މެދުއިރުމައްޗަށް ސުލްހަ ގެނެވޭނީ ޣައްޒާ އާއި ލުބްނާނަށް ދެމުންދާ ހަމަލާތައް އިސްރާއީލުން ހުއްޓައިލުމުން ކަމަށް ހިޒްބުﷲއިން ބުނެފިއެވެ.
"ހައްލަކީ ހަނގުރާމަ ހުއްޓައިލައި އިސްރާއީލު ސިފައިން އެނބުރި ގައުމަށް ދިއުން،" ހިޒްބުﷲގެ ވެރިޔާގެ ނައިބު ނައީމް ގާސިމް ބުންޏެވެ.
އޭނާ ބުނީ ހަނގުރާމަ ކުރިއަށްދާހާ ހިނދަކު އިސްރާއީލުގެ އުތުރު ސަރަހައްދުތަކުގައި އުޅޭ ދެ މިލިއަން ޔަހޫދީންނަށް އުޅެންޖެހޭނީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.
"އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތައް ބައްޔެއް ނުކުރެވޭނެ. ސަބަބަކީ އެ މީހުން އެ ތިބީ އެ މީހުންގެ އަމިއްލަ ބިމުގައި. އެ މީހުން ހަނގުރާމަކޮށް ޝަހީދުވާނީ ޝަރަފުގައި. ކާމިޔާބު ލިބޭނީ ކެތްތެރިކަމާއެކު،" ނައީމް ބުންޏެވެ.
އޭނާ ބުނީ ހިޒްބުﷲއިން އިސްރާއީލާ ދެކޮޅަށްކުރާ ހަނގުރާމަ ފަލަސްތީނުގެ މިނިވަންކަމަށްކުރާ ހަނގުރާމައާ ވަކި ނުކުރެވޭނެ ކަމަށެވެ.
"އިސްރާއީލާ ދެކޮޅަށް ހަމަލާދިނުމަކީ ގާނޫނީ ކުށެއް ކަމަށް އަހަރެމެން ނުދެކެން. އަމިއްލަ ވަޒަނަށްޓަކައި ހަނގުރާމަކުރަމުން އަންނަނީ ފަލަސްތީނު ރައްޔިތުން. އަހަރެމެން އެ މީހުންނަށް އެހީވެދޭނަން. އަހަރެމެން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ނުކުރާނަ ނަމަ އިސްރާއީލުން އެހެން ބިންތަކަށް އަރައިގަންނާނެ،" ނައީމް ބުންޏެވެ.
"އަނިޔާވެރި ކުށްތައް" މެދުއިރުމަތީގައި ކުރުމަށް އެމެރިކާއިން އިސްރާއީލަށް އެހީވެދޭކަމަށް އޭނާ ތުހުމަތުކުރިއެވެ.
"އެމެރިކާއަކީ އެންމެ ބޮޑު ޝައިތޯނާ. އެ ގައުމުން ބޭނުންވަނީ އާ މެދުއިރުމައްޗެއް. (އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން) ނަތަންޔާހޫ ވެސް ބޭނުންވަނީ އެ ގޮތް. އޭގެ މާނައަކީ ފަލަސްތީނު ނަސްލު ނައްތައިލަން އެމެރިކާ އާއި އިސްރާއީލުން މަސައްކަތްކުރަނީ ގަސްދުގައިކަން،" ނައީމް ބުންޏެވެ.
އޭނާ ބުނީ އިސްރާއީލަކީ މުޅި ސަރަހައްދަށް ހުރި "ދުޝްމިނެއް" ކަމަށް ހިޒްބުﷲއިން ދެކޭކަމަށެވެ.
"އިތުރު ބިންތައް ވެސް އަތުލަން އިސްރާއީލުން ބޭނުންވޭ. ފަލަސްތީނު އެކަނި ލިބުމަކުން އިސްރާއީލަކަށް ނުފުދޭ. އަރަބި އަދި މުސްލިމް ގައުމުތަކުގެ ހުރިހާ ބިމެއް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދަން އިސްރާއީލުން ބޭނުންވޭ،" ޓީވީން ދުރަށް ދެއްކި ތަގުރީރެއްގައި ނައީމް ބުންޏެވެ.
އޭނާ ބުނީ އިސްރާއީލުން ގެންގުޅެނީ "ގަތުލުއާއްމުގެ ސިޔާސަތެއް"ކަމަށެވެ.
"ދުނިޔޭގައި ހެއްދެވި ހުރިހާ ފާފައެއް ކުރުމުގެ ސިޔާސަތެއް އިސްރާއީލުން ގެންގުޅޭ،" ނައީމް ބުންޏެވެ.
އޭނާ ބުނީ އިސްރާއީލުން ތިން ކަމެއް ބޭނުންވާ ކަމަށެވެ. އެއީ "އަނިޔާވެރި ކުށްތައްކޮށްގެން މީހުން ބިރުގެންނެވުމާއި އެމެރިކާ ސަރުކާރުގެ ފުރިހަމަ ތާއީދު ހޯދުމާއި ވަގުތު ހޯދައިގެން އަމާޒުފަތްގަނޑުތަކަށް ވާސިލުވުމެ"ވެ.
"މިއަދު ހާސިލު ނުވި ކަމެއް މާދަމާ ހާސިލުވާނެކަމަށް އިސްރާއީލުން ހީކުރޭ،" ނައީމް ބުންޏެވެ.



advertisment