Support Us

ބަންގްލަދޭޝްގެ ޖަތިޔަ ޕާޓީގެ އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ރޯކޮށްލައިފައި

ހަސީނާއަށް ތާއީދުކުރި ޖަތިޔަ ޕާޓީގެ އޮފީހުގައި ރޯކޮށްލައިފި

އިސްތިއުފާ ދެއްވި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޚް ހަސީނާއަށް ތާއީދުކުރި ޖަތިޔަ ޕާޓީގެ އޮފީހުގައި ރޯކޮށްލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ މި ހަމަލާގައި މީހަކު ޒަހަމެއް ނުވެއެވެ. އަދި މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނުނަގައެވެ.

ހަމަލާ ދިން މީހުން ވަނީ ވެރިރަށް ދާކާގައި ހުންނަ އެ އޮފީހުގެ ތެރޭގައި ތިބި ޕާޓީގެ މެންބަރުންނަށް އަނިޔާކޮށްފައިކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ތަނަށް އަހަރެމެން ދިޔައިން،" އަލިފާން ނިއްވާ މަދަނީ ދިފާއީ އިދާރާގެ އޮފިޝަލެއް ކަމަށްވާ ރާޝިދު ބިން ޚާލިދު ބުންޏެވެ.

ޖަތިޔަ ޕާޓީއަކީ ބަންގްލަދޭޝްގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ޕާޓީ އުފެއްދެވީ ކުރީގެ ހުދުމުހުތާރު ރައީސް ހުސައިން މުހައްމަދު އިރުޝާދެވެ.

ޖަތިޔަ ޕާޓީގެ އޮފީހަށް ހަމަލާ ދެމުންދިޔައިރު ހަސީނާއާ ދެކޮޅަށް މުޒާހަރާ ރޭވި ދަރިވަރުންގެ ލީޑަރެއް ކަމަށްވާ ހަސްނަތު އަބްދުﷲ ވަނީ ޖަތިޔަ ޕާޓީ ނައްތައިލަން ޖެހޭނެކަމަށް ފޭސްބުކްގައި ލިޔެފައެވެ. އުޒުރެއްކަމަށް އޭނާ ދެއްކީ އެ ޕާޓީން ހަސީނާއަށް ތާއީދުކުރުމެވެ.

"ޖަތިޔަ ޕާޓީއަކީ ގައުމަށް ގައްދާރުވެފައިވާ ޕާޓީއެއް،" ހަސްނަތު ފޭސްބުކްގައި ލިޔުނެވެ.

ދާކާގެ ޔުނިވާސިޓީ ކައިރިއަށް ޖަމާވެ، ޖަތިޔަ ޕާޓީގެ އޮފީސް ދޮށަށް އެއްވުމަށް ހަސްނަތު ވަނީ ގޮވައިލައިފައެވެ.

ޖަތިޔަ ޕާޓީގެ އަމީން އާއްމު މުޖީބުލްހައްގު ޗުއްނޫ ބުނީ ޕާޓީގެ އޮފީހަށް ހަމަލާދިނީ ޖުލައި މަހު ހަސީނާއާ ދެކޮޅަށް މުޒާހަރާކުރި ދަރިވަރުން ކަމަށެވެ.

"އެ މީހުން އެކަން ކުރަނީ ސޯޝަލް މީޑިއާގައި ލައިވްކޮށް، އާއްމުންނަށް ފެންނަ ގޮތަށް،" ޗުއްނޫ ބުންޏެވެ.

ހަސީނާގެ އަވާމީ ލީގް ޕާޓީން ވަނީ 2009 އިން ފެށިގެން 15 އަހަރު ވެރިކަންކޮށްފައެވެ. އިސްތިއުފާ ދެއްވުމަށް ފަހު ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތީ އޮގަސްޓް ފަހެއްގައެވެ. އެއިރު އޭނާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ދަރިވަރުންނާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހިމެނެއެވެ. ޖުލައި އަދި އޮގަސްޓް މަހު މަރުވި މި އެންމެންގެ މައްސަލައިގައި ހަސީނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް މިހާރު ވަނީ ނެރެފައެވެ.

ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް ވަނީ އޮގަސްޓް މަހު އިންތިގާލީ ސަރުކާރާ ހަވާލުވެވަޑައިގެންފައެވެ. އެއީ މުޒާހަރާކުރި ދަރިވަރުންނާއި އަސްކަރިއްޔާގެ ތާއިދާއެކުއެވެ. ނަމަވެސް ބަންގްލަދޭޝްގައި ދަރިވަރުންނާއި ހަސީނާއަށް ތާއީދުކުރާ މީހުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ޔޫނުސްއަށް އަދި ކޮންޓްރޯލެއްނުކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *