ޣައްޒާ އާއި ލުބްނާނަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކަށް އިހުތިޖާޖުކުރުމުގެ ގޮތުން ސްޕޭނާއި އަޔަލެންޑްގެ މިސާލާ އެއްގޮތަށް އިސްރާއީލާއެކު އޮތް މިނިވަން ވިޔަފާރީގެ މުއާހަދާ ބާތިލުކުރުމަށް ސްޕޭންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ގޮވައިލައްވައިފިއެވެ.
"އީ.ޔޫ – އިސްރާއީލް އެސޯސިއޭޝަން އެގްރީމަންޓް" މުއާހަދާގައިވާ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ މާއްދާއާ އިސްރާއީލުން ހިލާފުވަމުންދާކަމަށް ސްޕޭނާއި އަޔަލެންޑުން ބުނާތާ އެތައް މަހެއް ވަނީ ވެފައެވެ.
މުއާހަދާ ތަންފީޒުކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާއި ޔޫރަޕްގެ އިއްތިހާދު (އީ.ޔޫ)ގެ ޕާލަމަންޓާއި އިސްރާއީލުގެ ޕާލަމަންޓް "ކެނޭސެޓް"އިންނެވެ. އެ ގޮތުން 2000 ވަނަ އަހަރު މި މުއާހަދާ ތަންފީޒުކުރިއިރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް އިސްރާއީލުން ނިގުޅައިގަންނަމުންދާތާ އެތައް އަހަރެއްވެ، އެ ކަމުގެ ހެކިތައް ވެސް ވަނީ ލިބިފައެވެ.
ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 42،200 މީހުން ޝަހީދުވެ، 99،000 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.
"ޣައްޒާއަކީ މިހާރު ނިމުމެއް ނެތް 'ނަރަކަ’އެއް،" އދ.ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާގެ ވެރިޔާ ފިލީޕް ލާޒަރިނީ ބުންޏެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަނީ އަލް-އަގްސާ ހޮސްޕިޓަލަށާއި ރެފިއުޖީންނާ ބެހޭ އިދާރާއިން ހިންގާ މަދްރަސާއަކަށް ހަމަލާދީފައެވެ.
"ވިއްސަކަށް މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވޭ،" ފިލީޕް ބުންޏެވެ.
އޭނާ ބުނީ ފަލަސްތީނުގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމުގެ ޕްރޮގްރާމް މިއަދު ކުރިއަށް ނުގެންދެވުނު ކަމަށެވެ. ސަބަބަކީ އެ ޕްރޮގްރާމަށް ބޭނުންކުރަނީ މި ސްކޫލްކަމަށްވެފައި އިސްރާއީލުން ދިން ވައިގެ ހަމަލާގައި ވަރަށް ބޮޑަށް ސްކޫލް ހަލާކުވެފައިވާތީއެވެ.
"މި ހުރިހާ ކަމެއް މިއީ އާއްމު ހާލަތަކަށްވެގެން ނުވާނެ. އިންސާނިއްޔަތުކަމަށް ކާމިޔާބު ލިބެންޖެހޭނެ،" ފިލީޕް ބުންޏެވެ.
އަޔަލެންޑްގެ ހާރިޖީ ވަޒީރު މައިކަލް މާޓިން ބުނީ ލުބްނާންގައި ތިބި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް އިސްރާއީލުން ހަމަލާދެމުންދަނީ އދ.ގެ ބާރުކަނޑުވައިލުމަށް ކަމަށެވެ.
އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ހިޒްބުﷲއަށް ހިމާޔަތް ދޭ ކަމަށް ތުހުމަތުކޮށް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އިއްޔެ ނެރުނު ވީޑިއޯއަށް މައިކަލް ފާޑުކިޔެވެ.
"އިސްރާއީލުން ޖެހޭނީ ފަހަތަށް ފިޔަވަޅެއް އަޅަން. އަދި ޔޫރަޕްގެ ކައުންސިލުގެ ސިޔާސަތަކީ ކޮބައިކަން ކައުންސިލުން ހާމަކުރަން ޖެހޭނެ،" މައިކަލް ބުންޏެވެ.
"ނަތަންޔާހޫ ދިން ބަޔާނަކީ ވަރަށް، ވަރަށް ކަންބޮޑުވާ ބަޔާނެއް. ލުބްނާންގެ ބޯޑަރާއި ލުބްނާންގައިވާ އދ.ގެ މަރުކަޒުތަކާމެދު އިސްރާއީލުން ކަންތައް ކުރަމުންދާ ގޮތަކީ ވެސް ކަންބޮޑުވާ ކަމެއް،" މައިކަލް ބުންޏެވެ.



advertisment