ރާއްޖޭގައި ވެސް މުހިންމު ވިޔަފާރިތަކެއް ހިންގާ އަދި ދުނިޔެއަށް އެންމެ މަޝްހޫރު އިންޑިއާގެ މަހުޖަނު ރަތަން ޓާޓާ މަރުވިތާ އެއް ދުވަސް ފަހުން ޓާޓާ ޓްރަސްޓްސްގެ އާ ވެރިޔާކަމަށް އޭނާގެ އެއްބަފާ ނޮއެލް ޓާޓާ ހަމަޖައްސައިފިއެވެ.
ޓާޓާ ޓްރަސްޓްސްއަކީ ޓާޓާ ސަންސްގެ އިންސާނީ އެހީތަކާބެހޭ ގޮތްޕެވެ. ޓާޓާ ސަންސްގައި ޓާޓާ ޓްރަސްޓްސްގެ 66 ޕަސެންޓް ހިއްސާ އޮވެއެވެ. އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ކަމަށްވާ މި ގްރޫޕްގެ އަހަރީ ފައިދާ 100 ބިލިއަން ޑޮލަރު (1535 ބިލިއަން ރުފިޔާ)އަށް އަރައެވެ.
ނޮއެލްއަކީ ރަތަންގެ ވެސް ބައްޕަ ނަވަލްގެ ދަރިއެކެވެ. ނޮއެލްގެ މަންމައަކީ ސިމޯންއެވެ.
އުމުރުން 67 އަހަރުގެ ނޮއެލްއަކީ ޓާޓާ ގްރޫޕްގެ ދަށުން ހިންގާ އެތައް ކުންފުނީގެ ބޯޑު މެންބަރެކެވެ. އޭގެ ތެރޭގައި ޓާޓާ ޓްރަސްޓްސް ހިމެނެއެވެ. އަދި ޓާޓާ ގްރޫޕް އާއިލާ ވިޔަފާރިއެއްގެ ގޮތުގައި ބޭއްވުމަށް ޓާޓާގެ އިންސާނީ އެހީތަކާ ބެހޭ ގޮފިތަކުގެ ވެރިޔާކަމާ ވެސް އޭނާ ހަވާލުވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ނޮއެލްއަކީ މިހާރު ވެސް ޓާޓާ އިންޓަނޭޝަނަލް ލިމިޓެޑް، ވޮލްޓަސް، އަދި ޓާޓާ އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ޗެއާމަންއެވެ. މީގެ އިތުރުން ޓާޓާ ސްޓީލް އަދި ޓައިޓަން ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަންގެ ނައިބެވެ.
ޓާޓާއިން ހިންގާ އަންނައުނުގެ ބޮޑު ރީޓޭލް ކުންފުނި ޓްރެންޓް ލިމިޓެޑް ހިންގުމާ ހަވާލުވެ ހުރީ ވެސް ނޮއެލްއެވެ. މި ކުންފުނީގެ ވެރިޔާއަށް އޭނާ 2014 ގައި ވީ ފަހުން ކުންފުނީގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ. ހަމަ މި ކުންފުނީގެ ދަށުން ފެޝަނާއި ލައިފްސްޓައިލްގެ މުދަލާއި ހިދުމަތް ކާމިޔާބުކަމާއެކު ވެސްޓްސައިޑް، ޒޫޑިއޯ އަދި ޔުޓްސާއިން ދެއެވެ.
ޓާޓާ ގްރޫޕްގެ ދުނިޔޭގެ ވިޔަފާރި ގޮފި ކަމަށްވާ ޓާޓާ އިންޓަނޭޝަނަލް ނޮއެލް ހިންގީ 2010 އިން ފެށިގެން 2021 އާ ހަމައަށެވެ. އެ މުއްދަތުގެ ތެރޭގައި ކުންފުންޏަށް 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ)އިން ފެށިގެން ތިން ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބުނެވެ.
ޓާޓާ ޓްރަސްޓްސްގެ ޗެއާމަންކަމަށް ނޮއެލް އިއްތިފާގުން އައްޔަންކުރިކަން އެ ތަނުން އިއުލާންކުރީ ހުކުރު ދުވަހުއެވެ.
"ރަތަން ދޫކޮށްފައި ދިޔަ ރީތި ނަން ދަމަހައްޓަން އަހަރެން މަސައްކަތްކުރާނަން. އިންސާނީ އެހީ ފޯރުކޮށްދިނުމާއި ގައުމު ބިނާކުރުމުގައި ކުރިއަށްދާނަން،" ނޮއެލް ބުންޏެވެ.
ޓާޓާގެ އާއިލީ ވިޔަފާރީގައި ހިމެނޭ ހިލޭސާބަހަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ވެސް ނޮއެލްގެ ތިން ދަރިން ހަރަކާތްތެރިވެއެވެ. އެ ގޮތުން ފިރިހެން ދަރިފުޅު ނެވިލްއަކީ ސްޓާ ބާޒާރުގެ ވެރިޔާއެވެ. އެއް އަންހެން ދަރިފުޅު ކަމަށްވާ ލިއާއަކީ ގޭޓްވޭގެ ވެރިޔާއެވެ. އަނެއް އަންހެން ދަރިފުޅު ކަމަށްވާ މާޔާ މަސައްކަތްކުރަނީ ޓާޓާ ޑިޖިޓަލްގައެވެ.
މި ދިޔަ ބުދަ ދުވަހު އުމުރުން 86 އަހަރުގައި ރަތަން މަރުވިއިރު އޭނާ ކައިވެންޏެއް ނުކުރެއެވެ. އަދި އެއްވެސް ދަރިއަކު ވެސް ނުހުރެއެވެ. މީގެ އިތުރުން އޭނާ މަރުވުމުން ޓާޓާ ޓްރަސްޓްސްއާ ހަވާލުވާނީ ކާކުކަން އޭނާ އިއުލާންކޮށްފައެއް ނުވެއެވެ.
ރަތަން، ޓާޓާ ސަންސްގެ ޗެއާމަންކަމުގެ މަގާމު ދޫކޮށްލީ 2012 ގައެވެ. އެ މަގާމު އޭނާ ހަވާލުކުރީ ސައިރަސް މިސްޓްރީއާއެވެ. އޭގެ ފަހުން 2016 ގައި ހީނުކުރާ ގޮތަކަށް މިސްޓްރީ ވަނީ މަގާމުން ދުރުކޮށް، 2017 ގައި އެ މަގާމު އެން. ޗަންދްރަސޭކަރަންއާ ހަވާލުކޮށްފައެވެ. މިއަދާ ހަމައަށް އެ މަގާމުގައި ހުރީ ޗަންދްރަސޭކަރަންއެވެ.
މަރުވަންދެން ރަތަން ހުރީ ޓާޓާގެ ޝަރަފުވެރި ޗެއާމަންކަމުގެ މަގާމުގައެވެ.



advertisment