Support Us

ބަންގްލަދޭޝްގައި މުޒާހަރާކުރާ މީހުން ރިޔާސީ ގަނޑުވަރަށް ވަދެގަންނަން އުޅެފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާގެ ވެރިކަމުގައި އިންތިހާބަކާނުލައި ރައީސްކަމަށް ޕާލަމަންޓުން ހޮވި މުހައްމަދު ޝަހާބުއްދީންގެ އިސްތިއުފާއަށް ގޮވައިލި އެތައް ސަތޭކަ ބަޔަކު ރިޔާސީ ގަނޑުވަރަށް ވަދެގަތުމަށް މަސައްކަތްކޮށްފިއެވެ.

އަންގާރަ ދުވަހުން ފެށިގެން ރެއާ ހަމައަށް ވެސް އެ މީހުން ވަނީ ގަނޑުވަރަށް ވަންނަން އުޅެފައެވެ. ނަމަވެސް އަސްކަރިއްޔާއިން ވަނީ ބެރިކޭޑް ބަހައްޓައިފައެވެ.

މި ކުރިމަތިލުންތަކުގައި އެތައް ފުލުހުންނާއި ނޫސްވެރިން ޒަހަމްވިއެވެ. އެ ގޮތުން މަދުވެގެން 14 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހުނެވެ.

މުޒާހަރާތައް ފެށީ ހަސީނާ އިސްތިއުފާ ދެއްވި ސިޓީ ފެނިވަޑައިނުގަންނަވާ ކަމަށް ބަންގްލަދޭޝްގެ ނޫހަކަށް ޝަހާބުއްދީން އިންޓަވިޔުއެއް ދެއްވުމުންނެވެ.

"އިސްތިއުފާ ސިޓީގެ ވާހަކަ އަޑުއެހިން އެކަމަކު އެ ސިޓީ އަހަރެން ނުދެކެން. އެ ސިޓީ ހޯދަން އެތައް ފަހަރަކު މަސައްކަތްކުރިން. ފަހަރުގައި ވެދާނެ ހަސީނާއަށް ވަގުތު ނުވީކަމަށް،" ޝަހާބުއްދީން ވިދާޅުވެފައިވެއެވެ.

އޭނާ މިހެން ވިދާޅުވުމުން މުހައްމަދު ޔޫނުސްގެ އިންތިގާލީ ސަރުކާރުގައި ހިމެނޭ ފަރާތްތަކާއި ދަރިވަރުން ވަނީ ކެކިއަރައިފައެވެ. އަދި އަލުން މުޒާހަރާއަށް ނުކުމެ އެ ފަރާތްތަކުން ބުނީ ހަސީނާގެ ސިޓީ ލިބިވަޑައިގަތްކަމަށް އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ޝަހާބުއްދީން ވިދާޅުވި ވިދާޅުވުމާ މި އިންޓަވިޔު ފުށުއަރައިކަމަށެވެ.

ބަންގްލަދޭޝްގެ ގާނޫނު އަސާސީގައިވާ ގޮތުން އިންތިހާބުކޮށްފައިވާ ބޮޑު ވަޒީރު އިސްތިއުފާ ދެއްވާ ނަމަ އެ ކަމުގެ ސިޓީ ރައީސަށް އަރުވަންޖެހެއެވެ.

ޝަހާބުއްދީން ރައީސްކަމަށް ހޮވީ ގާނޫނު ހަދާ މަޖިލީހުންނެވެ. އެއީ މިދިޔަ ޖަނަވަރީ މަހު ބޮޑު ވަޒީރުކަމަށް ހަތަރުވަނަ ދައުރަކަށް ހަސީނާ އިންތިހާބުވެވަޑައިގަތްތަނާއެވެ.

ފުލުސް ކޮމިޝަނަރުގެ ނައިބު ތޯލިބުއްރަހްމާން ބުނީ މި ދެ ދުވަހުގެ ތެރޭގައި މަދުވެގެން 25 ފުލުހުންނާއި 30 އާއްމުން ޒަހަމްވެފައިވާކަމަށެވެ.

"މަސްރަހު މިހާރު ހަމައަކަށްއެޅިއްޖެ އަދި ސަލާމަތީ ގޮތުން ވެސް ފިޔަވަޅުތައް އަޅައިފައިވަނީ،" އޭނާ ބުންޏެވެ.

އިންތިގާލީ ސަރުކާރުން ވަނީ ހަސީނާގެ އަވާމީ ލީގް ޕާޓީގެ ދަރިވަރުންގެ ގޮފި ކަމަށްވާ ބަންގްލަދޭޝް ޗަތުރާ ލީގްއަކީ "ޓެރަރިސްޓް ޖަމާއަތެއް"ކަމަށް ކަނޑައަޅައިފައެވެ.

މި ޖަމާއަތް ނައްތައިލުމަކީ ހަސީނާއާ ދެކޮޅަށް މުޒާހަރާކުރި މީހުން ހުށަހެޅި ފަސް އެދުމެއްގެ ތެރެއިން އެއް އެދުމެވެ. މިހާރު އޮތް ގާނޫނު އަސާސީ ނައްތައިލުމާއި ޝަހާބުއްދީން މަގާމުން ދުރުކުރުމަކީ ވެސް މީގެ ތެރޭގައިވާ އެދުންތަކެވެ.

ދާހިލީ ވުޒާރާއިން ބުނީ މި ޖަމާއަތުގެ ތާރީހަށް ބަލާއިރު ސީރިއަސް ކުށްތަކެއްކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި އަނިޔާކުރުމާއި ޖެއްސުންކުރުމާއި ދައުލަތުގެ މާލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވެއެވެ. ޓެރަރިޒަމް ނައްތައިލައި ގާނޫނުގެ ދަށުން މި ޖަމާއަތް އިއްޔެއިން ފެށިގެން މަނާކޮށްފައިވާނެކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ޖަމާއަތުން ވަނީ ހަސީނާއާ ދެކޮޅަށް މުޒާހަރާކުރި ދަރިވަރުންނާއި އާއްމުންނަށް ހަތިޔާރުން ހަމަލާ ދީ މައުސޫމް އެތައް މީހުން މަރައިލައިފައިކަމަށް ވެސް ވުޒާރާއިން ތުހުމަތުކުރިއެވެ.

އަލަށް މި ފެށި މުޒާހަރާތަކަކީ ހަސީނާއާ ދެކޮޅަށް ކުރި މުޒާހަރާތަކުން ފިޔަފެޅި މުޒާހަރާތަކެއްކަމަށް ބެލެވެއެވެ. ހަސީނާ ވަނީ 15 އަހަރުގެ ވެރިކަން ދޫކުރައްވައި އޮގަސްޓް ފަހެއްގައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ.

ހަސީނާއާ ދެކޮޅަށް މުޒާހަރާތައް ފުރަތަމަ ފެށީ ސަރުކާރުގެ ވަޒީފާގެ ފުރުސަތުތައް އޭނާގެ ޕާޓީ މެންބަރުންނަށް ބައްސަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށްފައެވެ. އެ މުޒާހަރާތައް ފުޅާވަމުން ގޮސް، ޕާކިސްތާނު އަތުން 1971 ގައި ބަންގްލަދޭޝް މިނިވަންވި ހަނގުރާމައަށް ފަހު އެންމެ ބޮޑަށް ލޭ އޮހޮރުވައިލި ހަމަނުޖެހުންތަކަށް އެ މުޒާހަރާތައްވިއެވެ. ދަރިވަރުން ވެގެން ފެށި އެ މުޒާހަރާތަކުގައި 700 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *