އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް އޮސްޓްރޭލިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭނާގެ ހަށިކޮޅަށް އެލްޕަކާ ބާވަތުގެ ޖަނަވާރެއް ކިނބިއްސެއް އަޅައިފިއެވެ.
އުމުރުން 75 އަހަރުގެ ޗާލްސް މީހުންތަކަކާ ސަލާމްކުރައްވަމުން ވަޑައިގެންނެވިއިރު އެ މީހުންގެ ތެރޭގައި ކޯޓު ފަޓުލޫނު ލައްވައިފައި ބޮލުގައި ރަން ކުލައިގެ ތާޖެއް އަޅުވައިފައި ހުރި އެލްޕަކާއެއް ހުއްޓެވެ. އެ ސޮރާ ކައިރިވެލައިފައި އެ ސޮރުގެ ނޭފަތް މަތީގައި ޗާލްސް ފިރުމައިލެއްވިއެވެ. އަދި އެ ވަގުތު އެ ސޮރު ކިނބިއްސެއް އެޅިއެވެ. އެ ކިނބިހީގެ ތިކިތައް ޗާލްސްގެ ހަށިފާރަވެރިޔާގެ ގަޔަށް ވެސް ބުރިއެވެ.
އެ ވަގުތު އެ ތާނގައި ހުރި މީހަކު "މާތްކަލާނގެ ރަހްމަތްލައްވާށި"އޭ ވެސް ބުންޏެވެ.
މިއީ އެލްޕަކާއަކާ ޗާލްސް ބައްދަލުވެވަޑައިގަތް ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު އިނގިރޭސި ވިލާތުގައި އޮތް ދަނޑުވެރިކަމާ ބެހޭ މައުރަޒެއްގައި ވެސް ޗާލްސް ވަނީ އެލްޕަކާއަކަށް އިހުތިރާމްކުރައްވައިފައެވެ. ނަމަވެސް އެ އެލްޕަކާ ހުރީ އަންނައުނެއް ނުލައްވައެވެ.
އޮސްޓްރޭލިއާ ދަތުރުގައި ދިމާވި ކަންތައް ޗާލްސް ވަނީ މަޖަލަކަށް ހައްދަވައިފައެވެ. އެ ގޮތުން އޭނާގެ އުމުރުން 17 އަހަރުގައި 1960 ގެ އަހަރުތަކުގައި އޮސްޓްރޭލިއާގައި ކިޔަވަން އުޅުއްވިއިރު ވެސް އޮސްޓްރޭލިއާގެ ތަފާތު ހައިވާނުންނާ ދިމާވެފައިވާކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހަރުފަ، ލީޗު، ފައިދިގުމަކުނު އަދި ހިނި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިއާއަކީ އަދިވެސް ގާނޫނީ ގޮތުން އިނގިރޭސި ވިލާތުގެ ބައެކެވެ. އަދި އިނގިރޭސި ރަސްގެފާނު ނުވަތަ ރާނީއަކީ އޮސްޓްރޭލިއާގެ ވެރިޔާކަމަށް އޮސްޓްރޭލިއާގެ ގާނޫނުއަސާސީގައި ބުނެއެވެ. ބޮޑު ވަޒީރަކު ހުންނަ އޮސްޓްރޭލިއާ އިނގިރޭސީންގެ އަތްދަށުން މިނިވަންވުމަށް އޮސްޓްރޭލިއާގެ ބައެއް ރައްޔިތުން މިހާރު ބޭނުންވެއެވެ.
"އަހަރެން މި ގައުމަށް އައީ ފުރާވަރު އުމުރުގެ ކުއްޖެއްގެ ގޮތުގައި. އަދި އެނބުރި އިނގިރޭސި ވިލާތަށް ދިޔައީ ފުރާފުރިހަމަވެފައިވާ ބޮޑު މީހެއްގެ ގޮތުގައި. އެއީ އޮސްޓްރޭލިއާގެ އެކި ބާވަތުގެ ޖަނަވާރުންތަކާ މުއާމަލާތްކުރުމުން ވީ ގޮތެއް ކަމަށް ބެލެވޭ،" ޗާލްސް މަޖާވެލައްވައިފައި ވިދާޅުވިއެވެ.
ޗާލްސް އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހަށް މި ދަތުރުގައި ކުރެއްވި ޒިޔާރަތުގައި ޕާލަމަންޓްގައި ހިމެނޭ އޮސްޓްރޭލިއާގެ އަސްލުވަޒަންވެރިންގެ މެންބަރަކު ޗާލްސްއާ ދިމާއަށް "އަހަރެމެންގެ ބިން އަހަރެމެންނަށް އަނބުރާ ދޭށޭ" ބުންޏެވެ.



advertisment