Support Us

ޑްރަގާއެކު ޕިއްޒާ ވިއްކި ބަޔަކު ހައްޔަރުކޮށްފި

ޑްރަގްގެ ބާވަތެއް ކަމަށްވާ ކޮކޭން، ސައިޑް ޑިޝްއެއްގެ ގޮތުގައި ޕިއްޒާއާއެކު ވިއްކި ޖަރުމަނީގެ ރެސްޓޯރަންޓެއްގެ މުވައްޒަފުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މެނޫގައި މި ޕިއްޒާ ފާހަގަކޮށްފައިވަނީ 40 ވަނަ އައިޓަމްގެ ގޮތުގައި ކަމަށެވެ.

"މި ޕިއްޒާ ވިއްކި އަގު އަދި ސާފެއް ނުވޭ. މި ނަންބަރުގައި ފާހަގަކޮށްފައިވާ ޕިއްޒާއަށް އޯޑަރު ދިނުމުން ކޮކޭން، ސައިޑް ޑިޝްއެއްގެ ގޮތުގައި މި ޕިއްޒާއާއެކު ކަސްޓަމަރަށް ފޯރުކޮށްދޭ. މިއީ މި ރެސްޓޯރަންޓްގެ އެންމެ ހިނގާ އެއް ޕިއްޒާ ވެސްމެ،" ފުލުސް އޮފިސަރު މައިކަލް ގްރާފް ވޮން މޮލްޓްކެ ބުންޏެވެ.

އޭނާ ބުނީ މި ރެސްޓޯރަންޓުން މި ކަން ކުރާކަން ފަޅާއެރީ ކާބޯތަކެތި އިންސްޕެކްޓްކުރާ އޮފިޝަލުން މި ކަން ރިޕޯޓްކުރުމުން ކަމަށެވެ.

ރެސްޓޯރަންޓްގެ މެނޭޖަރުގެ އެޕާޓްމެންޓަށް ރެއިޑް ޖެހުމުން އޭނާ ވަނީ ކުޑަދޮރުން ބޭރަށް މަސްތުވާތަކެތި އަޅައިފައި ހުރި ދަބަހެއް އެއްލައިލައިފައެވެ.

"މި ދަބަސް ވެއްޓުނީ ތިރީގައި ތިބި ފުލުހުންގެ ކުރިމައްޗަށް،" މޮލްޓްކެ ބުންޏެވެ.

ދަބަހުގައި ވަނީ 1.6 ކިލޯގްރާމްގެ ކޮކޭނާއި 40 ގްރާމްގެ ކެނެބިސް އާއި 268،000 ޔޫރޯ (4.4 މިލިއަން ރުފިޔާ)ގެ ނަގުދު ފައިސާއެވެ.

މި ކަމާ ގުޅިގެން އުމުރުން 36 އަހަރުގެ މެނޭޖަރު ވަނީ ދުވަސްކޮޅަކަށް ހައްޔަރުކޮށްފައެވެ.

"ނަމަވެސް ހަމަ ދޫކޮށްލުމާއެކު އޭނާ އަލުން ކޮކޭންއާއެކު ވިއްކާ ޕިއްޒާ ވިއްކަން ފެށި،" މޮލްޓްކެ ބުންޏެވެ.

ފުލުހުން ދެން ފެށީ މި ޑްރަގް ވިޔަފާރީގެ ވިއުގައިގައި ހިމެނެނީ ކޮން ބައެއްތޯ ބަލަން މި މައްސަލަ އިތުރަށް ތަހުގީގުކުރާށެވެ. އެ ގޮތުން 150 ފުލުސް އޮފިސަރުން ކުރި ތަހުގީގައި ތިން މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި މި ވިއުގައިގެ ބޮޑަކަށް ހުރި ކަމަށް ޝައްކުކުރެވޭ އުމުރުން 22 އަހަރުގެ މީހާ ވެސް ހިމެނެއެވެ.

"މީގެ އިތުރުން ޝައްކު ކުރެވޭ އިތުރު 12 މީހެއްގެ ގެތަކާއި ވިޔަފާރިތަކަށް ވެސް ރެއިޑްޖެހިން،" މޮލްޓްކެ ބުންޏެވެ.

އޭނާ ބުނީ މި ރެއިޑްތަކުގައި އެ ރެސްޓޯރަންޓް ކައިރީގައި ހުރި ކެނެބިސް ހައްދާ ދެ ދަނޑު ވެސް ފެނިފައިވާކަމަށެވެ.

"އެއް ދަނޑުގައި 300 ގަސް އަދި އަނެއް ދަނޑުގައި 60 ގަސް ހުރި،" މޮލްޓްކެ ބުންޏެވެ.

މިއާ ވިދިގެން މެނޭޖަރު އަލުން ހައްޔަރުކުރިއެވެ. ޖަރުމަނީން ފިލައިގެން ދާން އުޅުމަށް މަސައްކަތްކުރުމުންނެވެ. އޭނާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *