Support Us

ކާލިސްތާންގެ ނަމުގައި އިންޑިއާގައި މިނިވަން ވަކި ދައުލަތެއް ގާއިމުކުރުމަށް ތާއީދުކޮށް ސިކުން މުޒާހަރާކުރަނީ

ކެނެޑާއިން ޑިޕްލޮމެޓިކް މުވައްޒަފުންނަށް ގޯނާކުރަނީ: އިންޑިއާ

ކެނެޑާގައި ތިބި އިންޑިއާގެ ޑިޕްލޮމެޓިކް މުވައްޒަފުންނަށް ކެނެޑާ ސަރުކާރުން ޖެއްސުންކުރަން ފަށައިފި ކަމަށް އިންޑިއާ ސަރުކާރުން ތުހުމަތުކޮށްފިއެވެ.

އިންޑިއާގެ ހާރިޖިއްޔާއިން މި މޭރުމުން ބުނީ ކެނެޑާގައި ތިބި އިންޑިއާ އެމްބަސީގެ މުވައްޒަފުންގެ ހަރަކާތްތައް ބަލަން އަޑާއި އަދި ވީޑިއޯގެ ޒަރީއާއިން އެ މުވައްޒަފުންނަށް ކެނެޑާ ސަރުކާރުން ޖާސޫސްކުރަން ފެށުމާ ގުޅިގެންނެވެ.

"އިންޑިއާގެ ޑިޕްލޮމެޓިކް މުވައްޒަފުންނަށް އޯޑިއޯ އަދި ވީޑިއޯގެ ޒަރީއާއިން ސާވެއިލަންސްކުރަމުންދާ ކަމަށް ކެނެޑާ ސަރުކާރުން އެ މުވައްޒަފުންނަށް އަންގައިފިކަމަށް އެ މުވައްޒަފުން ބުނި،" އިންޑިއާގެ ހާރިޖިއްޔާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ ކެނެޑާގައި ހުންނަ އިންޑިއާގެ އެމްބަސީގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ މުވާސާލާތީ މުއާމަލާތްތަކަށް ކެނެޑާއިން ފާރަލާން ފަށައިފިކަމަށެވެ.

"މިއީ ޑިޕްލޮމެޓިކް މުއާހަދާތަކާ ފުށުއަރާ އަމަލުތަކެއް،" އިންޑިއާގެ ހާރިޖިއްޔާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ އިންޑިއާގައި ކާލިސްތާނުގެ ނަމުގައި މިނިވަން ވަކި ދައުލަތެއް ގާއިމުކުރަން މަސައްކަތްކުރާ ސިކުންނަށް ހަމަލާ ދޭން ރޭވީ އިންޑިއާގެ ދާހިލީ ވަޒީރު އަމިތު ޝާހުކަމަށް ކެނެޑާ ސަރުކާރުން ތުހުމަތުކުރުމުން އިންޑިއާގައި ހުންނަ ކެނެޑާގެ އެމްބެސެޑަރު އިންޑިއާގެ ހާރިޖިއްޔާއަށް ހާޒިރުކޮށް، މި ކަމާ ދެކޮޅަށް ވާހަކަ ދައްކާފައިވާނެކަމަށެވެ.

"މި ފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ކުރުމުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ނުބައި އަސަރު ފޯރާނެ،" އިންޑިއާގެ ހާރިޖިއްޔާގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ބުންޏެވެ.

ކާލިސްތާނު ގާއިމުކުރުމުގެ ހަރަކާތުގެ މޫނުކަމުގައި ބެލެވުނު ސިކުންގެ ލީޑަރު ހަރްދީޕް ސިންގް ނިއްޖަރު މިދިޔަ އަހަރު ކެނެޑާގައި މަރައިލުމުގެ ފަހަތުގައި ވަނީ ކެނެޑާގައި ހުންނަ އިންޑިއާގެ އެމްބެސެޑަރާއި އެމްބަސީގައި މަސައްކަތްކުރާ އިސް ޑިޕްލޮމެޓުންކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތުކުރެއްވުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ.

އިންޑިއާއިން ހޯދަން ބޭނުންވާ، އިންޑިއާއަށް އުފަން ކެނެޑާގެ ސިކެއް ކަމަށްވާ އުމުރުން 45 އަހަރުގެ ނިއްޖަރަކީ ޓެރަރިސްޓެއްކަމަށް އިންޑިއާއިން ތުހުމަތުކުރިއެވެ. މިދިޔަ އަހަރުގެ ޖޫން މަހު ކެނެޑާގައި ބަޑި ޖަހައި އޭނާ މަރައިލީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.

ކެނެޑާގައި ދިރިއުޅޭ ސިކުންނަށް ހަމަލާ ދޭން ރޭވީ އަމިތުކަމަށް ކެނެޑާގެ ހާރިޖީ ވަޒީރުގެ ނައިބު ޑޭވިޑް މޮރިސަން ވަނީ ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި ދާދި ފަހުން ބުނެފައެވެ.

ޖައިސްވަލް ބުނީ ކެނެޑާ ސަރުކާރުން ގަސްދުގައި މި ކަހަލަ ތުހުމަތުތަކެއް ބައިނަލްއަގުވާމީ މީޑިއާއަށް ލީކުކޮށްލީ އިންޑިއާގެ އަގުވައްޓާލައި، އެހެން ގައުމުތައް އިންޑިއާއާމެދު ދެކޭ ގޮތަށް ނުފޫޒު ފޯރުވުމަށްކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ގުޅުން ގޯސްވަމުން ގޮސް މިދިޔަ މަހު ކެނެޑާއިން ވަނީ އެ ގައުމުން އިންޑިއާގެ ހަ ޑިޕްލޮމެޓުން ބޭރުކޮށްލައިފައެވެ. ހަމަ އެ ގޮތަށް އިންޑިއާއިން ވަނީ އޭގެ ބަދަލުގައި އިންޑިއާއިން ކެނެޑާގެ ހަ ޑިޕްލޮމެޓުން ބޭރުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *