ހިޒްބުﷲގެ އަމީން އާއްމު ހަސަން ނަސްރުﷲ އިސްރާއީލުން އަވަހާރަކޮށްލުމާ ގުޅިގެން އެ މަގާމާ ހަވާލުވާން ތައްޔާރުވި ހާޝިމް ސަފީއްދީން ވެސް އިސްރާއީލުން އަވަހާރަކޮށްލައިފައިވާކަން ހިޒްބުﷲއިން މިއަދު ކަށަވަރުކޮށްދީފިއެވެ.
"ސަފީއްދީން އަވަހާރަކޮށްލީ އިސްރާއީލު އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި،" ހިޒްބުﷲއިން ރޮއިޓާސްއަށް ބުންޏެވެ.
ނަސްރުﷲ ޝަހީދުކޮށްލުމާ ގުޅިގެން ހިޒްބުﷲ ހިންގުމަށް ނަސްރުﷲގެ ނައިބު ނައީމް ގާސިމްއާއެކު ސަފީއްދީން މަސައްކަތްކުރަމުންއައެވެ. އަދި އެ ގޮތުން ބެލެވުނީ ހިޒްބުﷲގެ އަމީން އާއްމުކަމަށް އޭނާ އައްޔަންކޮށް، އެ ކަން ރަސްމީ ގޮތުން އިއުލާންކުރާނެކަމަށެވެ.
ނަސްރުﷲގެ ތިމާގެ މީހެއްކަމަށްވާ ސަފީއްދީނަކީ ހިޒްބުﷲގެ ޖިހާދާ ބެހޭ ކައުންސިލްގެ މެންބަރެކެވެ. މި ކައުންސިލަކީ ހިޒްބުﷲގެ އަސްކަރީ ހަރަކާތްތައް ބަލަހައްޓާ އިދާރާއެވެ. މީގެ އިތުރުން ހިޒްބުﷲގެ މާލީ އަދި އިދާރީ ކަންތައްތައް ބަލަހައްޓާ އެގްޒެކެޓިވް ކައުންސިލްގެ ވެރިޔަކީ ވެސް ސަފީއްދީނެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ނަސްރުﷲއަށް ނުދެވޭ ތަންތަނަށް ސަފީއްދީން ދިޔައެވެ. އޭގެ ތެރޭގައި ޝަހީދުވާ މީހުންގެ ޖަނާޒާތައް ހިމެނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާދިންތާ އެއް ދުވަސް ފަހުން ހިޒްބުﷲއިން އިސްރާއީލާ ދެކޮޅަށް ފެށި ހަނގުރައިމައިގައި ލުބްނާންގައި 2،000 އަށްވުރެ ގިނަ މީހުން ޝަހީދުވިއިރު އޭގެ ތެރޭގައި ހިޒްބުﷲގެ އިސްވެރިންނާއި ހަނގުރާމަވެރިން ހިމެނެއެވެ.
އިސްރާއީލުން މިހާރު ވެސް ދަނީ ލުބްނާންގައި ހުރި ހިޒްބުﷲގެ ބާރު ހިނގާ ސަރަހައްދުތަކަށް ކެނޑިނޭޅި ހަމަލާދެމުންނެވެ.



advertisment