އޮޅުމަކުން އިންޑިއާ މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކުރެވުނު ފައިސާތަކެއް އަނބުރާ ހަވާލު ނުކުރުމުން ސިންގަޕޫރުގައި އެ މީހާއަށް ނުވަ ހަފުތާގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
އުމުރުން 47 އަހަރުގެ މި މީހާގެ އެކައުންޓަށް ޖަމާވީ 25،000 ސިންގަޕޫރު ޑޮލަރެވެ. އެއީ 16 ލައްކަ އިންޑިއާ ރުޕީސް ނުވަތަ 19،000 އެމެރިކާ ޑޮލަރެވެ. ދިވެހި ފައިސާއިން ނަމަ 291،650ރ. އެވެ.
ޕެރިޔަސަމީ މަތިޔަޒްހަގަން އިއްޔެ ކޯޓުގައި އިއުތިރާފުވީ މިއީ އޭނާއަށް ލިބެން ޖެހޭ ފައިސާއެއް ނޫންކަން އެނގި ހުރެމެ އެ ފައިސާއިން އޭނާގެ ދަރަނިތައް އަދާކޮށް، އަދި އޭގެން ބައެއް އިންޑިއާގައި ދިރިއުޅޭ އޭނާގެ އާއިލާއަށް ފޮނުވި ކަމަށެވެ.
ޕެރިޔަސަމީ ވަނީ 2021 އިން 2022 އަށް ފެން ވަޔަރުކުރާ އިންޖިނިއަރިން ކުންފުންޏެއްގައި މަސައްކަތްކޮށްފައެވެ.
އޭނާއަށް ގާނޫނީ މައްސަލަތައް ކުރިމަތިވާން ފެށީ މިދިޔަ އަހަރު އެޕްރިލް މަހުގެ ހަ ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފަކު އެ ކުންފުނީގެ އެކައުންޓެއް ކަމަށް ހީކޮށް އޮޅިގެން ޕެރިޔަސަމީގެ އެކައުންޓަށް ފައިސާ ޖަމާކުރި ހިސާބުންނެވެ.
ކޯޓުގެ ލިޔެކިޔުންތަކުން ދެއްކީ އެ އަންހެން މުވައްޒަފަކީ ޕެރިޔަސަމީއާ ދެކޮޅަށް ޝަކުވާކުރި މުވައްޒަފުގެ ގޮތުގައެވެ.
ދައުލަތުގެ ވަކީލު ލިމް ޔިއައޮ ލިއޮންގް ކޯޓުގައި ބުނީ އެ މުވައްޒަފު ކުންފުނިން ނަގައިފައިވާ ލޯނެއް އަދާކުރަން ބޭނުންވީ ކަމަށެވެ.
"އޮޅުމަކުން ޕެރިޔަސަމީގެ އެކައުންޓަށް ފައިސާ ޖަމާކުރެވުމުން ކުންފުނީގެ ޑިރެކްޓަރެއް ހަމަ އެ ދުވަހު މުވައްޒަފުގެ ގާތުގައި ބުނީ އޭނާ ފައިސާ ޖަމާކުރި އެކައުންޓަކީ ކުންފުނީގެ އެކައުންޓެއް ނޫނޭ އަދި މިހެންވެ ކުންފުންޏަށް އެ ދަރަންޏަށް ވާ ފައިސާ ނުލިބެއޭ،" ލިއޮންގް ބުނި ކަމަށް ދަ ސްޓްރެއިޓް ޓައިމްސްއިން ރިޕޯޓްކުރިއެވެ.
މުވައްޒަފު ދެން ގުޅީ ޕެރިޔަސަމީގެ ބޭންކަށެވެ. އަދި އޭނާގެ އެކައުންޓަށް އޮޅުމަކުން ޖަމާކުރެވުނު ފައިސާ އަލުން އަނބުރާ ހޯދައިދިނުމަށް އެދުނެވެ.
އެއާ ވިދިގެން އެޕްރިލްގެ 10 ވަނަ ދުވަހު ބޭންކުން ޕެރިޔަސަމީއަށް ސިޓީއެއް ފޮނުވިއެވެ. އޭގައި ބުނީ ޕެރިޔަސަމީގެ އެކައުންޓަށް އޮޅިގެން ޖަމާކުރެވުނު ފައިސާ ހޯދަން މުވައްޒަފު އެދިފައިވާ ކަމަށެވެ.
