ސޫޓުކޭހަކަށްލުމުން ލޯބިވެރިޔާ މަރުވުމުގެ މައްސަލައިގައި އެމެރިކާ އަންހެނަކު ކުށްވެރިވާކަމަށް ކޯޓުން ނިންމައިފިއެވެ.
ފްލޮރިޑާ ސްޓޭޓްގެ އުމުރުން 47 އަހަރުގެ ސާރާ ބޫންގެ މައްޗަށް ސާބިތުވީ "ސެކަންޑް ޑިގްރީ މާޑާ"ގެ ކުށެވެ. މާނައަކީ ގަސްދުގައި ނޫން ގޮތަކަށް މީހަކު މަރައިލުމުގެ ދައުވާއެވެ.
ކޯޓުން ހުކުރު ދުވަހު ހާމަކުރި ލިޔެކިޔުންތަކުގައި ބުނީ ސާރާ އާއި އޭނާގެ ލޯބިވެރިޔާ ހޯހޭ ޓޮރެސް ޖޫނިއާ 2020 ގައި މަސްތުގެ ހާލަތުގައި ފީކޯތް ކުޅެމުން ހޯހޭ ސޫޓުކޭހަކަށް އެރުން ދެ މީހުންނަށް ކަމުދިޔަ ކަމަކަށްވިކަމަށެވެ.
"އުމުރުން 42 އަހަރުގެ ހޯހޭގެ ދެ އިނގިލި ސޫޓުކޭހުގެ ބޭރަށް ފެންނަން އޮތުމުން ސާރާއަށް ހީކުރެވުނީ ހޯހޭއަށް އަމިއްލައަށް ސޫޓުކޭހުން ނުކުމެވޭނެކަމަށް،" ކޯޓުގެ ލިޔެކިޔުންތަކުގައި ބުންޏެވެ.
ސާރާ ދެން ދިޔައީ ނިދާށެވެ. އަދި ހޭލުމަށް ފަހު ސޫޓުކޭސް ޗެކްކޮށްލިއިރު ފެނުނީ ހޯހޭ އޭގެ ތެރޭގައި އަދިވެސް އޮއްވައެވެ. ނޭވާ ވެސް ނުލައެވެ.
"ސާރާގެ ފޯނުގެ ވީޑިއޯތަކުން ފެންނަނީ ހޯހޭ ހާސްވެގެން ސޫޓުކޭހުން ނެރެދިނުމަށް ހޯހޭ އާދޭސްކުރަމުން ދިޔަ އަޑު. ސާރާ ހީހީފައި ހޯހޭ ސޫޓުކޭހުން ނުނެރޭނެކަމަށް ބުނި އަޑުއިވޭ،" ދައުލަތުގެ ގާނޫނީ ވަކީލު އެންޑްރޫ ބެއިންގެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ވީޑިއޯތައް ރެކޯޑްކުރީ ސާރާކަމަށެވެ. ނޭވާ ހާސްވާކަމަށް ހޯހޭ ބުނެ، ސޫޓުކޭހުން އޭނާ ނެރެދިނުމަށް ސާރާގެ ގާތުގައި އެދެމުން ދިޔަ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
"ސާރާ ދިޔައީ ހޯހޭ ރުޅިއަރުވާލާ ޒާތުގެ އެއްޗެހި ބުނަމުން. ސާރާ ބުނި ހޯހޭ އޭނާއަށް ބޭވަފާތެރިވުމުން ސާރާއަށް ކުރެވޭ ކަހަލަ އިހުސާސޭ ހޯހޭއަށް މިހާރު ތިޔަކުރެވެނީ،" އެންޑްރޫގެ އޮފީހުން ބުންޏެވެ.
"އަސްލު ވެސް ސީރިއަސްކޮށް މި ބުނަނީ އަހަރެންނަށް ނޭވާ ނުލެވެއޭ،" ހޯހޭ ބުނިކަމަށްވެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ހޯހޭ ސޫޓުކޭހުން ނިކުމެވޭތޯ އެތެރެއިން ކޮއްޕަމުންއައެވެ.
ސާރާގެ 10 ދުވަހަށް ދިގުދެމިގެންދިޔަ ޝަރީއަތުގައި އޭނާގެ ވަކީލު ޖޭމްސް އޮވަންސް ބުނީ ސާރާއަށްވަނީ "ބެޓަޑް ސްޕައުސް ސިންޑްރޯމް"ގެ އަސަރުކޮށްފައިކަމަށެވެ. މިއީ ޖިސްމާނީ، ޖަޒުބާތީ އަދި ޖިންސީ އަނިޔާ ދިގުމުއްދަތަކަށް ލިބޭ މީހުންނަށް ނަފުސާނީ ގޮތުންކުރާ އަސަރެކެވެ.
"ސާރާ ހީކުރީ ހޯހޭއަށް އަމިއްލައަށް ސޫޓުކޭހުން ނުކުމެވޭނެކަމަށް،" ޝަރީއަތް ރިޕޯޓްކުރި ސީ.އެން.އެން.އާ ގުޅިފައިވާ ޑަބްލިޔު.އެފް.ޓީ.ވީ.އިން ބުންޏެވެ.
"އަމިއްލަ ދިފާއުގައި ސާރާ ފަސް ގަޑިއިރެއްހާއިރު ވާހަކަދެއްކި،" އެ ޓީ.ވީ.އިން ރިޕޯޓްކުރިއެވެ.
ކޯޓުގެ ނިންމުމާމެދު ހިތާމަކުރާކަމަށް ޖޭމްސް ބުންޏެވެ. ހޯހޭގެ އާއިލާ ޖަޒުބާތުގައި ޖެހި، މީޑިއާއާ ވާހަކަދެއްކުމަށް ދެކޮޅުހެދިއެވެ.
"ކޯޓުގެ ނިންމުމާ ގުޅިގެން ސާރާއަށް ވަނީ ސިހުމެއް ލިބިފައި. އޭނާ ހީކުރީ އޭނާއަށް ރަނގަޅު ދިފާއުއެއް ލިބޭނެކަމަށް،" ޖޭމްސް ބުންޏެވެ.
ސާރާއަށް ހުކުމްކުރުން އޮތީ އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.



advertisment