އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މި މަހު ހަތަރަކުން ފެށިގެން ލުބްނާންގައި މަދުވެގެން ދުވާލަކު ކުއްޖެއް ޝަހީދުވާކަމަށް އދ.އިން ބުނެފިއެވެ.
"މީގެ އިތުރުން މި މުއްދަތުގައި 10 ކުދިން ޒަހަމްވެފައިވޭ،" އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނިސެފުން ބުންޏެވެ.
ލުބްނާންގެ އިންތިގާލީ ބޮޑު ވަޒީރު ނަޖީބު މީގާތީ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިސްރާއީލުން ހަމަލާތައް ހުއްޓާލާނެކަން އިއުލާންކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ސަބަބަކީ ލުބްނާނާއެކު ސުލްހަ ގާއިމުކުރުމަށް އިސްރާއީލަށް ބާރުއެޅުމަށް އެމެރިކާގެ މަންދޫބު އެމަސް ހޮކްސްޓައިން މެދުއިރުމައްޗަށް ދަތުރުކުރަން ހަމަޖައްސައިފައިވާތީއެވެ.
ލުބްނާނާ ދެކޮޅަށް އިސްރާއީލުން ފަށައިފައިވާ ހަނގުރައިމައިގައި މިހާތަނަށް މަދުވެގެން 2،822 މީހުން ޝަހީދުވެ، 12،937 މީހުން ޒަހަމްވެފައިވެއެވެ.
ލުބްނާންގެ އައްސޭރިފަށުގައިވާ ތާރީހީ ސޫރު ސަހަރަށް މަދުވެގެން 10 ވައިގެ ހަމަލާ އިސްރާއީލުން ވަނީ ދީފައެވެ. އިސްރާއީލުން ބުނީ މި ހަމަލާތަކަކީ ހިޒްބުﷲގެ އިންފްރާސްޓްރަކްޗަރާއި ހަނގުރާމަވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކެއްކަމަށެވެ. މި ސިޓީއަކީ އދ.ގެ ޔުނެސްކޯ ޖަމިއްޔާއިން ދުނިޔޭގެ ތަރިކައެއްގެ ދަރަޖައިގައި ރައްކާތެރިކޮށްފައިވާ ސަހަރެކެވެ.
ލުބްނާންގެ އުތުރުގައިވާ ތާރީހީ ސިޓީއެއްކަމަށްވާ ބައުލަބަކް ސަހަރަށް އިސްރާއީލުން އިއްޔެ ވަނީ މަދުވެގެން ހަތަރު ވައިގެ ހަމަލާ ދީފައެވެ. މިއީ ވެސް ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ ސިޓީއެކެވެ. މި ސިޓީން ނުކުތުމަށް އިސްރާއީލުން ވަނީ ބައުލަބަކްގެ ރަށްވެހިންނަށް އިންޒާރުދީފައެވެ.
"މިއީ ހަނގުރާމައިގެ ޖަރީމާތަކެއް. އިސްރާއީލުން ދެމުންދާ ހަމަލާތައް އިތުރުކުރާ ނަމަ ލުބްނާނާ އިސްރާއީލާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓުމަކަށް އަތުވެދާނެކަމަކަށް ނުފެނޭ،" މީގާތީ ވިދާޅުވިއެވެ.
ބައުލަބަކަށް ދިން ހަމަލާގައި މަދުވެގެން ހަ ސިއްހީ އެހީތެރިން ޝަހީދުވެ، ހަތަރު މީހުން ޒަހަމްވިކަމަށް، ލުބްނާންގެ ސިއްހީ ވުޒާރާއާ ހަވާލާދީ ލެބަނަން ނެޝަނަލް ނިއުސް އެޖެންސީ (އެން.އެން.އޭ)އިން އިއްޔެ ބުންޏެވެ.
"މިއީ ބައުލަބަކަށް އިސްރާއީލުން ހަމަލާ ދިން ދެވަނަ ދުވަސް،" އެން.އެން.އޭ.އިން ބުންޏެވެ.
"އިސްރާއީލުން އެހެން ހަމަލާއެއް ދިން ސަލާހް ސަހަރަށް ވެސް. އެ ހަމަލާގައި އެމްބިއުލެންސަކަށް ގެއްލުން ލިބުނުއިރު އެ ދުއްވަން އިން ސިއްހީ އެހީތެރިޔާ މުއުޖިޒާތެއް ފަދައިން ސަލާމަތްވި،" ސިއްހީ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ މިއީ އިންސާނީ ގާނޫނުތައް ނަގަހައްޓަން އަޑުއުފުލަން ޖެހިފައިވާ ދަނޑިވަޅުކަމަށާއި ސިއްހީ އެހީތެރިކަމުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދޭ ހަމަލާތައް ހުއްޓުވަންޖެހޭނެކަމަށެވެ. ލުބްނާނަށް އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 178 ސިއްހީ އެހީތެރިން ޝަހީދުވެފައިވެއެވެ. އަދި 279 ސިއްހީ އެހީތެރިން ޒަހަމްވެފައިވާއިރު 246 އުޅަނދު ވަނީ ހަލާކުވެފައެވެ.
ހިޒްބުﷲއިން އިސްރާއީލަށް އިއްޔެ ފޮނުވައިލި ރޮކެޓް ހަމަލާތަކުގައި ޔަހޫދީ ދަނޑުވެރިއަކާއި ހަތަރު ބިދޭސީ މަސައްކަތްތެރިން ވަނީ މަރުވެފައިކަމަށް އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކުރިއެވެ. މީގެ އިތުރުން ހައިފާ ސަހަރުގައި ދެ ޔަހޫދީން މަރުވިކަމަށް އިސްރާއީލުގެ ސިއްހީ އިދާރާއަކުން ބުންޏެވެ.
އިސްރާއީލު ސިފައިން ލުބްނާނަށް އެއްގަމު މަގުން ވަދެގަތީ މި މަހުގެ އެއްވަނަ ދުވަހުއެވެ.



advertisment