Support Us

ސިކުން ބޭނުންވަނީ ކާލިސްތާނުގެ ނަމުގައި އިންޑިއާގައި ވަކި ދައުލަތެއް ގާއިމުކުރަން

ސިކުންނަށް ހަމަލާދިނުމުގެ އަޑީގައި ހުރީ އަމިތު: މޮރިސަން

އިންޑިއާގައި ކާލިސްތާނުގެ ނަމުގައި ވަކި ދައުލަތެއް ގާއިމުކުރަން ތާއީދުކުރާ ކެނެޑާއަށް އަމިއްލައަށް އަރުވާލެވިގެން އުޅޭ ސިކުންނަށް ހަމަލާދިނުމަށް އަމުރުކުރީ އިންޑިއާގެ ދާހިލީ ވަޒީރު އަމިތު ޝާހު ކަމަށް ކެނެޑާގެ ހާރިޖީ ވަޒީރުގެ ނައިބު ޑޭވިޑް މޮރިސަން ތުހުމަތުކޮށްފިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެންމެ އިތުބާރުކުރައްވާ އެކަކު ކަމަށްވާ އަމިތު ވަނީ ކެނެޑާގައި ދިރިއުޅޭ ސިކުންނަށް ޖާސޫސްކޮށް، އިންޑިއާއާ ވަކިވެގަންނަން ތާއީދުކުރާ ސިކުންނަށް ހަމަލާ ދޭން އަމުރުކޮށްފައިކަމަށް ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި މޮރިސަން އިއްޔެ ބުންޏެވެ. ނަމަވެސް ކެނެޑާގެ ކަމާ ބެހޭ އިދާރާތަކަށް އަމިތު ފާހަގަކުރެވުނީ ކިހިނެތްކަމެއް މޮރިސަން ނުބުނެއެވެ.

މޮރިސަންގެ ބަޔާނާއި އަމިތާ ދެކޮޅަށް އޭނާ ކުރި ތުހުމަތުތަކަށް އިންޑިއާ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ސިކުންގެ ލީޑަރެއް ކަމަށްވާ ހަރްދީޕް ސިންގް ނިއްޖަރު ކެނެޑާގައި މަރައިލުމާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށް ކެނެޑާއިން މި މަހު ވަނީ އިންޑިއާގެ ހަ ޑިޕްލޮމެޓުން ކެނެޑާއިން ބޭރުކޮށްލައިފައެވެ. ކެނެޑާގެ މި ތުހުމަތުތަކާ ދެކޮޅު ހަދައި، އިންޑިއާއިން ވަނީ ކެނެޑާގެ ހަ ޑިޕްލޮމެޓުން އިންޑިއާއިން ބޭރުކޮށްލައިފައެވެ.

އިންޑިއާ އާއި ކެނެޑާގެ ގުޅުން އެންމެ ބޮޑަށް ހީނަރުވީ ނިއްޖަރު މަރައިލުމުގައި އިންޑިއާގެ އެޖެންޓުންތަކެއްގެ ބައިވެރިވުމެއްވާކަމަށް ކެނެޑާއަށް ހެކި ލިބިފައިވާކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ މިދިޔަ އަހަރު ވިދާޅުވުމާ ގުޅިގެންނެވެ.

ސިކުންގެ ލީޑަރަކު ނިއު ޔޯކް ސިޓީގައި މަރައިލަން ރޭވިކަމުގެ ތުހުމަތުގައި އެމެރިކާއިން ދާދި ފަހުން ވަނީ އިންޑިއާ ސަރުކާރުގެ މުވައްޒަފެއް ކަމަށްވާ ވިކާޝް ޔަދާވްއަށް ޖިނާއީ ދައުވާކޮށްފައެވެ.

"އޭނާ ރޭވުން ރޭވީ އިންޑިއާގައި ހުރެގެން. ކުރި ކަމަކީ އެމެރިކާ އާއި ކެނެޑާގެ މީހުންނަށް ފައިސާ ދީގެން އެމެރިކާ އާއި ކެނެޑާގައި ދިރިއުޅޭ ސިކުން މެރުމަށް މަސައްކަތްކުރުން. އޭނާއާ ދެކޮޅަށް އުފުލާނީ މީހުން މެރުމަށް މަސައްކަތްކުރުމުގެ ދައުވާ،" އެމެރިކާގެ ޝަރުއީ ކަންތައްތަކާ ބެހޭ އިދާރާއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *