އާއްމު ހާލަތު ދަށްވުމުގެ އިތުރުން ކެނޑިނޭޅި އިސްރާއީލުން ހަމަލާތައް ކުރިއަށްގެންދާތީ އުތުރު ޣައްޒާގެ އެންމެން ތިބީ މަރުވުމުގެ ތުންފަތްމަތީގައިކަމަށް އދ.އިން ބުނެފިއެވެ.
"ހޮސްޕިޓަލްތައް ސުންނާފަތިކޮށްލައިފި. ސިއްހީ އެހީތެރިން ހައްޔަރުކޮށްފި. ހިޔާވަހިތައް ހުސްކޮށްފައި އަންދާލައިފި،" އދ.ގެ ކުއްލި އެހީއާއި އިންސާނީ އެހީއާ ބެހޭ އިދާރާގެ ވަގުތީ އަމީން އާއްމުގެ ނައިބު ޖޮއިސް މުސޫޔާ ބުންޏެވެ.
އޭނާ ބުނީ ސިއްހީ ފަރުވާ އާއި އާއްމު ފަރުދުންގެ ރައްކާތެރިކަމަށް އިސްރާއީލުން އަޅަމުންދާ ހުރަސްތަކުގެ އިތުރުން ފުރަތަމަ އެހީ ދޭ ފަރާތްތަކުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ވެސް އިސްރާއީލުން ހުރަސްއަޅައިފައިވާ ކަމަށެވެ.
"އުތުރު ޣައްޒާ މިހާރު ވަނީ ސީރިއަސް ހާލަތަކަށް ވެއްޓިފައި،" ޖޮއިސް ބުންޏެވެ.
އިސްރާއީލުން އެންމެ ފަހުން ހަމަލާ ދިން އެއް ތަނަކީ އުތުރު ޣައްޒާގެ އާބާދީގެ ތިންބައިކުޅަދެބައި މީހުން ސިއްހީ ފަރުވާ ހޯދާ ކަމާލް އަދްވާން ހޮސްޕިޓަލެވެ. އެ ތަނުން އިސްރާއީލު ސިފައިން ނިކުމެގެން ދިޔައީ ހޮސްޕިޓަލާއި ވަށައިގެންވާ ހިސާބުތައް ވެސް ސުންނާފަތިކޮށްލައިފައެވެ.
ކަމާލް އަދްވާން ހޮސްޕިޓަލުގެ ގިނަ ސިއްހީ އެހީތެރިން ވަނީ ހައްޔަރުކޮށްފައެވެ. އަދި އައި.ސީ.ޔޫ އާއި ބޭސް ގުދަނަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ދީފައެވެ.



advertisment