ބަންދުކޮށްގެން ގެންގުޅުނު އެންމެ ބޮޑު ކިނބޫ، އެ ސޮރުގެ އުމުރުން 110 އަހަރުގައި މަރުވެއްޖެއެވެ.
"ކެސިއަސް"ގެ ނަން ދީފައިވާ 18 ފޫޓު ދިގުމިނުގައި ހުރި މި ކިނބޫގެ ބަރުދަނުގައި އެއް ޓަނު ހުއްޓެވެ.
ހޮނިހިރު ދުވަހު ކެސިއަސް މަރުވިއިރު އޮސްޓްރޭލިއާގެ ކިނބޫ ހިމާޔަތްކުރާ މެރިންލޭންޑް މެލަނީޝިއާ ކްރޮކޮޑައިލް ހެބިޓެޓްގައި އެ ސޮރު އުޅޭތާ 37 އަހަރުވެފައިވާކަމަށް އެ ތަނުން ފޭސްބުކްގައި ބުންޏެވެ.
"މި ދިޔަ މަހުގެ 15 އިން ފެށިގެން ކެސިއަސްގެ ހާލު ދިޔައީ ދެރަވަމުން. ކެސިއަސް ވަރަށް މުސްކުޅި. އާދައިގެ ކިނބުލަކަށްވުރެ އުމުރު ވެސް މާ ދިގު. ކެސިއަސް ނެތުމުން ފުން އަސަރެއްކުރާނެ. އަހަރެމެންގެ ލޯތްބާއި އެ ސޮރުގެ ހަނދާންތައް އަހަރެމެންގެ ހިތްތަކުގައި އަބަދުގެއަބަދަށް ދެމިގެންދާނެ،" މެރިންލޭންޑްގެ ފޭސްބުކްގައި ބުންޏެވެ.

ކެސިއަސް އުފަންވީ ނޮދަން ޓެރިޓަރީގައެވެ. އެ ސަރަހައްދަކީ ޓޫރިޒަމްގައި ކިނބޫ މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ.
ކެސިއަސްއަކީ ލޮނުފެނުގައި އުޅުނު ކިނބުލެކެވެ. ގިނެސް ފޮތުގައި އެ ސޮރު ފާހަގަކޮށްފައި ވަނީ ބަންދުކޮށްގެން ގެންގުޅުނު އެންމެ ބޮޑު ކިނބުލުގެ ރެކޯޑު އޮންނަ ގޮތުގައެވެ. އެއީ ފިލިޕީންސްގެ 20 ފޫޓުގެ "ލޮލޯންގް" ނަމަކަށް ދީފައިވާ ކިނބުލެއް 2013 ގައި މަރުވުމުންނެވެ.



advertisment