އެތައް ރެއަކާއި ދުވާލު ކާންދޭތޯ ގެ "ހިސޯރުކޮށްގެން" 100 ވަރަކަށް ރެކޫން އުޅުމާ ގުޅިގެން އެމެރިކާގައި އަންހެނަކު ގެއިން ފިލަންޖެހިއްޖެއެވެ.
ވޮޝިންޓަން ސްޓޭޓްގައި ދިރިއުޅޭ އަންހެންމީހާ ފުލުހުން ގާތުގައި ބުނީ 35 ވަރަކަށް އަހަރު ކުރިން ރެކޫން އާއިލާއަކަށް ކާންދޭން ފެށިކަމަށެވެ.
"ނުރައްކާކަމެއްގެ ގޮތުގައި އެއިރު އެކަން ނުދެކެން. ނަމަވެސް ފަހުންފަހުން އައިސް ގޭގެ ދޮރާއި ކާރުގައި ވެސް ކޫރުއަޅުވަނީ،" އަންހެންމީހާ ބުންޏެވެ.
ފުލުހުންގެ އޮފިޝަލް ކެވިން މެކްކާޓީ ބުނީ ގޭދޮށަށް އެއްވި ބައެއް ރެކޫންތައް އުޅުނު ގޮތުން ހަމަލާދޭން އުޅޭކަމަށް ފެނުނުކަމަށެވެ.
"ރެކޫންތަކަށް އަންހެންމީހާ ފެންނަން ފެށީ ކާބޯތަކެތި ފޯރުކޮށްދޭ މަސްދަރެއްގެ ގޮތުގައި. ކާރުގައި ގެއަށް އައިސް ގޭގެ ދޮރާ ހަމައަށް ދިއުމަށް ވެސް އޭނާއަށް ހުރަސްއަޅައިފައިވޭ،" ކެވިން ބުންޏެވެ.
އޭނާ ބުނީ މިއީ އެ އަންހެންމީހާ "އަމިއްލައަށް ލިބިގަތް ތުރާލެއް" ކަމަށެވެ.
"މި މައްސަލަ ހައްލުކުރަން ޖެހޭނީ އޭނާ،" ކެވިން ބުންޏެވެ.
ވޮޝިންޓަން ސްޓޭޓްގައި ސާރިދޯޅު ފަދަ ބޮޑެތި ޖަނަވާރުންނަށް ކާންދިނުމަކީ މަނާކަމެކެވެ. ނަމަވެސް އެހެން ބައެއް ޖަނަވާރުންނަށް ކާންދިނުމަކީ ހުއްދަކަމެއްކަމަށް މަހާއި ޖަނަވާރާ ބެހޭ އިދާރާގެ ބްރިޖިޓް މަޔާ ބުންޏެވެ.
"ނަމަވެސް އަހަރެމެން ހިތްވަރެއް ނުދެން ޖަންގަލިން އަންނަ ޖަނަވާރުތަކަށް ކާންދޭކަށް. ސަބަބަކީ ކާބޯތަކެތި ބޭނުންވެގެން ސާރިދޯޅު ފަދަ ނުރައްކާތެރި ހައިވާނުން ވެސް އަންނަން ފަށާފާނެ،" ބްރިޖިޓް ބުންޏެވެ.
އޭނާ ބުނީ އަންހެންމީހާ ގެއިން ފިލައިގެން ދިއުމާ ގުޅިގެން ރެކޫންތަކަށް ކާން ނުލިބި ގިނައިރުވުމުން އެ ސޮރުމެން މިހާރު އެ ގޭ ދޮށުން ދުރަށް ދާން ފަށައިފައިވާކަމަށެވެ.
"މި މައްސަލައަށް ރަނގަޅު ހައްލެއް މިހާރު ލިބެމުން އަންނާތީ އެ ކަމާ އުފާކުރަން،" ބްރިޖިޓް ބުންޏެވެ.



advertisment