Support Us

އެމެރިކާގެ މިޗިގަން ސްޓޭޓްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ މުސްލިމުންނާ ބައްދަލުކުރައްވަނީ

މުސްލިމުންގެ ވޯޓު ލިބޭތޯ ޓްރަމްޕް ކެމްޕޭންކުރައްވަނީ

އެމެރިކާގެ ރިޔާސީ އިންތިހާބު އަންނަން ނުވަ ދުވަހަށްވެފައިވަނިކޮށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމުންގެ ވޯޓު ހޯއްދަވަން މަސައްކަތްކުރައްވަން ފައްޓަވައިފިއެވެ.

އަންނަ މަހު ފަހެއްގައި ބާއްވާ އިންތިހާބު ކާމިޔާބުކުރައްވައި ދެވަނަ ފަހަރަށް ރައީސްކަމަށް ވަޑައިގަންނަވަން މަސައްކަތްކުރައްވާ ޓްރަމްޕް ވަނީ މިޗިގަން ސްޓޭޓަށް އިއްޔެ ވަޑައިގެންފައެވެ. އެ ސްޓޭޓްގައި އޭނާ ވަނީ އަރަބި ނަސްލުގެ މުސްލިމް ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

ޓްރަމްޕް ވައުދުވެވަޑައިގަތީ މިޗިގަންގެ ވެހިކަލް އުފައްދާ ސިނާއަތަށް އާރޯކަން އަލުން ގެންނަވާނެކަމަށެވެ.

ހިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި ރިޕަބްލިކަން ޕާޓީގެ ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓްކަމަށްވާ، އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއާ މަގުބޫލުކަމުގެ ގޮތުން މާބޮޑު ތަފާތެއް ނޫޅެއެވެ.

މިޗިގަންގެ ވޯޓު ޓްރަމްޕަށް 2016 ގައި ކާމިޔާބުކުރެއްވުނީ އެ ފަހަރުގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލެރީ ކްލިންޓަންއާ 0.23 ޕަސެންޓްގެ ތަފާތަކުންނެވެ.

މިޗިގަންގައި ޓްރަމްޕް ވާހަކަދެއްކެވި މައުލޫތަކުގެ ތެރޭގައި ހިޖުރަކުރުމާއި ހަކަތަ އާއި އިގުތިސާދު ވެސް ހިމެނެއެވެ.

ޓްރަމްޕް ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން ވަޑައިގެންނެވިއިރު ޑިއާބޯން ހައިޓްސްގެ މުސްލިމް މޭޔަރު ބިލް ބައްޒި އޭނާގެ އަރިހުގައި ހުންނެވިއެވެ.

"އަހަރެމެން ޓްރަމްޕަށް ތާއީދުކުރަނީ މެދުއިރުމައްޗާއި ޔޫކްރެއިން ހަނގުރާމައަށް ހުއްޓުމެއް ގެންނަވާނެކަމަށް ޓްރަމްޕް ވައުދުވެވަޑައިގެންފައިވާތީ. ދުނިޔޭގެ ހުރިހާ ދިމާއެއްގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ނިމުމަކަށް ގެންނަންޖެހޭ. ޓްރަމްޕަކީ އެކަން ކުރެވޭނެ ބޭފުޅާ،" ބައްޒި ބުންޏެވެ.

"އިންތިހާބުގެ ނަތީޖާ އަރަބި ނަސްލުގެ ރައްޔިތުންނަށް ބަދަލުކޮށްލެވޭނެކަމަށް އަހަރެން ގަބޫލުކުރަން،" ޓްރަމްޕް ވިދާޅުވިއެވެ.

މިޗިގަންގެ އާދަޔާ ހިލާފުކަމަކީ އެ ސްޓޭޓްގައި ހިމެނޭ "އަންކޮމިޓެޑް" ހަރަކާތެވެ. މި ހަރަކާތުގެ ބައިވެރިންނަކީ ޓްރަމްޕަށް ތާއީދުކުރާ ބައެއް ނޫނެވެ. ހަމައެއާކު ކަމަލާއަށް ތާއީދުކުރަން ވެސް އެ މީހުން ދެކޮޅު ހަދައެވެ. ސަބަބަކީ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވައިލުމަށް ކަމަލާ ނުކުޅެދިފައިވާތީއެވެ. އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓައިނުލުމުން ވެސް މި ހަރަކާތުގެ މީހުން ވަނީ ކަމަލާއާމެދު ނުރުހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *