްޓަރ ކޮށް، އެފަދަ ސައިޓުތައް ބްލޮކް ކުރެވޭނެ ހިދުމަތެއް، ދިރާގު "ނެޓް ޕްރޮޓެކްޓް"ގެ ނަމުގައި މިދިޔަ މަހު ފަހުކޮޅު ތައާރަފް ކުރި ކުރުމަކީ ވެސް ރަނގަޅު މިސްރާބަކަށް އެޅުނު ފިޔަވަޅެކެވެ. މި ހިދުމަތަކީ ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭގޮތް ހެދުމުގެ ބާރު ކަސްޓަމަރުންނަށް ލިއްބައިދޭ ހިދުމަތެކެވެ. މިއަށް ވުރެ އިތުރަށް ކުރިއަށް ފިޔަވަޅެއް އަޅައި، ބަރަހަނާ ވެބްސައިޓުތަކަށް އެއްވެސް ވަރަކަށް ނުވަދެވޭ ގޮތަށް ހެދުމަކީ މި ސަރުކާރުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެކަމަށް އަޅުގަނޑު ގޮވާލަމެވެ.
މިފަދަ އެހެން މިސާލެކެވެ. ހުސްވި އޮކްޓޯބަރު 30 ވަނަ ދުވަހު މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ވެބްސައިޓްތަކާއި އެޕްތައް ބޭނުންކޮށްގެން ޖުވާ ކުޅުން ނުވަތަ ބެޓްކުރުން ހުއްޓުވަން ގާނޫނުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ. ޖުވާ ކުޅުން ނުވަތަ އޮންލައިން ކެސިނީ ކުޅުމަކީ މިފަހަކަށް އައިސް ދިވެހީންގެ ތެރެއިން ބައެއް ލާދީނީ މީހުން ކުރަމުން އަންނަ، ކަނޑައެޅިގެން ހަރާމް ކަމެކެވެ. އޮންލައިން ޖުވާ ކުޅުމާ ދެކޮޅަށް ޑރ. މުއިއްޒުގެ ސަރުކާރުން ތެދުވުމަކީ ވެސް ހަމަ ލާދީނިއްޔަތާ ދެކޮޅަށް މިސަރުކާރުން ކުރަމުން އަންނަ "ގަޓު" ކަންކަމުގެ ސިލްސިލާއަށް އިތުރުވީ ބޮޅެކެވެ. ސިޔާސީ ގޮތުން "އަދާވާތްތެރި" ޕާޓީން މިކަމާ ގުޅިގެން އެއްޗެއް ނުބުނެއެވެ. ބުނާނެ އެއްޗެއް ނޭނގުނީ ކަމަށް ވެސް ވެދާނެއެވެ. އެމްޑީޕީގެ ސިޔާސީ ހީލަތްތެރި މަޅި އައިސް އެމީހުންގެ ސިޔާސީ ކަރަށް ނިކަން ރަނގަޅަށް މެހި ނިމިއްޖެއެވެ. އެ ޕާޓީގައި ރައްޔިތުން އިތުބާރު ކުރާ ލީޑަރެއް ނެތެވެ. ސޯލިހަށް، ފައްޔާޒަކަށް އަދި އަބްދުﷲ ޝާހިދަކަށް، ނުވަތަ ފައިސަލަކަށް ވެސް ރައްޔިތުންގެ އިތުބާރެއް ނެތެވެ. ދިވެހި ރައްޔިތުންގެ ވޯޓަކުން އަބްދުﷲ ޝާހިދަށް ނުވަތަ ފައްޔާޒަށް ރައީސްކަން ލިބުމަކީ މުސްތަހީލު ކަމެއް ކަމަށް ފެނެއެވެ. އެއީ އުމާ މަހޭޝްރަވަރަން އަށް ދިވެހި ސަރުކާރުގެ ދިފާއި ވަޒީރުކަން ލިބުންހާ މުސްތަހީލު ކަމެކެވެ!
އެމްޑީޕީ އެ އޮތީ އެ ޕާޓީއާ އެންމެ ގުޅޭ މަޤާމުގައެވެ. މަގުތަކަށް ނިކުމެ މަސްލަހަތު ނަގާލުމާއި، ދޮގު ފެތުރުމާއި، ސަރުކާރުން ރައްޔިތުންގެ ހެވަކަށް ކަމެއް ކުރިއަސް އެކަމަކާއި ދެކޮޅަށް ވަހަކަ ދެއްކުމުގެ މަޤާމުގައެވެ. އެއީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދާވާތްތެރި ޕާޓީ އެވެ. ދެކޮޅުވެރި ޕާޓީ އެވެ. ރައްޔިތުންނާ ދުޝްމަން ޕާޓީގެ ވާހަކަތަކަށް ބެލުމެއް ނެތި ގަޓު ރައީސާއި ގަޓު ކެބިނެޓުން ރައްޔިތުން ފަޅިއަށް ޖެހި މަތީގައިވާ ފަދަ އިތުރު ނިންމުންތައް ނިންމަންވީއެވެ. އެއިރުން މި ސަރުކާރަށް ދެވަނަ ދައުރެއް ދޭންވެސް ރައްޔިތުން ފަހަތަކަށް ނުޖެހޭނެއެވެ. ޔަގީނެވެ.
