Support Us

ރަފަހްގައި ހުންނަ އދ.ގެ ފަލަސްތީނު ރެފިއުޖީ އެޖެންސީގެ މަރުކަޒެއް ކައިރީގައި އިސްރާއީލުން ސުންނާފަތިކޮށްލައިފައިވާ ފަލަސްތީނު އާއިލާއެއްގެ ޓެންޓެއް

ފަލަސްތީނު ރެފިއުޖީ އެޖެންސީ މަނާކުރާތީ އެމެރިކާއިން ފާޑުކިޔައިފި

އދ.ގެ ފަލަސްތީނު ރެފިއުޖީ އެޖެންސީ މަނާކުރަން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސް ކުރުމުން އެމެރިކާއިން އެ ކަމަށް ފާޑުކިޔައިފިއެވެ.

"ތިން މިލިއަނަށްވުރެ ގިނަ މީހުންނަށް އިންސާނީ ކާރިސާއެއް ކުރިމަތިވާނެ،" އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނަކު ބުންޏެވެ.

އިސްރާއީލުގެ ޕާލަމަންޓްގެ މި ބިލް ތަންފީޒުކޮށްފި ނަމަ އިސްރާއީލުން ހިފައިފައިވާ ފަލަސްތީނުގެ ބިންތައްކަމަށްވާ ޣައްޒާ އާއި ހުޅަނގު އައްސޭރީގެ މީހުންނަށް އިންސާނީ އެހީއެއް ނުލިބޭނެއެވެ.

އިސްރާއީލުގެ ޕާލަމަންޓްގެ މި ނިންމުމަށް ފާޑުކިއި ގައުމުތަކުގެ ތެރޭގައި ސްޕެއިން، އަޔަލެންޑް، ނޯވޭ، ސްލޮވީނިއާ އަދި އިނގިރޭސި ވިލާތް ހިމެނެއެވެ.

ފަލަސްތީނު ރެފިއުޖީންނާ ބެހޭ އެޖެންސީ އދ.ގެ އާއްމު މަޖިލީހުން ގާއިމުކުރީ 1949 ގައެވެ. އެއީ އިސްރާއީލުގެ ދައުލަތް ގާއިމުކުރުމުން ގެދޮރު ނެތިގެން ދިޔަ ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ދިނުމަށެވެ. އެ ގޮތުން ޣައްޒާ އާއި ހުޅަނގު އައްސޭރީގެ އިތުރުން ލުބްނާނާއި އުރުދުން އަދި ސޫރިޔާގައި ދިރިއުޅޭ ފަލަސްތީނު ރެފިއުޖީންނަށް މި އެޖެންސީން އިންސާނީ އެހީދެއެވެ. އޭގެ ތެރޭގައި ސިއްހީ ފަރުވާ އާއި ބޯހިޔާވަހިކަމާއި ކާބޯތަކެއްޗާއި ތައުލީމު ހިމެނެއެވެ. އަދި މި އެޖެންސީއަކީ ފަލަސްތީނުގެ ރެފިއުޖީންނަށް ވަޒީފާ އަދާކުރުމަށް ވެސް ހުޅުވިފައިވާ ފުރުސަތެކެވެ. އެ ގޮތުން މި އެޖެންސީގައި 30،000 އަށްވުރެ ގިނަ ފަލަސްތީނު ރެފިއުޖީން މަސައްކަތްކުރެއެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި މި އެޖެންސީގެ އަތެއް ވާކަމަށް އިސްރާއީލުން ތުހުމަތުކުރެއެވެ. އެ ގޮތުން ހަމާސް އާއި ފަލަސްތީނުގައި ޖިހާދުކުރާ ގްރޫޕްތަކުގައި މި އެޖެންސީގެ މުވައްޒަފުން އުޅޭކަމަށް އިސްރާއީލުން ތުހުމަތުކުރެއެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ އެކްޝަން އެއިޑުން ބުނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދިނުމުގައި އދ.ގެ މި އެޖެންސީއާ އެއްވަރަށް އެހެން އެއްވެސް ބަޔަކަށް މަސައްކަތްނުކުރެވޭނެކަމަށެވެ.

"އިސްރާއީލު ސަރުކާރުން އދ.ގެ މި އެޖެންސީ މަނާކޮށްފި ނަމަ ޣައްޒާއަށް ދޭ އިންސާނީ އެހީގެ މައިބަދަ ބިންދައިގެންދާނެ،" އެކްޝަން އެއިޑުން ބުންޏެވެ.

ރެފިއުޖީ އެޖެންސީގެ ޑިރެކްޓަރު ވިލިއަމް ޑިއާ ބުނީ އެ އެޖެންސީ މަނާކޮށްފި ނަމަ އޭގެ ބަދަލުގައި ކުރެވޭނީ ކޮންކަމެއްކަން ނޭނގޭކަމަށެވެ.

އިނގިރޭސި ބޮޑު ވަޒީރު ކެއާ ސްޓާމާ ވިދާޅުވީ އިސްރާއީލުގެ ޕާލަމަންޓްގެ ނިންމުމާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށާއި ޣައްޒާގެ އިންސާނީ ހާލަތް މިހާރު އޮތް ގޮތް ބަލައިނުގަނެވޭކަމަށެވެ.

"އިސްރާއީލުން ހިސޯރުކޮށްފައިވާ ޣައްޒާގައި ދިރިއުޅޭ އާއްމުންނަށް އެކަށީގެންވާ އެހީ ލިބޭނެކަން އިސްރާއީލުން ކަށަވަރުކުރަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *