ހަމަނުޖެހުންތައް ހިންގަމުންދާ ދުނިޔޭގެ ސަރަހައްދުތަކުގައި ދުވާލަކު 7،000 އާ 21،000 އާ ދެމެދުގެ އަދަދަކަށް މީހުން ބަނޑުހައިހޫނުކަމުގައި މަރުވަމުންދާ ކަމަށް އޮކްސްފާމުން ބުނެފިއެވެ.
ކާބޯތަކެތި ފޯރުކޮށްދިނުމަށް 1942 ގައި އިނގިރޭސި ވިލާތުން އުފެއްދި މި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތުން ބުނީ ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން ކާބޯތަކެތި ހަތިޔާރަކަށް ހަދައިފައިވާ ކަމަށާއި އެހީ ދިނުމަށް ހުރަސްއަޅަމުންދާ ކަމަށެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި "ކާބޯތަކެތީގެ ހަނގުރާމަ"އިގެ ނަމުގައި ނެރުނު އާ ރިޕޯޓްގައި އެ ޖަމާއަތުން ވަނީ ހަމަނުޖެހުން ހިންގަމުންދާ 54 ގައުމެއްގެ ހާލަތަށް ބަލައިލައިފައެވެ.
"ގާތްގަނޑަކަށް 281 މިލިއަން މީހުން މިއަދު ވަނީ ބަނޑުހައިހޫނު ކަމަށް ހުށަހެޅިފައި،" އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އޮކްސްފާމުން ބުނީ ހަނގުރާމައިގެ ސަބަބުން ގެދޮރު ނެތިފައިވާ މީހުންގެ އަދަދު 117 މިލިއަނަށް އަރައިފައިވާކަމަށެވެ.
"ހަނގުރާމަވެރިން ދަނީ ކާބޯތަކެއްޗާއި ފެނާއި ހަކަތައިގެ އިންފްރާސްޓްރަކްޗަރުތަކަށް ހަމަލާދީ އަދި ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުން،" އޮކްސްފާމުން ބުންޏެވެ.
ދުނިޔޭގެ ތާރީހުގައި ރެކޯޑު ނުކުރެވޭ ވަރުގެ ބޮޑު ބަނޑުހައިހޫނުކަމެއް ސޫދާނަށް އައިސްފައިވާ ކަމަށް އިންސާނީ އެހީ ދޭ ތިން ޖަމާއަތަކުން މިދިޔަ މަހު ބުންޏެވެ. އަދި ޣައްޒާއަށް ކުރިމަތިވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ބަނޑުހައިހޫނުކަން ކަމަށް ވެސް ބުނެފައިވެއެވެ.
"ކާބޯތަކެތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުކަމެއް،" އޮކްސްފާމްގެ އެމިލީ ފާ ބުންޏެވެ.
އޭނާ ބުނީ ބަނޑުހައިހޫނުކަމަކީ ހަނގުރާމަ ހިންގާ ގައުމުތަކުގައި ގަސްދުގައި "އުފައްދައިގެން އުޅޭ މައްސަލައެއް" ކަމަށެވެ. އެ ގޮތުން ޣައްޒާގައި ބައި މިލިއަން މީހުން ބަނޑަށްޖެހިފައިވާއިރު 83 ޕަސެންޓް ކާބޯތަކެތި އެ މީހުންނަށް ނުފޯރާ ކަމަށް އެމިލީ ބުންޏެވެ.
"ސޫދާންގެ ހަތަރުބައިކުޅަތިންބައި މީހުންނަށް ކާބޯތަކެތި ނުފޯރުން ވެގެންދާނީ އެތައް ޖީލުތަކަކަށް އޭގެ ނުބައި އަސަރުކުރާނެ ކަމަކަށް،" އޭނާ ބުންޏެވެ.
މޫސުމާ ގުޅޭ މައްސަލަތައްކަމަށްވާ ހަނަފަސްކަމާއި ފެންބޮޑުވުމާއި ކޮވިޑުގެ ފުރަބަންދާއި ދުނިޔޭގައި ކާބޯތަކެތީގެ އަގު ބޮޑުވަމުންދިޔުމާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބަން އެފްރިކާގެ އިރުމައްޗާއި ދެކުނުގައިވާ ގައުމުތަކުގައި ބަނޑުހައިހޫނުކަމުގެ މައްސަލަތައް ފެންމަތިވެފައިވާކަމަށް އޮކްސްފާމުން ބުންޏެވެ.
"ބައިނަލްއަގުވާމީ މުޖުތަމައުން 2030 އަށް ކަނޑައަޅައިފައިވާ ދުނިޔެއިން ބަނޑުހައިހޫނުކަން ނައްތައިލުމުގެ ލަނޑުދަނޑި ހާސިލުކުރެވޭނެކަމަކަށް މިހާރު ނުބެލެވޭ. ބަނޑަށް ޖެއްސުމުގެ ކުށުގެ ޒިންމާ، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހަނގުރާމަވެރި ފަރާތްތަކުގެ ބޮލުގައި އދ.ގެ ސަލާމަތީ މަޖިލީހުން އަޅުވަން ގޮވައިލަން،" އޮކްސްފާމުން ބުންޏެވެ.
އެމިލީ ބުނީ ކާބޯތަކެތީގެ ދަތިކަމާއި ހަނގުރާމަތަކާ ގުޅިފައިވާ "ބޮޅު" ނައްތައިލައި، ހަނގުރާމަތައް ހިންގުމަށް ދިމާވާ ސަބަބުތަކަށް ފިޔަވަޅުއަޅަންޖެހޭކަމަށެވެ.
"އިސްތިއުމާރުކުރުމާއި އިންސާނީ ހައްގުތައް ނިގުޅައިގަތުމާއި ހަމަހަމަކަން ނެތް ފަދަ މައްސަލަތައް ފާހަގަކުރެވޭ. މި މައްސަލަތަކަކީ މަތިމަތިން ހައްލުކުރެވޭނެ މައްސަލަތަކެއް ނޫން،" އެމިލީ ބުންޏެވެ.



advertisment