މި ސިޓީ ފޮނުވީ ޕެރިޔަސަމީ މަސައްކަތްކުރި ކުންފުންޏަށެވެ. ސަބަބަކީ އޭނާ އެންމެ ފަހުން އުޅުނު ތަނެއްގެ ގޮތުގައި އެނގެން އޮތީ އެ ކުންފުނި ކަމަށްވުމެވެ.
މެއި މަހުގެ ނުވަ ވަނަ ދުވަހު ޕެރިޔަސަމީގެ ބޭންކުން މުވައްޒަފަށް ސިޓީއެއް ފޮނުވިއެވެ. އޭގައި ބުނީ ޕެރިޔަސަމީގެ އެކައުންޓަށް އޭނާއަށް އޮޅިގެން ޖަމާކުރެވުނު ފައިސާ އަނބުރާ ހޯދައިދިނުމުގެ މަސައްކަތް ފޭލިވިކަމަށެވެ. މިއާ ވިދިގެން މެއި މަހުގެ 23 ވަނަ ދުވަހު މުވައްޒަފު ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ.
ތަހުގީގުން ހާމަވި ގޮތުގައި އެ ފައިސާ ޕެރިޔަސަމީގެ އެކައުންޓަށް ޖަމާވިކަން މެއި މަހުގެ ކުރީކޮޅު އޭނާއަށް އެނގުނެވެ.
"ޕެރިޔަސަމީ ހުރީ އެ ވަރުގެ ބޮޑު އަދަދެއްގެ ފައިސާ ލިބޭނެ ކަމަށް އިންތިޒާރުކޮށްގެންނެއް ނޫން. އެއީ އޭނާގެ ފައިސާ ނޫންކަން އޭނާއަށް އެނގޭ،" ލިއޮންގް ބުންޏެވެ.
މިހެންވިއެއްކަމަކު ޕެރިޔަސަމީ ވަނީ އެހެން ބޭންކް އެކައުންޓަކަށް ހަތަރު ފަހަރުން އެ ފައިސާ ފޮނުވައިފައެވެ. އެއީ މެއި މަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ.
މެއި މަހުގެ ފަހުކޮޅު ކުންފުންޏަށް ރޭކާލީ ޕެރިޔަސަމީއަށް ބޭންކުން ފޮނުވި ސިޓީ ބޭންކުން ފޮނުވައިފައިވަނީ ކުންފުންޏަށްކަމެވެ. މިހެންވެ ކުންފުނީގެ ޑިރެކްޓަރު ޕެރިޔަސަމީއަށް ގުޅައިފައި އޭނާ ގެނެސް ބޭންކްގެ ސިޓީ އޭނާއާ ހަވާލުކުރިއެވެ. އަދި އެ ފައިސާ އަނބުރާ ކުންފުންޏަށް ހަވާލުކުރަން އެދުނެވެ. ޕެރިޔަސަމީ ދިން ޖަވާބަކީ އެ ފައިސާ އޭނާގެ ދަރިނިތައް އަދާކުރަން ހަރަދުކުރިކަމަށެވެ.
ފުލުހުންނަށް ނޮވެމްބަރު މަހު ދިން އިންޓަވިޔުއެއްގައި ޕެރިޔަސަމީ ބުނީ އިންޑިއާގައި ދިރިއުޅޭ އޭނާގެ އާއިލާއަށް އެ ފައިސާއިން ބައެއް ފޮނުވި ކަމަށެވެ.
މުވައްޒަފަށް ފައިސާ އަނބުރާ ދިނުމަށް އިތުރު ވަގުތު ދިނުމަށް ޕެރިޔަސަމީ ފުލުހުންގެ ކިބައިން އެދުނެވެ. އަދި މަހަކު 1،500 ސިންގަޕޫރު ޑޮލަރު (17،600ރ.) ދައްކައިގެން އެ މުވައްޒަފަށް ދޭން ޖެހޭ ފައިސާ އަނބުރާ ދެއްކުމުގެ ހުއްދައަކަށް އެދުނެވެ. ނަމަވެސް މި އަހަރަށް އަޅައި، މިހާތަނަށް ވެސް ޕެރިޔަސަމީ އެއްވެސް އަދަދެއްގެ ފައިސާ އެ މުވައްޒަފަށް އަނބުރާ ނުދޭކަމަށް ދަ ސްޓްރެއިޓް ޓައިމްސްއިން ރިޕޯޓްކުރިއެވެ.



advertisment